ޕާކިސްތާނާއި އީރާނާ ދެމެދުގެ އުނދަގޫ ހާލަތެއްގެ ފެށުން

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުން އީރާނާއެކު ގާއިމް ކުރެވިފައިވާ ވިޔަފާރި އަދި އިޤްތިޞާދީ ގުޅުންތައް ކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ބާރު އަޅުއްވަމުންނެވެ.ނަމަވެސް އީރާނާއެކު އޮންނަނީ ގާތް ގުޅުންތަކެއްކަމަށް ވިދާޅުވެ އެމެރިކާއިން ބާރު އެޅިނަމަވެސް ޕާކިސްތާނުން އަންނަނީ ގުޅުންތައް ދަމަހައްޓަމުންނެވެ.


ފަހަކަށް އައިސް އަނެއްކާވެސް އެމެރިކާއިން ބާރު އެޅުން ވަނީ އިތުރު ވެގެން ގޮސްފައެވެ.
ނަތިޖާއެއްގެ ގޮތުން ޝަހުބާޒް ޝަރީފް ވަނީ ބޯޑަރު ހުރަސްކޮށް މުދާ އަދި ތެލުގެ ބާވަތްތައް އީރާނަށް އެތެރެކުރެވޭ މަގުތައް ބަންދު ކުރުމަށް ނިންމާފައެވެ.
އީރާނުން ލިބޭ ލިކުއިފައިޑް ގޭހުގެ މިންވަރު މަދު ވާނެކަން ހާމަ ވުމާއި އެކު ޕާކިސްތާނުގައި މުދަލުގެ އަގުވަނީ 30 އިންސައްތައާއި 50 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ވަގުތުން އުފުލިފައެވެ.
ޕާކިސްތާން ގެ މާކެޓްގެ 50 އިންސައްތަ ބޭނުންކުރަނީ އީރާނުން ލިބޭ ލިކުއިފައިޑް ގޭހެވެ.
އީރާނުގެ މަގު ބަންދު ވެއްޖެ ނަމަ ތެޔޮހޯދާނެ އިތުރު ގޮތެއް ހޯދުންވެސް ވާނީ ވަރަށް ދަތިކަމަކަށެވެ.ޚާއްސަކޮށް ހޮރްމޫސް ކަނޑުއޮޅި ބަންދުވެފައި އޮތުމުން މިކަން ވަނީ އިތުރަށް ދަތިވެގެން ގޮސްފައެވެ.
ޕާކިސްތާނުން ބުނެފައިވާ ގޮތުގައި ބޯޑަރު މަގުތައް ބަންދު ކުރަނީ ސްމަގްލިންގ، މީހުން ވިއްކުން، ޑްރަގްގެ ވިޔަފާރި އަދި އެހެނިހެން ސެކިއުރިޓީ މައްސަލަ ތައް ހައްލު ކުރުމަށް ކަމުގައެވެ.އަދި މިއީ ސެކިއުރިޓީ ސަބަބު ތަކަށްޓަކާ ކުރާކަމެއް ކަމަށާ ސިޔާސީ ބޭނުމެއްގައި ކުރާކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ.
މިމައްސަލަ އާއި ގުޅޭގޮތުން އީރާނުން އަދި އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.ނަމަވެސް އީރާނުގެ ތެލާއި ތެލުގެ ބާވަތްތައް ނުލިބުމުން ޕާކިސްތާންގެ މުދަލާއި ޚިދުމަތުގެ އަގުތައް އުފުލެމުން ދާގޮތް ބަލަން އަދި މަޑުން އޮތީއެވެ.
ޕާކިސްތާންގެ އިގްތިސާދަކީ މިހާރުވެސް ދަތި ހާލަތެއްގައި އޮތް އިގްތިސާދެކެވެ.ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އިގްތިސާދީ ނިންމުން ތަކަށް އާންމުންގެ އިތުބާރު ގެއްލި ސަރުކާރާދެކޮޅަށް އާންމުންގެ މުޒާހަރާ ތައްވެސް ވަނީ ފަށާފައެވެ.
ޕާކިސްތާން އާއި އީރާނާ ދެމެދު އޮތީ ޒަމާންވީ ގަދަފަދަ އާއިލީ ގުޅުމެއް ފަދަ ގުޅުމެކެވެ. އިގްތިސާދީ މަންފާގެ އިތުރުން ދެގައުމު ހިއްސާކުރާ ތާރީހެއް އޮތް އިރު ސަގާފީ ގޮތުންވެސް ދެގައުމު ހިއްސާކުރާ ގިނަ ކަންތައް ތަކެއް ހިމެނެއެވެ.އަދި ބޭނުންކުރާ ބަހުގެ ގޮތުންވެސް ދެގައުމުގައި އެއްގޮތް ސިފަތަކެއް ހުރެއެވެ.
އެހެން ކަމުން އެމެރިކާގެ ފިއްތުންތަކަށް ތަބާވުމުގެ ގޮތުން ޕާކިސްތާނުން އީރާނާ ގުޅޭ ބޯޑަރު ބަންދުކޮށްލައިފިނަމަ ގާތް ރަހުމަތްތެރި ދެގައުމުގެ ދެމެދުގައި އޮތް ގުޅުންތައް ގޯސްވެގެން ދާނެއެވެ.އަދި މިކަމުގެ ބަދަލު އެމެރިކާއިން ދޭނެ ކަމަކަށްވެސް ނުބެލެއެވެ.ޕާކިސްތާންގެ އިގްތިސާދަށް ލިބޭނެ ބޮޑު ގެއްލުން ފޫބެއްދުމަށް އެމެރިކާއިން މާލީ އެހީ ނުދޭނެއެވެ.
މިއަދުގެ ހާލަތުން ދައްކާދެނީ ޕާކިސްތާންގެ ސިޔާސީ މަޝްރަޚް އެމެރިކާއިން ފުރިހަމަޔަށް ކޮންޓްރޯލް ކުރަމުން ދާތަނެވެ.އެހެނީ އެމެރިކާގެ ފިއްތުންތަކަށް ތަބާވެ ބޯޑަރު ބަންދު ކޮށްފިނަމަ އެކަމުގެ ފައިދާކުރާނީ އިދިކޮޅު ލީޑަރު އިމްރާން ޚާން އަށެވެ. ޕާކިސްތާންގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސް ވުމުގެ ނަތީއަކަށްވާނީ އާންމުންގެ ނަފްރަތު ސަރުކާރަށް އަމާޒު ވުމެވެ. އަދި މިކަމުގެ ފައިދާ ލިބޭނީ އިމްރާން ޚާން އަށެވެ.
ޕާކިސްތާންގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެ،ޚާއްސަކޮށް އީރާނުގެ ތެލާއި ތެލުގެ ބާވަތްތައް ނުލިބޭ ހާލަތު ދިގުވެގެން ދާނަމަ އާންމުން ރައްޔިތުން އިތުރަށް ނުރުހި މަގުތަކަށް ނިކުތުމުން މިއީ ހަމައެކަނި އެމެރިކާގެ ގޮވާލުމަށް ސެކިއުރިޓީ ސަބަބު ތަކަށްޓަކައި ކުރި ކަމެއް ކަމަށް ބުނެ ސަރުކާރުން އާންމުން ނަށް ”އަދަބު“ ދިނުން ކުރިޔަށް ގެންދާނީ ބާއެވެ؟
މިކަމުގައި އެތައް ސުވާލުތަކެއް އުފެދެއެވެ. އީރާނުން ޕާކިސްތާނަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ ހެއްޔެވެ؟ މައްކާ އެލަޔަންސް ގެ ދަށުން ލިބޭ ހިމާޔަތަކީ ކޮބާހެއްޔެވެ؟ އެންމެ ފަހުން ޕާކިސްތާންގެ އާންމުގެ ކެތްތެރިކަން ކޮޅުންލައި އިހްތިޖާޖްތައް ފުޅާކޮށް ސަރުކާރު ބަދަލުކުރާ ހަމަޔަށް ކަންތައް ދުއްވާލާނެ ހެއްޔެވެ؟

Loading

Leave a Reply

ފަހުގެ އަޕްޑޭޓް