ޒާކިރު ނައިކު ތާލިބާނުން ދިފާޢުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް ތަޢުލީމު އުނގެނުން މަނާކުރުމަށް ތާލިބާނުން ނިންމި ނިންމުން ދިފާޢުކުރެއްވުމާ ގުޅިގެން، އިންޑިއާގެ އިސްލާމީ ދަޢުވަތުވެރިޔާ ޒާކިރު ނައިކަށް އިންޑިއާ، ޕާކިސްތާން އަދި އަފްޣާނިސްތާނުގެ ނޫސްވެރިންނާއި، އެކްޓިވިސްޓުންގެ އިތުރުން އެކަޑެމިކުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ޢާންމުވެފައިވާ ވީޑިއޯއެއްގައި ޒާކިރު ނައިކު ވިދާޅުވީ، އަފްޣާނިސްތާނާ ބެހޭގޮތުން މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އޮޅުވާލުމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ތާލިބާނުން އަންހެން ކުދިންގެ ސާނަވީ އަދި މަތީ ތަޢުލީމު ހުއްޓުވާފައިވަނީ ސެކިއުރިޓީ ޙާލަތު ރަނގަޅުވަންދެން ވަގުތީ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގްރޭޑް 6 އާ ހަމައަށް ފަށާ ތަޢުލީމު ދަނީ ލިބެމުންނެވެ. އަދި މަތީ ތަޢުލީމު މެދުކަނޑާލާފައިވަނީ އަންހެން މުދައްރިސުން މަދުވުމާއި ރައްކާތެރިކަމާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށެވެ.

ނަމަވެސް، ނޮބެލް ސުލްޙައިގެ އިނާމު ހާސިލްކޮށްފައިވާ މަލާލާ ޔޫސުފްޒާއީގެ ބައްޕަ، ޒިޔާއުއްދީން ޔޫސުފްޒާއީ ވަނީ ޒާކިރު ނައިކުގެ މި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ ދިފާޢަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި، މުއްދަތެއް ނެތް ގޮތަށް މަނާކޮށްފައިވާ ކަމެއް އެއީ ވަގުތީ ފަސްކުރުމެއްގެ ގޮތުގައި ދެއްކުމަކީ، އަންހެން ކުދިން ތަޢުލީމުން މަޙްރޫމް ކުރުމަށް ސައްޙަކަމެއް ދިނުން ފަދަ ނުރައްކާތެރި ކަމެކެވެ.

އަފްޣާނިސްތާނުން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ޕާލަމެންޓް މެންބަރު މަރިޔަމް ސުލައިމާންޚިލް ވެސް ވަނީ ޒާކިރު ނައިކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ، އަންހެނުން ވަޒީފާ އަދާކުރުން ވެސް ތާލިބާނުން މަނާކޮށްފައިވާއިރު، އަންހެން މުދައްރިސުން މަދުވުމަކީ ތަޢުލީމު މަނާކުރުމަށް ދެއްކޭނެ ބަހަނާއަކަށް ވަނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

ޔުނިސެފުން ބުނާ ގޮތުގައި، ސެޕްޓެމްބަރު 2021 ގައި ތާލިބާނުން އަލުން ވެރިކަމަށް އައި ފަހުން، އަފްޣާނިސްތާނުގެ 2.6 މިލިއަނަށް ވުރެ ގިނަ އަންހެން ކުދިންނަށް ވަނީ ސާނަވީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ގެއްލިފައެވެ. އަފްޣާނިސްތާނަކީ އަންހެން ކުދިންނާއި އަންހެނުންނަށް ސާނަވީ އަދި މަތީ ތަޢުލީމު އުނގެނުން މުޅިންހެން ބަންދުކޮށްފައިވާ ހަމައެކަނި ޤައުމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް