އެމެރިކާގެ މިޑްޓާރމް އިލެކްޝަނާއެކު މެދުއިރުމަތި

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ވެށީގައި ހަނގުރާމައިގެ އަލިފާނުގެ ހޫނު ގަދަވަމުންދާއިރު އެމެރިކާއާއި އީރާނުންވެސް ބޭނުންވަނީ ޑިޕްލޯމެސީއަށް އިތުރު ފުރުސަތު ދޭންކަމަށް ގަތަރުން ހާމަކޮށްފިއެވެ. އަދި އެ މަޝްވަރާތަކަށް ބޭނުންވާ އިންތިޒާމްތަކާއި ވަސީލަތްތައް ގަތަރުން ގެންދަނީ ފުރިހަމަ ކުރަމުންނެވެ.

އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ އީރާން ބަނޑަށްޖެހި އެމެރިކާގެ ހަމަލާތައް ހުއްޓާލަންއާދޭސްކުރުން ނޫން އެހެން ގޮތެއް މިހާރަކު ނޯންނާނެކަމަށެވެ. އެހެންނަމަވެސް ކާމިޔާބު ކުރެވެނިވި މަޝްވަރާތަކަކަށް އެމެރިކާ އަބަދުވެސް ތައްޔާރުކަމަށްވިދާޅުވިއެވެ. ރައީސް ޓްރަމްޕްގެ ވާހަކަފުޅަށް ރައްދު ދެއްވައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށއިފިނަމަ ހަނގުރާމަ ކުރިއަށް ގެންދާނެ ފެންވަރަކާއި ސަރަހައްދަކާއި ނިންމާނެ ދުވަހެއް ކަނޑައަޅާނީ އީރާނުންކަމުގައި އީރާނުން ބުނެފައިވެއެވެ.


މިފަހަރުގެ މަޝްވަރާތަކުން ކާމިޔާބު އެއްބަސްވުމަކަށް އެމެރިކާއާއި އީރާން ގެނައުމަށްޓަކައި ރަޝިޔާއާއި ޗައިނާއިންވެސް މުހިންމު ދައުރެއް އަދާކުރާނެކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފައިވެއެވެ. މިހާރު ކުރެވެމުންދާ މަޝްވަރާތަކުގައި ޗައިނާއިންއެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަންވެސް އެ ގައުމުގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.
މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު މިހާރު ހުންނެވީ ގަތަރުގައެވެ. އެމެރިކާގެ ވަފުދު ވަރަށް އަވަހަށް ގަތަރަށް އަންނާނެކަމަށް ބެލެވެއެވެ.
މަޝްވަރާތަކުގެ އެޖެންޑާގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދި ހިފާއްޓާފައިވާ އީރާނުގެ ފައިސާގެ އިތުރުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ވަރަށް ފަލައަކުރުން ވަނީ ފާހަގަކޮށްފައެވެ. އީރާނުން ބޭނުންވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކާއި ލަޝްކަރުތައް މަދުކުރުމާއެކު އީރާނާ ދެކޮޅަށްއަޅާފައިހުރި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމާއި އަދި ހޮރްމުޒް ކަނޑުއޮޅިން އީރާނުގެ ބަނދަރުތަކަށް ކުރާ ދަތުރުތައް ބްލޮކް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައެމެވެ.
އެމެރިކާއާއި އިސްރާއީލުން ދީފައިވާ ހަނގުރާމައިގެ ހަމަލާތަކުގައި އީރާނުގެ ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރުން ވަރަށް ނުރާއްކާތެރި ހާލަތަކަށް ވެއްޓިއްޖެކަމުގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން އަށް އީރާނުން މައްސަލަ ހުށައަޅައިފިއެވެ. އިރާނުގެ ޝިކާޔަތާއެކު އެމެރިކާއާއި އިސްރާއީލުން ދީފައިވާ ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯއާއި ވީޑިއޯ ވެސް ވަނީ ހުށައަޅާފައެވެ.
މެދުއިރުމަތީގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނަށް މިޑްޓާރމް އިލެކްޝަންގައި ޑިމޮކްރެޓުންނަށް ލިބުނު ބޮޑު ކާމިޔާބީއާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް އަތުވެދާނެކަމަށް ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވައެވެ. މިޑްޓާރމް އިންތިޚާބުގެ ކާމިޔާބާ ގުޅިގެން ރައީސް އޮބާމާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވަފައިވަނީ އެމެރިކާގެ ރައްޔިތުން ބޭނުންވަނީ މީސްތަކުން ބައިބައިކުރަން ނޫންކަމާއި އެއްބައިވަންތަ ކުރުމުގެ ސިޔާސަތެއްކަން އަންގައި ދީފިކަމަށެވެ. ރައީސް ޓްރަމްޕްގެ ސަރުކާރަށް އިތުރު 2 އަހަރުދުވަހު މުއްދަތެއް ލިބިފައި އޮތުމާއެކު ޓްރަމްޕް ސަރުކާރުން ރައްޔިތުންނަށް އިތުރު ތަކްލީފް ކުރިމަތި ނުކުރެވޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި އަހަރެމެން ނަށް ޖެހިފައިމިވަނީ އަތުކުރި އޮޅާލާށެވެ. ރައީސް އޮބާމާގެ ޕޯސްޓްގައި ލިއުއްވާފައި ވެއެވެ.
އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބު ކުރެވުނު ފުރަތަމަ މުސްލިމް ސެނޭޓް އަބްދުލް ސައީދުގެ ކާމިޔާބީއަށްފަހު ވިދާޅުވެފައި ވަނީ އެމެރިކާ ރައްޔިތުން ޓެކްސްފައިސާ ދައްކަނީ އެފައިސާއިން އެމެރިކާގެ ކުޑަކުދިންވެސް ހިމެނޭގޮތުގައި ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް ކަމަށާއި އެހެން ގައުމުތަކުގެ ކުޑަކުދިން ބޮލަށް ބޮންއަޅަން ނޫންކަމަށެވެ. އެމެރިކާގެ ސަރުކާރުން ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ހިމެނި ވަޑައިގަންނަވާ ގޮތުގައި މިޝިގަންގެ ސެނޭޓް އަބްދުލް ސައީދާ ދެކޮޅަށް ބޮޑެތި ތުހުމަތު ތަކެއްކޮށް ކެމްޕޭން ކުރަމުން ގެންދިޔަނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ އެބޭފުޅާއާ ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޯޖަރ ބޮޑުތަނުން ބަލިކުރުމާއެކުގައެވެ. ސެނޭޓް އަބްދުލް ސައީދަކީ މިސްރުގެ ދަރިފަސްކޮޅަށް ނިސްބަތްކުރެވޭ ޑޮކްޓަރެކެވެ.
މިޑްޓާރމް އިލެކްޝަންގެ ފަހުން އީރާނާ ދެކޮޅަށް ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވަމުން ގެންދެވި ބާރުގަދަ ހަމަލާތަކާގުޅޭގޮތުން މިހާރު ވަނީ ކޮންމެވެސް ވަރަކަށް ރާގު ބަދަލުވެފައެވެ. އިންތިޚާބުގައި ރިޕްބްލިކަން ބަލިވުން ފޫޅުކަނޑާލާފައިވަނީ ދިފާއީ ވަޒީރު ހެގްސެތުގެ މައްޗަށެވެ. އެ މަނިކުފާނު މަގާމުގައި ބަހައްޓާފާނެ ކަމާމެދުވެސް މިހާރު އޮތީ ސުވާލު އުފެދިފައެވެ. ދިފާއީ ވަޒީރު މަގާމުން ވަކިކުރުމާބެހޭގޮތުން ރައީސް ޓްރަމްޕް ގެންދަވަނީ މުސްތަޝާރުންނާއެކު މަޝްވަރާކުރަކުން ކަމުގައިވެސް މީޑިއާތަކުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މީޑިއާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ދިފާއީ ވަޒީރު ހެގްސެތަކީ ވަރަށް ހިންގުންތެރި ބޭފުޅެއްކަމަށެވެ. އަދި ޓެނެސީގެ ސެނޭޓް މާރޝާ ބްލެކްބާރން ގަވަރނަރގެ އޮފީހާ ހަވާލުވުމުން ސެނެޓުގައި ހުސްވާ ގޮނޑި ދިފާއީ ވަޒީރު ހެގްސެތު އަށް ލިބިވަޑައިގެންފާނެތޯ ދެންނެވުމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ ގޮނޑި ހަގްސެތަށް ލިބި ވަޑައިގެންފިނަމަ ވަރަށްބޮޑު ޝަރަފަކަށް ވާނެއެވެ. އެމެރިކާގެ މިޑްޓާރމް އިލެކްޝަންގައި ރިޕަބްލިކުންނަށް ނާކާމިޔާބީއާކުރިމަތިލާންޖެހުން ސެންޓްރަލް ކޮމާންޑުގެ އެންމެ އިސްވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ އާއި ޗެއާރމަން އޮފް ދަ ޖޮއިންޓް އޮފް ސްޓާފް ޖެނެރަލް ޑޭން ކެއިންއަށްވެސް ވައިޓް ހައުސްގެ ބައެއް އެއިޑުން ތުހުމަތުގެ އިނގިލި ދިމާކުރަމުން ގެންދާކަން ބައެއް މީޑިއާތަކުގައި ބުނެފައި ވެއެވެ.
ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވާ އެއްޗަކަށް ބަލާއިރު ރައީސް ޓްރަމްޕް އާންމުކޮށް އެއްވެސް މައުލޫމާތެއް އިއުލާންކުރައްވަމުން ގެންދަވަނީ ވަރަށް ވިސްނަވާފައެވެ. އެމެރިކާބޭނުން ކޮންމެ ކަމެއް ކުރެވިދާނެކަމާދޭތެރޭ ޝައްކެއް ނުކުރެވޭނެއެވެ. އަހަރެމެންވެސް ބޭނުންވަނީ އީރާނާދެކޮޅަށް އުފެދިފައިވާ ދުޝްމަނީ ސުލްހަވެރި ކަމާއެކު ހައްލުކުރުމަށެވެ.
އީރާނުގެ މީޑިއޭޓަރުން މިދިޔަ ހުކުރު ދުވަހު ގަތަރުން ފުރާވަޑައިގަތީ އަލަށް އެކުލަވާލެވުނު އެއްބަސްވުމުގެ ދެލިކޮޕީ އާއެކުގައެވެ. ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ އެމެރިކާއިން ބުނާއެއްޗަކާ ކަންތައް ކުރާގޮތް ރަނގަޅުވެއްޖެނަމަ ސުލްހަވެރި އެއްބަސްވުމަކަށް އާދެވިދާނެއެވެ.
މެދުއިރުމަތީގެ މަސްރަހާބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރާއެކު ރައީސް ޓްރަމްޕް އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި އީރާނާއެކު ޑިޕްލޯމެޓިކް ހައްލަކަށް އައުމަށްޓަކައި މިއަންނަ ހަފުތާބަންދުގެތެރޭގައި ވާހަކަ ދައްކަން ފަށަން ބޭނުންފުޅުވާކަން ހާމަކުރައްވާފައިވާ ކަމުގައި ވޯލް ސްޓްރީޓް ޖާރނަލުން ރިޕޯރޓްކޮށްފައި ވެއެވެ.
އެންޓިގުއާގައި ހިނގަމުންދާ ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައި ގަންނަވާ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ގައުމުތަކުގެ އެއްބައިވަންތަކަމަށް މިލިބުނީ ރަނގަޅު ފުރުސަތެއް ކަމަށާއި އެހެންނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ދެކޮޅުވެރިކަން ނިމި ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ތަކްލީފާއި ތަކެތީގެ އަގުބޮޑުވަމުންދިއުން ހައްލު ކުރެވިގެން މެނުވީ ގައުމުތަކަށް ހަމަޖެހިލައިގެން ތިބެވެންނެތްކަން ދޭހަވާ މޭރުމަކުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޔޫރަޕްގެ އެހެން ގައުމުތަކުގެ އިސްވެރިންނެ ނަޒަރުގައި ރައީސް ޓްރަމްޕްގެ ރިޔާސަތުގައި ބާކީ އިތުރު ދެ އަހަރު އޮތުމާއެކު ވޯޝިންގްޓަންގެ ސިޔާސަތަށް ހެޔޮ ބަދަލެއް އަތުވެދާނެކަމަށްއުންމީދު ނުކުރެވޭކަން ވަނީ ހާމަކުރައްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް