ޔޫރަޕަށް ދެ ތޫފާނެއް: އެކަކު މަރުވެ، 150،000 ގެއިން ކަރަންޓު ކެނޑުނު!

Loading

Facebook
Twitter
WhatsApp

އުތުރު ޔޫރަޕަށް އެރި ބާރުގަދަ ދެ ތޫފާނެއްގައި މީހަކު މަރުވެ، 150،000 އަށް ވުރެ ގިނަ ގެއިން ކަރަންޓު ކެނޑި، ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް އެރި ”ބޮއެލޯ“ އަދި ”އޮސްޓިން“ ތޫފާނުގެ އަސަރު އިނގިރޭސިވިލާތާއި، ފްރާންސާއި، ޖަރުމަނާއި، ނެދަލަންޑްސް އަދި ބެލްޖިއަމަށް ވަނީ ކޮށްފައެވެ.

ސްކޮޓްލޭންޑުގެ ހުޅަނގު ދެކުނުގައި އާދީއްތަ ދުވަހު ގަހެއް ވެއްޓި، އުމުރުން 60 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި ސްކޮޓްލޭންޑުގެ މެދުތެރޭގައި ވެސް ގަހެއް ވެއްޓި ދެ އަންހެނަކަށް އަނިޔާވިއެވެ. ސްކޮޓްލޭންޑުގެ ހުޅަނގު ސަރަޙައްދުތަކުގައި ގަޑިއަކު 135 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހި، ގަސްތަކާއި ކަރަންޓު ދަނޑިތައް ވެއްޓި، މަގުތަކާއި ރޭލު ދަތުރުފަތުރުގެ ނިޒާމަށް ވަނީ ހުރަސްއެޅިފައެވެ.

އާދީއްތަ ދުވަހު އިނގިރޭސިވިލާތުގެ 82،000 އަށް ވުރެ ގިނަ ގެއިން، ފްރާންސްގެ ގާތްގަނޑަކަށް 60،000 ގެއިން އަދި ޖަރުމަނުގެ މަދުވެގެން 10،000 ގެއިން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. ޖަރުމަނުގައި ކަރަންޓު ކެނޑުމުގެ ސަބަބުން މޯބައިލް ފޯނުގެ ޚިދުމަތްތަކަށް ބުރޫއަރައި، ފްރައިބާގް ކައިރީގައި ހުންނަ ހޮސްޕިޓަލެއްގެ ޚިދުމަތްތައް ހަމައެކަނި ކުއްލި ފަރުވާއަށް ޚާއްޞަކުރަން މަޖުބޫރުވިއެވެ.

މި ތޫފާންތަކުގެ ސަބަބުން ފްރާންސް، ޖަރުމަނު، ބެލްޖިއަމް އަދި ނެދަލަންޑްސްއިން ވެސް މީހުންނަށް އަނިޔާވިއެވެ. އަދި އަމްސްޓަޑަމްގެ ޝިޕޯލް އެއާޕޯޓުގެ ދަތުރުތައް ހިމެނޭ ގޮތަށް އެތައް ސަތޭކަ ފްލައިޓެއް ވަނީ ކެންސަލްކޮށް ނުވަތަ އެހެން އެއާޕޯޓުތަކަށް ޑައިވަރޓްކޮށްފައެވެ.

އިނގިރޭސިވިލާތާއި ސްކޮޓްލޭންޑުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ. ޔޫކޭގެ މެޓް އޮފީހުން ވެސް ވަނީ ވަޔާއެކު އުދުހިގެންދާ އެއްޗެހީގެ ސަބަބުންނާއި ބާރުގަދަ ރާޅުތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެ، ވީވަރަކުން ގޭތެރޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

މި ތޫފާންތަކަކީ އުތުރު ޔޫރަޕަށް ޚަރީފު މޫސުމުގެ ނުރައްކާތެރި ފެށުމެއް ކަމުގައި ބެލެވޭއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ނުރައްކާތެރި މޫސުމީ ހާދިސާތައް އިތުރުވަމުންދާ ކަމުގެ އިންޒާރު މާހިރުން ދަނީ ދެމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް