ކެންސަރުން ސަލާމަތްވުމަށް، ކެއުމުގައި ބޭނުންކުރާ ލޮނުގެ ވައްތަރުން އިސް ދައުރެއް އަދާކުރެއެވެ. އެގޮތުން، ދުވަހުން ދުވަހަށް ކެއުމުގައި ބޭނުންކުރާ ލޮނުގެ ބާވަތްތަކުގެ ތެރެއިން ސިއްހަތަށް އެންމެ ފައިދާހުރި ލޮނެއް ހިޔާރުކުރުމާ ގުޅޭގޮތުން އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ އަރްޖުން ސަންކަރަން މިވަނީ މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.
މީސްމީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވީ، މާކެޓުގައި ތަފާތު ނަންނަމުގައި ވިއްކަން ހުންނަ ޕިންކް ސޯލްޓް ފަދަ ލޮނުގެ ބާވަތްތަކަކީ އާންމުކޮށް ކެއުމަށް ބޭނުންކުރާ ހުދު ލޮނަށްވުރެ ގިނަ މިނަރަލްސް އެކުލެވޭ އެއްޗެއްގެ ގޮތުގައި އިޝްތިހާރުކުރި ނަމަވެސް، އޭގައި އައިއޯޑިން އެކުލެވޭ މިންވަރު ވަރަށް މަދު ކަމަށެވެ. ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރަނީ ހުދު ލޮނެވެ. މައިގަނޑު ސަބަބަކީ އެންމެ އަގުހެޔޮކޮށް ރާއްޖޭގެ މާކެޓުގައި ލިބެން ހުންނަނީ ހުދު ލޮނު ކަމަށް ވާތީއެވެ.
ތަފާތު ލޮނުގެ ބާވަތްތަކާ ގުޅޭގޮތުން އެ ޑޮކްޓަރު ދެއްވާފައިވާ އިރުޝާދަށް ބަލާއިރު، އަސްލު ހުދު ލޮނަކީ ކެމިކަލް ބޭނުންކޮށްގެން ބްލީޗްކޮށްފައި ހުންނަ އެއްޗެއް ނޫނެވެ. އެއީ ކަނޑުގެ ލޮނު އަވިން ހިއްކައި ސާފުކުރުމަށްފަހު އެއަށް އަޔޮޑިން ނުވަތަ ދަނގަނޑުގެ ބައި އެއްކޮށްގެން ހަދާފައި ހުންނަ އެއްޗެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކެއުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ އަޔޮޑިން އެކުލެވޭ ހުދު ލޮނެވެ. މީގެ އިތުރުން ފަރުބަދަތަކުން ނަގާ ޕިންކް ސޯލްޓާއި ސެންދާ ނަމަކް ފަދަ ލޮނުގައި އައިއޯޑިން ހުންނަނީ ވަރަށް މަދުން ކަމަށްވާތީ، އެ ފަދަ ލޮނުގެ ބާވަތްތަކަކީ އާންމުގޮތެއްގައި ބޭނުންކުރުމުގެ ބަދަލުގައި، ރަހަ ތަފާތުކޮށްލުމުގެ ގޮތުން މަދުން ބޭނުންކުރުން ރަނގަޅު ބާވަތްތަކެއް ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. ލޭމައްޗަށް ދާ މީހުންނަށް ލޯ-ސޯޑިއަމް ލޮނު ރަނގަޅު ނަމަވެސް، ކިޑްނީގެ ބަލިތައް ހުންނަ މީހުންނާއި ލޭގެ ޕްރެޝަރު ނުވަތަ ޕޮޓޭސިއަމް ގުޅަ ބޭނުންކުރާ މީހުން ލޮނު ބޭނުންކުރަން ވާނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ އިންޒާރުދެއްވާފައިވެއެވެ.
ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި ލޮނުގެ ކުލައަށްވުރެ މުހިންމީ އޭގައި އަޔޮޑިން ހުރުމެވެ. އަޔޮޑިން ނުވަތަ ދަނގަޑުގެ ބައި މަދުވުމަކީ ތައިރޮއިޑް މައްސަލަތަކާއި، ހަނދާން ނެތޭ ބައްޔާއި، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތަކަށް މަގުފަހިކުރާ ކަމެކެވެ. އަދި ކުޑަކުދިންގެ ސިކުނޑި އާލާވުމަށާއި ތައިރޮއިޑް ކެންސަރުން ރައްކާތެރިވުމަށް އަޔޮޑިން މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ކެއްކުމަށްވެސް އަޔޮޑިން އެކުލެވޭ ލޮނު ބޭނުންކުރުމަށާއި، ދުވާލަކު ބޭނުންކުރާ ލޮނުގެ މިންވަރު ސައިސަމުސަލަކަށްވުރެ އިތުރުނުކުރުމަށް އޭނާ އިރުޝާދު ދެއްވާފައިވެއެވެ.
![]()
