އަމިއްލަ އެދުމަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރަންޖެހޭ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައި ސިޔާމް ވިދާޅުވީ،، 1988 ނޮވެމްބަރު 3 ގެ ހާދިސާއިން ސިޔާސީ ދަހިވެތިކަމާއި ޚިޔާނާތްތެރިކަމުގެ ނުރައްކާތެރިކަން ހާމަވެގެންދާ ކަމަށެވެ. އަދި އެ ޢުދުވާނަކީ ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ޤައުމާ ދެކޮޅަށް ތެދުވެ، އަނިޔާވެރި އަމަލުތަކަށް ވާގިވެރިވެދާނެ ގޮތް ދައްކުވައިދިން ހާދިސާއެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ސިފަކުރެއްވި ގޮތުގައި ނޮވެމްބަރު 3 ގެ ޙަމަލާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލެވެ. އަދި އެ ޙަމަލާގައި ޤައުމު ދިފާޢުކުރަން އުޅުމުގެ ތެރޭގައި ފުރާނަ ގެއްލުނު ޝަހީދުންގެ ޒިކުރާ އާކުރައްވައި އެބޭފުޅުންނަށް ސިޔާމް ވަނީ އިޙްތިރާމް އަދާކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސިޔާމް ވަނީ، ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާމެދު ސަމާލުވެ ތިބުމަށާއި، ޤައުމަށް ވަފާތެރިކަން ދެއްކުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ ލާބައާއި މަންފާ އިސްކުރުމަށް އިލްތިމާސްކުރައްވަމުން، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަމުގެ މައްޗަށް ސިޔާމް އަލިއަޅުއްވާލެއްވިއެވެ.
ސިޔާމްގެ މެސެޖު ނިންމަވާލެއްވީ ރާއްޖެއަށް ދާއިމީ ޞުލްޙަމަސަލަސްކަމާއި، މިނިވަންކަމާއި އަދި ފާގަތިކަން މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.
1988 ވަނަ އަހަރުގެ އެ ޙަމަލާއަކީ އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ވައްޓާލުމަށްޓަކައި، ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ގެ ހަތިޔާރުއެޅި ސިފައިންގެ އެހީތެރިކަމާއެކު ދިވެހިންގެ މަދު ބަޔަކު އިސްވެ ދިން ޙަމަލާއެކެވެ.
މި ޙަމަލާގައި 8 ސިފައިނުންނާއި ޢާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.
![]()
