ސައްދާމް ހުސައިނަކީ އިސްލާމީ ދުނިޔެއަށް ވަފާތެރިއެއް ނުވަތަ ޣައްދާރެއްތަ!

Loading

Facebook
Twitter
WhatsApp

ތިންވަނަބައި
1979 ގައި އީރާނަށް އިންގިލާބުގައި އެގައުމުގެ ވެރިކަމުގައި ހުރި އެމެރިކާގެ ޕަޕެޓް ޝަހް ރިޒާ ގެ ވެރިކަން ނިމުމަކަށް ގެނެވުނެވެ. އެތައް ޒަމާނަކު އަރުވާލެވިގެން ހުންނެވުމަށްފަހު އިމާމް ޚުމައިނީ ގައުމަށް އެނބުރި ވަޑައިގެން ގައުމުގައި ނިންދަވާފައި އޮތް އިސްލާމް ދީން ހޭލައްވާ ލެއްވިއެވެ.


އީރާނަކީ ޝިޔާއީ މަޒްހަބަށް ތަބާވާ އަޣްލަބިއްޔަތެއް އޮތް ގައުމެކެވެ. އެހެންނަމަވެސް ރަސްކަމުގެ ބާރުތައް އޮތީ ސުންނީ މަޒްހަބުގެ ޝަހެންޝާހު މުހަންމަދު ރިޒާ ޕަހެލަވީގެ މުށުތެރޭގައެވެ. އިރާގަކީވެސް އާބާދީގައި ޝިޔަޢި މަޒްހަބްގެ އަޣްލަބިއްޔަތު އޮތްނަމަވެސް ސުންނީ މަޒްހަބުގެ ސައްދާމް ހުސައިންގެ ވެރިކަން އޮންނަ ގައުމެކެވެ. މިއީ ސައްދާމް ހުސައިނަށް އަޅާނުލާ ދޫކޮށްލައިގެން ހުރެވިދާނެ ހާލަތަށް ނުވިއެވެ. އީރާނެކޭ އެއްފަދައިން ކޮންމެވެސް ޝިޔާޢީ ލީޑަރަކު އިރާގަށް އިންގިލާބެއް ގެނެސްފާނެ ކަމުގެ ބިރުވެރިކަން ސައްދާމް ހުސައިންގެ ސިކުނޑިން ފިލުވާނުލެވުނެވެ.
އީރާނުގައި އޮތް އެމެރިކާގެ ޕަޕެޓް ސަރުކާރު ނިމުމަކަށް ގެނައުމަށްފަހު އެ ގައުމުގެ މުއްސަނދިކަމާއި ވަސީލަތްތައް ހުޅަނގުގެ ނުފޫޒުން މިނިވަންކޮށް އެންމެހާ ވަސީލަތްތައްވެސް ގައުމުގެ އިންގިލާބީ ސަރުކާރުގެ ބާރުދަށަށް ގެނުވިއެވެ. އީރާނުގެ އިންގިލާބީ ސަރުކާރުގެ އަމަލުތަކާ މެދު އެމެރިކާއޮތީ ވަރަށް ބޮޑަށް ނުރުހިފައެވެ.
އީރާނުގެ އިންގިލާބަށްފަހު އިމާމް ހުމައިނީގެ ދަރުސްތަކުގައި ވަރަށް ގިނަފަހަރު ސަރަހައްދުގެ އަރަބި ގައުމުތަކަށްވެސް އިންގިލާބީ ބަދަލެއް ގެންއުމަށް ގޮވާލައްވަމުން ގެންދެވިއެވެ. ބައެއްފަހަރު އިރާގުގެ ޝިޔަޢީ އާބާދީތަކަށް ސާފު ސީދާބަހުންވެސް ގޮވާލައްވަމުން ގެންދެވިއެވެ.
ސައްދާމް ހުސައިންގެ ފިކުރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަރަބި ގައުމުތަކާއި އެމެރިކާއިންވެސް އެމަނިކުފާނަށް ތާއީދު ލިބޭނެކަން އެނގުމާއި އަދި އީރާނުގެ އިންގިލާބީ ސަރުކާރަށްވެސް ގިނަ ދުވަސްތަކެއް ލިބިފައި ނުވުމާއެކު ސަރުކާރު ވައްޓާލުން އުދަނގޫ ވެދާނެކަމަކަށް ސައްދާމް ހުސައިން ހީފުޅެއް ނުކުރައްވައެވެ. އީރާނުގެ ކިބައިން ބަދަލު ހިފަން އެމެރިކާއިން އިންތިޒާރުކުރަމުން އައި ދުވަސް ފެށެން ކައިރިވަނީއެވެ.
ސައްދާމް ހުސައިންގެ ރޭވުމާއެއްގޮތަށް 1980 ވަނައަހަރު ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހު އިރާގުން އީރާނަށް ހަމަލާދޭން ފެށިއެވެ. އިރާގުގެ ލަޝްކަރުތައް ދިޔައީ ކުރިއަށް ޖެހެމުންނެވެ. ސައްދާމް ހުސައިން އުންމީދު ކުރައްވަމުން ގެންދެވީ މަދު ހަފުތާތަކެއގެ ތެރޭގައި އީރާނުގެ ސަރުކާރު ވައްޓާލައި އެމަނިކުފާނަކީ އަރަބި ދުނިޔޭގެ އެންމެ ބާރުގަދަ ވެރިޔާކަން ސާބިތުކޮށް ދިނުމަށެވެ. އެހެންނަމަވެސް ސައްދާމް ހުސައިންގެ ހުވަފެން ބިލާހަކަށްވެ ދެ ގައުމުންވެސް އެތައް ލައްކަ މީހުންގެ ފުރާނަ ގެއްލި 8 އަހަރު ދުވަސް ވާންދެން ހަނގުރާމަ ދެމިގެންދިޔައެވެ. ސައްދާމް ހުސައިން ގެންދެވީ އެމަނިކުފާނު އަތުގައިހުރި އެންމެ ނުރައްކާތެރި ހަތިޔާރުވެސް ބޭނުންކުރަމުން ހައްޔަރު ކުރެވުނު ބައެއް އީރާނީ މިލިޓްރީ ދިރިތިއްބާ އަންދަމުންނެވެ. ހަނުގާރަމަ ހޫނުވަމުން ދިޔަވަރަކަށް ސައްދާމްހުސައިންގެ ދުނިޔެވަންތަ އެދުންވެރިކަންވެސް ދިޔައީ ބޮޑުވަމުންނެވެ. އީރާނާ ދެކޮޅަށް އޮތް އުދުވާނުގައި ވޯޝިންގޓަނުން ސައްދާމް ހުސައިނަކީ ބައިވެރިއެއް ކަމުގައި ބަލައިގެންފިއެވެ. އެމެރިކާއިން ސައްދާމް ހުސައިނަށް މިލިޓްރީ އިންޓެލިޖެންސް ފޯރުކޮށްދެމުން ގެންދިޔައިރު ފަރަންސޭސިވިލާތާއި ސޯވިއެޓް ޔޫނިއަންގެ މިލިޓްރީ އެހީތަކާއި ސައޫދީ އެރޭބިއާގެ މާލީ އެހީތައް އިރާގަށް އޮހެމުންދިޔައެވެ. ކުރުގޮތަކަށް މުޅި ދުނިޔެ އޮތީ މި ހަނގުރާމައިގާ ސައްދާމް ހުސައިނާއެކުގައޭ ބުނެވިދާނެއެވެ. އެމެރިކާގެ އެއްބައިވަންތަކަން ސާބިތުކޮށްދިނުމުގެ ގޮތުން 1983 ވަނަ އަހަރު ޑޮނާލަޑް ޓްރަމްޕް އިރާގަށް އައިސް ސައްދާމް ހުސިނާ ބައްދަލު ކުރެއެވެ. އީރާގުން އީރާނާދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރަމުންގެންދާކަން އެމެރިކާއަށް ކުރިއްސުރެންވެސް އެނގޭކަން އެމެރިކާގެ ނޫސް މަޖައްލާތަކުގައި ހާމަކޮށްފައި ވެއެވެ. މިއަދު އިސްރާއީލުން ފަލަސްތީނާދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުން ޔުނައިޓެޑް ނޭޝަން އިންވެސް ވަނީ މަނާކޮށްފައެވެ. އެކަމަކު އެދުވަހު އީރާނުގެ މިލިޓްރީންނާ އަދި އާންމު ރައްޔިތުންނާ ދެކޮޅަށް ސައްދާމް ހުސައިން ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެން ދިރިތިއްބާ އަންދަމުން ގެންދިއުންވެސް އޮތީ އެންމެ ރަނގަޅުކަމަކަށްވެފައެވެ. ސައްދާމް ހުސައިނަކީ ސުޕަރޕަވަރ ގެ ބައިވެރިއަކަށްވީމައެވެ.
ހަނުގުރާމައިގެ އަންޖާމް ލޮލުކޮޅަށްވެސް ފެންނަން ނެތި ދުވަސްތައް ދިގުލައި ސައްދާމް ހުސައިން ހަތިޔާރުގަތުމަށްޓަކައި އަދާކުރަން ޖެހޭ ދަރަނި 126 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިގެން ދިއުމުން އޯގަސްޓް 1988 ގައި ހަނގުރާމަ ނިންމުން އިއުލާންކުރެވިގެންދިޔައެވެ. އިރާގަށް ނުވަތަ އީރާނަށްވެސް ލިބުނު ކާމިޔާބީއެއް ނެތެވެ. ދެ ގައުމުންވެސް އެތައްބަޔަކު މަރުވެ ފޫނުބެއްދޭވަރުގެ އިގްތިސާދީ ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ލިބުނު ބޮޑު ނާކާމިޔާބީއަށްފަހުގައިވެސް ސައްދާމް ހުސައިންގެގަދަ ދެއްކުން ހުއްޓައެއް ނުލައްވައެވެ. އިރާގާއި އަދި ބައެއް އަރަބިގައުމުތަކުގައި އެމަނިކުފާނުގެ ފޮޓޯތައް ފެންނަން ހުންނާނެ އިންތިޒާމްވެސް ކުރެވިގެން ދިޔައެވެ.
1990 ވަނައަހަރުގެ ނިމުމާ ހަމަޔަށް ސައްދާމް ހުސައިންގެ އާރާއި ބާރު މެދުއިރުމަތީގެ ގައުމުތަކުން ފޮހެވިގެން ދާގޮތެއް ނުވެއެވެ. އެ މަނިކުފާނު މަޝްހޫރު ވެފައިވަނީ އަރަބި ގައުމުތަކުގެ ސްޓްރޯން މޭން ގެ ނަމުންނެވެ. އީރާނާ ދެކޮޅަށް 8 އަހަރު ދުވަސް ވާން ދެން ކުރި ހަނގުރާމައިގާވެސް އެމަނިކުފާނުގެ ޖާނަށް ގެއްލުމެއް ނުލިބެއެވެ.އެވެ. ހުޅަނގުގެ ލީޑަރުންގެ ކުރިމަތީގައި މަގްބޫލުކަން އޮތީ ހާސިލު ކުރެވިފައެވެ. އަރަބި ރަސް ރަސްކަލުން ތިއްބެވީ އެމަނިކުފާނަށް ހިމާޔަތް ދިނުމަށް ތައްޔާރުގައެވެ.
ސައްދާމްގެ ރިޔާސަތުގައި އިރާގަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވުނެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ޔުނިވަރސިޓީތައް ގާއިމް ކުރެވުނެވެ. ރައްޔިތުންގެ ލިއެކިއުމުގެ ފެންވަރު މަތިކޮށް އިރާގުގައި ރީތި ޑިޒައިންތަކުގެ ގަނޑުވަރުތައް ބިނާކުރެވިގެން ދިޔައެވެ. އިރާގުގެ އާންމު ރައްޔިތުންނާއި އަދި ދުނިޔޭގެ ކުރިމަތީގައިވެސް އިއްޒަތް ލިބިގެންވާ ލީޑަރަކަށް ސައްދާމް ހުސައިން ވެއްޖެއެވެ.
މި ޝަރަފްވެރި މަގާމަށް އާދެވުނީ އެމެރިކާއާއި ހުޅަނގުގެ ބޭނުންތަކެއް ފުއްދުމަށްޓަކައި ސައްދާމް ހުސައިންގެ ބޭނުން ހިފަން އެތައް ޒަމާނަކުއްސުރެން އެ ގައުމުތަކުން ގެންގުޅުނު ދަންތޫރަކައަކާ ދިމާލަށް ލަވަމުން ގެންދިއުމުގެ ސަބަބުންނެވެ. އިރާނާ ދެކޮޅަށް ކުރި ނާކާމިޔާބު ހަނގުރާމައިގެ ހުޅަނގުން ބޭނުންވި ނަތީޖާ ނުލިބުމުން ފުރަތަމަ ފިއްތުން ކުރިމަތި ކުރީ ދަރަނި އަދާކުރުމަށެވެ. ދަރަނީގެ މައްޗަށް ދަރަނި އިތުރުވަމުން ދިއުމަކީ ސައްދާމް ހުސައިން ގަބޫލު ކުރައްވާ އުސޫލަކަށް ނުވެއެވެ. އީރާނާ ދެކޮޅަށް ހަނގުރާމަކުރަން ސައްދާމް ހުސައިނަށް މާލީ އެހީ ލިބުނު ކުވޭތާއި ސައޫދީ އެރޭބިއާ އަދި އެހެން އަރަބި ގައުމުތަކަށް ވިދާޅުވަމުން ގެންދެވީ “ އަހަރެން ހަނގުރާމަ ކުރީ ކަލޭމެންނަށްޓަކައެވެ. އަދި އަހަރެން ހަނގުރާމަ ނުކުރިނަމަ މިއަދު ކަލޭމެންގެ ގައުމުގައި އޮންނާނީ އީރާނުގެ ވެރިކަމެކެވެ. “ މިހެންނެވެ. ސައްދާމް ހުސައިންގެ މި ދައުވާ ކުވައިތުން ގަބޫލެއް ނުކުރިއެވެ. ކުވޭތުގެ ދަރަނި އަނބުރާ އަތުލަން މަސައްކަތްކުރުން ސައްދާމަ ހުސައިން މައާފެއް ނުކުރިއެވެ. ޒިއްލަތު ނުވަތަ އިނގިރޭސިބަހުން ހިއުމިލިއޭޝަން އަކީ ސައްދާމް ހުސައިން ގަބޫލުކުރާނެ ކަމެއް ނޫނެވެ. އަދި ކުވޭތުގެ ވެރިންނަކީ ޣައްދާރުން ކަމުގައި ނިންމިއެވެ.
1990 ވަނައަހަރު އޯގަސްޓްމަހު 2 ވަނަ ދުވަހު ފަތިހު އިރާގުގެ ޓޭންކަރުތައް ތެލުގެ މުއްސަނދިކަން ލިބިފައިޥާ ކުޑަކުޑަ ކުވޭތަށް އަރާގެންފިއެވެ. 48 ގަޑިއިރު ތެރޭގައި އިރާގުގެ ބާރުގެ ދަށަސް ކުވޭތު ގެނެވިއްޖެއެވެ. އަދި ކުވޭތުގެ ވެރިންނާއި ޝާހީ އާއިލާގެ އިސްބޭފުޅުން ސިއްރިޔާތުގައި ގައުމު ދޫކޮށް ފިއްލަވަން މަޖުބޫރު ވެއްޖެއެވެ. ކުވޭތު ފަތަހަ ކުރެވުމުން ސައްދާމް ހުސައިންގެ ބޮޑާކަން އިތުރު ވެގެން ދިޔަތަން ފެނުނެވެ. ސައްދާމް ހުސައިން ދެކޭގޮތުގައި ކުވައިތަކީ އަބަދުވެސް އިރާގުގެ ބައެކެވެ. އަދި އެ ގައުމަށް އަރައިގަތުމަކީ އިންސާފެވެ. އޭގެކުރިން ސައްދާމް ހުސައިން ގެންދެވީ އެގައުމުގެ ރަމޭލާ އޮއިލް ފީލްޑުން ވަގަށް ތެޔޮ ނަގާކަމުގެ އިލްޒާމްވެސް ކުވޭތުގެ ބޮލުގައި އަޅުވަމުންނެވެ. ކުވޭތަށް އަރައިގަތުން ވެގެންދިޔައީ ސައްދާމް ހުސައިންގެ ރަހްމެއްނެތް ހިލިހިލާގަނޑަށް އިރުވި ބޮޅެއް ކަމުގައެވެ. ސައްދާމް ހުސައިން ގަބުލުކުރާ ގޮތުގައި އީރާނާދެކޮޅަށް ކުރި ހަނގުރާމަ އަށްފަހު އީރާގު އޮތީ ބަލިވެފައިކަމަށް ކުވޭތުން ދެކެއެވެ. އެހެންވީމާ ކުވޭތު ހިފުމަކީ ސައްދާމުގެ ނަޒަރުގައި އެންމެ އިންސާފު ވެރިގޮތެވެ. އަދި ފައިސާގެތެރެއަށް ގެނބިފައިވާ އަރަބި ލީޑަރުންނާ ދެކޮޅަށް ތެދުވެވަޑައިގެންފައިވާ ބަތޮލަކީ ހަމައެކަނި އެމަނިކުފާނު ކަމުގައި ދުނިޔެއަށް ދައްކަންވެސް ބޭނުންވީއެވެ.
ކުވޭތަށް އަރައިގަތުމުގައި ސައްދާމް ހުސައިންގެ ވިސްނުން އަމާޒަށް ވާސިލުކުރެވޭ ގޮތެއް ނުވިއެވެ. އެ މަނިކުފާނު ހީކުރެއްވީ އަރަބި ގައުމުތަކުގެ ލީޑަރުން އެމަނިކުފާނަށް ތާއީދު ކުރައްވާނެ ކަމަށެވެ. އެކަމަކު އަރަބި ލީޑަރުންގެ ވިސނުން މުޅިން ތަފާތެވެ. ކުވޭތަށްފަހު ދެން ސައްދާމް ހުސައިން ދިމާކުރާނީ ސައޫދީ އެރޭބިއާއަށް ކަމުގައި އެ ގައުމުގެ ވެރިން ގެންދިޔައީ ގަބޫލުކުރަމުންނެވެ. މި ސަބަބަށްޓަކައި ސައްދާމް ހުސައިންގެ ހަރަކާތްތައް ހުއްޓުވުމަށް ސައޫދީ އެރޭބިއާއިން ވަނީ އެމެރިކާގެ އެހީތެރިކަމަށް އެދިފައެވެ. ހަމަ އެދުވަސްވަރު އުސާމާ ބިން ލާދިންގެ އަލްގައިދާ ޖަމާއަތުންވެސް ސައްދާމް ހުސައިނާ ދެކޮޅަށް ކުވޭތުގައި ހަނގުރާމަކޮށްދީފާނެކަން އެ ޖަމާއަތުން ސައޫދީ އެރޭބިއާއަށް ހުށައަޅާފައި ވެއެވެ. އުސާމާ ބިން ލާދިން މިހުށައެޅުމުގެ އެއް ސަބަބަކީ އަރަބިންގެ ބިންތަކަށް އެމެރިކާ އައުމަކީ އުސާމާ ހިތްހަމަޖެހޭ ކަމެއްނޫނެވެ. އަދި އަފްޣާނިސްތާނުގައިތިބި ސޮވިއެޓް ޔުނިއަންގެ ސިފައިންވެސް އެ ގައުމުން ފައިބަން މަޖުބޫރު ކުރެވިދާނެކަން އެނގޭތީވެ، ސައްދާމް ހުސައިން ކުވޭތުން ބޭލުމަކީ އުދަނގޫކަމަކަށް ނުވާނެކަން އަންދާޒާކުރެވުމެވެ.
ކުވޭތަކީ ފަރުބަދަ ގިނަ ގައުމަކަށް ނުވާތީ އަލްގާއިދާގެ މުޖާހިދުން ފިލާތިބެގެން ސައްދާމް ހުސައިނާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނެ ކަމަށްބުނެ ސައޫދީ އެރޭބިއާއިން އުސާމާ ބިން ލާދިންގެ ހުށައެޅުން ގަބޫލުނުކޮށް ރައްދުކުރީއެވެ. އަދި އޭގެ ބަދަލުގައި އެމެރިކާއިން އެކަން ކުރަން ދޫކޮށްލަންވެސް ސައޫދީ އެރޭބިއާއިން އުސާމާ ބިން ލާދިން ކައިރީގައި ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް