ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކީ އެއްވެސް އަސާސެއް ނެތި ސިޔާސީ ނިޔަތަކާއެކު އުފުލައިފައިވާ ދައުވާތަކެއް ކަމަށާއި އެ ދައުވާތަށް އަނބުރާ ގެންދަން އެމްޑީޕީން ގޮވާލައިފިއެވެ.
މޭޔަރު ސައުދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ދައުލަތުން އުފުލައިފައިވާ ދައުވާތަކަކީ، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ދައުވާތައް ބިނާކޮށްފައިވަނީ، ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެންކަން ހާމަވާން އޮތް އިރު، އެ ފަދަ ކަމަކަށް ސައުދު ފަރުދީގޮތުން ޒިންމާވާންޖެހުމަކީ ނުވަތަ އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އަދި ޤާނޫނީ އާއްމު ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
މި ދައުވާތަކާއެކު، ދައުލަތުން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅައިފައި ނުވަނީ، ހަމަ ހަގީގަތުގައިވެސް އެ ފަދަ ޖިނާއީ ކުށެއްގެ އަމަލެއް ސައުދު ކޮށްފައި ނުވާތީ ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަތަކުގައި ދައުވާ އުފުލުމަށްޓަކައި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކޮށްފައި ވަނީ، އެހެނިހެން މައްސަލަތަކުގައި ކަންކުރާގޮތާއި އިދިކޮޅަށް އާދަޔާ ހިލާފު ބާރުމިނެއްގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި، ދައުވާ ހުށަހެޅުމާއެކު، ކްރިމިނަލް ކޯޓުން މިހާތަނަށް ޢަމަލުކޮށްފައިވާ ގޮތުން، ކޯޓަށް ހުށަހެޅިފައިހުރި އެހެން ދައުވާތަކުގައި ހިންގާ ޤަޟިއްޔާތަކާ ހިލާފަށް ވީ އެންމެ އަވަހަކަށް މި މައްސަލަތަކުގައި ހުކުމް ކުރުމަށް އަމާޒުހިފައިފައިވާކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އެ ދައުވާތައް ހުށަހަޅާފައި ވަނީ، ސައުދު އަލުން މޭޔަރުކަމަށް އިންތިހާބުވިޔަސް މަގާމު ގެއްލުވައިލައި ޖަލަށްލާނެކަމަށް ބުނެ، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާއްމުތަނެއްގައި އިންޒާރުދިންތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި އެހެންކަމުމް އިންސާފުން އެއްކިބާވެފައިވާ އެ ސިޔާސީ ދައުވާތައް އަނބުރައި ގެންދިޔުއުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އެމްޑީޕީން ބުނީ އެ ދައުވާތައް ކުރަނީ ތިނަދޫގެ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރުގެ މަގާމު ގެއްލުވައިލުމުގެ ބޭނުމުގައި ކަމަށް ވީތީ، އެކަމަކީ ޤާނޫނުއަސާސީއާއި ޑިމޮކްރަސީގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.
އަދި ރައީސް މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ ހަރަކާތްތެރިންނާއި އިންތިހާބީ މަގާމުތައް އަދާކުރަމުންދާ މެންބަރުންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކޮށް އެ ފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަން އެމްޑީޕީން ވަނީ ހަނދާންކޮށްދީފައެވެ.
![]()
