ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި“ މި ޝިއާރުގެ ދަށުން ހެލްތު އެންޑް ފެމެލީގެ ނަމުގައި ޚާއްސަ އެކްސްޕޯއެއް ބާއްވަން ނިންމައިފިއެވެ.
މި އެކްސްޕޯ އޮންނާނީ ނޮވެންބަރ 5،6،7 ގައި ސެންޓަރަލް ޕާރކްގައެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރު ކަމަށެވެ. އަދި ފާއިތުވެ ދިޔަ ދެ އަހަރުގައިވެސް މި އެކްސްޕޯއަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މާލެސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލަކާއެކު 60 ހަށް ވުރެ ގިނަ ސްޓޯލް ބެހެއްޓިފައި ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އެކްސްޕޯގައި ޞިއްޙީ އިޖުތިމާއި އަދި ދުޅަހެޔޮ އުފާވެރި އާދަތަކަށް އާއްމުން ހޭލުންތެރިކުރުމާއި، ދެޖިންސްގެ ހަމަހަމަކަމާއި ނާޒުކު ހާލަތްތަކުގައި އުޅޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި، ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމުތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރެވޭނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ދާއިރާއާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެންމެހާ ހެލްތު ފެސިލިޓީސްތަކުން ދެމުންގެންދާ ޚިދުމަތްތައް އެއްތާކުން އެންމެނަށް ފޯރުކޮށްދީ، އެ މުއައްސަސާ ގުޅޭ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުމުގެ އިތުރުން އާއިލާއާއިއެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެގޮތަށް މި އެކްސްޕޯގެ ހަރަކާތްތައް ވަނީ ފަރުމާކުރެވިފައި ކަމަށެވެ.
މިގޮތުން ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެނިހެން ޞިއްޙީ މައުލޫމާތާއި ތަފާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ.
އަދި ބިދޭސިންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތު އަދި ހެލްތު ސްކްރީނިންގއާއި ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި ނަފްސަނީ ދުޅަހެޔޮ ކަމާގުޅޭ މައުލޫމާތުތަކުގެ އިތުރުން ހެލްތީ ފުޑް ސްޓޯލްތަކާއިއެކު ކެއުން ބުއިމުގެ އާދަތަކާއި ގުޅޭ މައުލޫމާތު ދެވޭނެއެވެ.
މީގެއިތުރުން މިއުޒިކް ޝޯތަކާއި، ބިރުވެރިހޮހޮޅަ އަދި މިނޫންވެސް މުނިފޫހިފިލުވުމުގެ އެކި ހަރަކަތާތައް އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެއެވެ.
![]()
