ބަޑި ބުރާސްފަތީގައި އަހަރެން

Loading

November 3, 2026
profile
Facebook
Twitter
WhatsApp

އޭރު އަހަރެންގެ އުމުރުން ވާނީފަސް އަހަރާއި ދެ މަހާއި އެއް ހަފުތާއެވެ. އަހަރެން އުފަންވިއިރު އަހަރެންގެ ދޮއްޓަށް ތިބި ކުދިން ބޮޑެތިވެއްޖެއެވެ. އެހެންކަމުން އަހަރެންނަކީ ގޭގައި ހުންނަ ހަމައެކަނި ކުޑަކުއްޖާއެވެ.

ބޮޑެއްޗަށް ތިބި ކުދިން ވަޒީފާގައާއި އެހެންވެސް ކަންކަމުގައި ގެއިން ބޭރުގައި އުޅޭތީ އަހަރެން ވަރަށް ފޫހިވެއެވެ. އެހެންކަމުން ބޭރު ބަލައިލުމަށްޓަކައި ބައްޕަ ހުންނާނީ މަގުފާރުން ބޭރު ފެންނާނޭހެން އަރައި ހުރެވޭނެ ގޮތަށް ތައްޔާރުކޮށްދީފައެވެ. ކުޅެން އުޅެފައި ފޫހިވާ ވަގުތުތަކުގައި އަހަރެން ހުންނާނީ ފާރުމައްޗަށް އަރައި ބޭރު ބަލާށެވެ.

އެ ދުވަހު ހެނދުނު ހޭލިއިރު ގޭގެ ހުރިހާ ދޮރެއް ހުރީ ލައްޕައި ތަންޑުއަޅާފައެވެ. ގޭތެރެ އޮތީ އަނދިރިކޮށެވެ. ފަހުން އެނގުނީ އެއީ ކަރަންޓު ނެތީމާކަމެވެ. އެންމެން ހަމައަށް ގޭގައި ތިބިއިރު، އެންމެންވެސް އުޅެނީ ކޮންމެވެސް ކަމަކާ ބިރުންނެވެ.

މަގުފާރާ ދިމާއަށް ހުންނަ ގިފިލީގެ ދޮރުވެސް ހުރީ ގަދައަށް ތަންޑުއަޅާފައެވެ. އަނެއް ފަޅިއަށް ހުންނަ ގިފިއްޔަށް ވައްދައިގެން ދޮންދައްތަ އަހަރެން ފެންވެރުވިއެވެ. އަހަރެން ފާރުމައްޗަށް އަރަން ދާންވެގެން ބޮޑާހާކާވަރުން ކަމެއް ނޭނގެއެވެ. އެ ދުވަހު ހެނދުނު އަހަރެން ލެއްވީވެސް ހަވީރު ލާ ހެދުމެކެވެ. ވައިލެޓު ކުލައިގެ ގަމީސްބުރިއަކާއި ވައިލެޓު ކުލައިގެ ބޮޑެތި ފިނިފެންމާތަކެއް ޖަހާފައި ހުރި ކަޅު ތިރީބުރިއެކެވެ.

ދޮންދައްތަ އަހަރެންގެ ބޯ އައްސަނިކޮށް ކުއްލިއަކަށް ބޭރުން އިވެންފެށީ ބާރު އަޑެކެވެ. އަހަރެން ހިތަށްއެރީ ހަވާ އަރުވަނީ ކަމަށެވެ. އަހަރެން ބޭނުންވީ ބޭރު ބަލަން ފާރުމައްޗަށް އަރަން ދާށެވެ. ދޮންދައްތައާއި ކުޑަބޭބެ އައިސް ބުނެދޭން އުޅުނީ އެއީ ބަޑިޖަހާ އަޑު ކަމަށެވެ. އެކަމަކު އަހަރެން ބޭނުންވީ ބަޑިޖަހާތަން ބަލާލަން ދާށެވެ. އެއީ ކިހާ ނުރައްކާތެރި ކަމެއްކަން އަހަރެންގެ ތުއްތު ސިކުނޑިއަކަށް ނުވިސްނުނެވެ. ބަޑިޖަހާތަން ބަލަން އަހަރެން ވަރަށް ބޮޑާހޭކީމެވެ. ބުއްޓަށިވެސް ނުބޯން އެތައް އިރަކު ހިފަހައްޓާލީމެވެ.

އެދުވަހުގެ މެންދުރުފަހު ބައްޕަމެން ތިއްތިބޭ ގެއަށް ދިޔައެވެ. އިރުގަނޑެއް ފަހުން ހުސް ފުޅިތަކެއް ހިފައިގެން ތިއްތިބޭއާއި އެގޭގައި އުޅޭ އެކި ރަށްރަށުގެ މީހުންނާއި އެހެންވެސް ގޭދޮށު މީހުންތަކެއް އައެވެ. މުޅިންވެސް ފިރިހެނުންނެވެ. އައި ބަޔަކުވެސް އަންނަނީ ވަރަށް ސިއްރުން، ފިލަފިލައިގެންކަން އެނގެއެވެ.

އެމީހުން އައުމުން މަގުފާރާވީ ފަރާތު ގިފިލި ހުޅުވިއެވެ. ފުޅިތައް ދޮވެ ސާފުކޮށް، ރަނގަޅަށް ހިއްކާފައި ބެހެއްޓިއެވެ. ފުއްލާ ހަވާދު ދަޅެއް ވަކި މިނަކަށް ހިމަދިގަށް ކަފާފައި އެއިން ފުޅިބައްތީގެ ފީތާ ލައްވާ ބައިތަކެއް ހެދިއެވެ. އަހަރެން ވަރަށް ޝައުގުވެރިކަމާއެކު މަސައްކަތް ބަލަން އިނީމެވެ.

ދިހައެއް ނޫނީ ފަނަރަ ވަރަކަށް ފުޅި ހެދިއެވެ. ކޮންމެ ފުޅިއަކަށް ވަކި މިނަކަށް ސާފުތެޔޮ އަޅައި އެކި ގޭގެއަށް ބަހާލިއެވެ. ހުރިހާ ކަމެއް އެނގެން ބޭނުންވެފައި އިން އަހަރެން އެއީ ކީއްކުރާ ފުޅިތަކެއްތޯ ސުވާލުކުރީމެވެ. ބައްޕަ ބުނީ ބާޣީން އަރައިގެން ކަރަންޓު ކަނޑާލާފައި އޮތުމުން ރޭގަނޑު ދިއްލަންވެގެން ކަމަށެވެ.

ބާޣީންނަކީ ކީއްކުރާ ކޮން ބައެއްކަން ނޭނގުނަސް، ނުރައްކާތެރި ބައެއްކަން ބައްޕަގެ ވާހަކައިން އެނގުނެވެ. މެންދުރުފަހު ނިދިފައި އަހަރެންނަށް ހޭލެވުނުއިރު އިރުއޮއްސި އަނދިރިވަނީއެވެ. ގޭގައި ފުޅިބައްތި ދިއްލާފައި ހުއްޓެވެ.

ފަހުން ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ފަތިހު ހޭލައިގެން މަންމައާއެކު ހިނގާލަން ނުކުތީމެވެ. ހަނދާންވާގޮތުން އޭރު ކަރަންޓުވެސް ހުރީ ލިބިފައެވެ.

މަންމައާއެެކު ކިނބިގަސްދޮށުގޭ ކައިރިއާއި އެހިސާބުގެ އެކި ގޭގޭދޮށުގައި ހިނގާލީމެވެ. ހާދިސާ ހިނގާފައިވާތަން ދެކެލާށެވެ. އޭރު ވަރަށް ގިނަ މީހުން މަރާލި ވާހަކައާއި ދުޝްމަނުން އަތުލައިގަތް ވާހަކަ މަންމަ ކިޔައިދިނެވެ. އެކަމުގައި ބޮޑެއްޗަށް ތިބި ބައެއްގެ ނަންތައްވެސް މަންމަ ކިޔައިދިނެވެ. ކޮންމެވެސް ތަނެއް ދައްކާފައި ”އެއީ މިވެނި މީހަކު މަރުވެގެން ވެއްޓުނު ތަނޭ“ މަންމަ ބުނި ހަނދާނެއްވެސް ވެއެވެ.

މިއީ އޭރު ފަސް އަހަރުގެ އަހަރެންގެ ސިކުނޑީގައި ހަރުލާފައި ހުރި، އެ ދުވަހުގެ ތަޖުރިބާގެ ހަނދާންތަކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް