”ވެށިފަހި މާލެ“ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ 48 ބިމެއް ވިއްކާލުމަށް ނިންމައިފިއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ، މި ބިންތައް ވިއްކާލުމަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނާއި، އެ ބިންތަކާ އިންވެގެންހުރި ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން އެ ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.
މިގޮތުން ވިއްކާލުމަށް ހަމަޖެހިފައިވަނީ، މާފަންނުން 21 ބިން، މައްޗަންގޯޅިން 10 ބިން، ގަލޮޅުން 7 ބިން، ހެންވޭރުން 9 ބިން އަދި ވިލިމާލެއިން 1 ބިމެވެ. މި ބިންތަކުގެ ބޮޑުމިން އުޅެނީ 28 އަކަފުޓާ 180 އަކަފޫޓާ ދެމެދުގައެވެ. މިއިން ކޮންމެ ބިމެއްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 2000 ރުފިޔާގެ ރޭޓުންނެވެ.
މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވާގޮތުން، ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ”ވެށިފަހި މާލެ“ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، އަންނަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
”ވެށިފަހި މާލެ“ ޕްރޮގްރާމަކީ 2011 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު ވަނީ 28 ޖޫން 2021ގައި އާންމުކޮށްފައެވެ.
![]()
