އެމެރިކާގެ އެކި ކަންކޮޅުތަކުގައި 2026 ވަނަ އަހަރުގެ މިޑްޓާމް އިންތިޚާބުގެ ވޯޓު ގުނަމުންދާއިރު، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިދާނެ ކަމަށް ކުރީކޮޅުގެ ސިޔާސީ އަންދާޒާތަކުން ދައްކާތީ، އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބިރުން ހަލާކުވެއްޖެއެވެ.
ޓްރަމްޕްގެ ވެރިކަމުގެ ބާކީ އޮތް ދެ އަހަރު ދުވަހު އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް އޮންނާނެ ބަޔަކު ކަނޑައެޅުމަށްޓަކައި، އަންގާރަ ދުވަހު މިލިއަނަކަށް ވުރެ ގިނަ އެމެރިކާ ރައްޔިތުން ވަނީ ވޯޓު ލާފައެވެ. މި އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ހުރިހާ 435 ގޮނޑިއަކަށާއި، ސެނެޓުގެ 35 ގޮނޑިއަކަށް ވާދަކުރެއެވެ. ވޯޓުލުން އެންމެ ފުރަތަމަ ވާމޮންޓްގައި ފެށުނުއިރު، އޭގެ ފަހުން ނިއު ޖާޒީ، ވާޖީނިއާ، ކަނެކްޓިކަޓް، ކެންޓަކީ އަދި އިންޑިއާނާގެ ބައެއް ސަރަޙައްދުތަކުގައި ވޯޓުލުން ކުރިއަށްދިޔައެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚިޔާލު ހޯދުމުގެ ވޯޓުތަކާއި ވަކި ފަރާތަކަށް ނުޖެހޭ އިންތިޚާބީ ތަހުލީލުވެރިން ލަފާކުރަނީ ހައުސްގެ ކޮންޓްރޯލް އަލުން ޑިމޮކްރެޓުން ހޯދާނެ ކަމަށެވެ. ނަމަވެސް ސެނެޓުގެ ވާދަވެރިކަން އަދިވެސް އޮތީ ވަރަށް ވަރުގަދަކޮށެވެ. ދެ މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރު ކުރުމަށްޓަކައި ޑިމޮކްރެޓުންނަށް މަދުވެގެން ތިން ގޮނޑި އަދި ސެނެޓުން ހަތަރު ގޮނޑި އިތުރަށް ކާމިޔާބު ކުރަން ޖެހެއެވެ.
ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުމަކީ ވޯޓުލީ މީހުންގެ މައިގަނޑު ކަންބޮޑުވުންތަކަށް ވެފައިވާއިރު، ޓްރަމްޕަށް އޮތް ތާއީދުގެ މިންވަރު ވެސް ވަނީ އޭނާގެ ދައުރުގެ އެންމެ ދަށް މިންވަރާ ގާތްވެފައެވެ. ވަކިން ޚާއްޞަކޮށް، ކަޅު ނަސްލުގެ މީހުން ދިރިއުޅޭ މުޖުތަމަޢުތަކުގައި ވޯޓުލުމުގެ ޙައްޤުތަކާއި، ތަފާތުކުރުންތަކާއި، އަދި އިޤްތިޞާދީ ދަތިތަކާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ވޯޓުލާން ނިކުމެފައެވެ.
ރިސާޗް ގްރޫޕެއް ކަމަށްވާ ”އޯޕަންސީކްރެޓްސް“ އިން ބުނާ ގޮތުގައި، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ގާތްގަނޑަކަށް 12 ބިލިއަން ޔޫއެސް ޑޮލަރު ޚަރަދުކޮށްފައިވާ މި އިންތިޚާބަކީ ކެމްޕޭނަށް ރެކޯޑް ޢަދަދަކަށް ފައިސާ ޚަރަދުކުރި އިންތިޚާބެކެވެ.
އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ވަނީ 50 ސްޓޭޓުގައި ރެކޯޑް ޢަދަދެއް ކަމަށްވާ 1،000 އިންތިޚާބީ އޮބްޒާވަރުން ހަރަކާތްތެރިވާނެކަން އިޢުލާނުކޮށްފައެވެ. ވޯޓުލުމުގެ ތެރޭގައި ފްލޮރިޑާގެ މެޝިންތަކަށް 20 މިނެޓުގެ ވަގުތީ މައްސަލައެއް ދިމާވުމާއި، ޖޯޖިއާގައި ވޯޓުލާ މަރުކަޒުތަކާ ގުޅޭގޮތުން އޮޅުވާލައިގެން ފޮނުވި މެސެޖުތަކުގެ މައްސަލަ ފަދަ ބައެއް ކަންކަން ވަނީ ރިޕޯޓްކޮށްފައެވެ.
ވޯޓުލާ މަރުކަޒުތައް ބަންދުކުރުމާއެކު ވަގުތީ ނަތީޖާތައް އިޢުލާންކުރަން ފަށާނެ ކަމަށް ބެލެވުނު ނަމަވެސް، ވާދަވެރިކަން ބޮޑު ބައެއް ދާއިރާތަކުގެ ނަތީޖާ ސާފުވުމަށް އިތުރު ވަގުތު ނަގާފާނެއެވެ. ކޮންގްރެސްގެ ކޮންޓްރޯލް ރިޕަބްލިކަނުންގެ އަތުގައި ދެމިއޮންނާނެތޯ، ނުވަތަ ޓްރަމްޕްގެ ސިޔާސަތުތަކަށް ގޮންޖެހުމަށް ޑިމޮކްރެޓުންނަށް އިތުރު ބާރުތަކެއް ލިބިގެންދާނެތޯ ކަނޑައެޅޭނީ އެ ފަހުގެ ނަތީޖާތަކުންނެވެ.
![]()
