ނޯބެލް ސުލްހައިގެ އިނާމު ނުލިބުމުން،ލިއުންތެރިކަމުގެ ރޮގުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ ޕުލިޓްޒަރ ޕްރައިޒް އޭނާއަށް ލިބެންޖެހޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި މިއަހަރު ޕުލިޓްޒަރ ޕްރައިޒް ލިބުނު ޖަރނަލިސްޓުން ރަޝިޔާ އިންވެސްޓިގޭޝަން ގެ މައުލޫމާތު ގެނެސްދީފައިވާގޮތް ރަގަޅު ނޫން ކަމަށާ މައުލޫމާތުވެސް ގޯސްކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ކުރިން ޓްރަމްޕް ވިދާޅުވަމުން ގެންދެވީ އޭނާއަށް ނޯބެލް ސުލްހައިގެ އިނާމު ލިބެން ޖެހޭނެ ކަމުގައެވެ. ނަމަވެސް ނޯބެލް ސުލްހައިގެ އިނާމު ނުލިބުމުން މިހާރު ވިވަނީ ޕުލިޓްޒަރ ޕްރައިޒް އޭނާއަށް ލިބެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ސައުތު ކެރޮލައިނާގައި އޮތް ރެލީއަކާއި ބުދަދުވަހު މުޚާތަބް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ދެއިނާމުންވެސް އޭނާ މަހްރޫމް ކޮށްފައިވާކަމަށާ ލިއުންތެރިކަމުގެ އިނާމު އޭނާއަށް ހައްގު ކަމުގައެވެ.އަދި ރަޝިޔާ އިންވެސްޓިގޭޝަން ކަވަރކޮށްގެން ޕުލިޓްޒަރ ޕްރައިޒް ލިބުނު ޖަރނަލިސްޓުންގެ މަސައްކަތް ރަގަޅު ނޫންކަމަށާ އެމީހުންނަށް ޕުލިޓްޒަރ ޕްރައިޒް ދޭން ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޕުލިޓްޒަރ ޕްރައިޒް އާއި ބެހޭގޮތުން ޓްރަމްޕް ވާހަކަދައްކަވާފައިވަނީ 2022 ވަނަ އަހަރުން ފެށިގެން ރަޝިޔާގައި ހިފަހައްޓާފައިހުރި އެމެރިކާގެ ޓީޗަރެއްކަމަށްވާ ސްޓެފަން ހަބަޑް ދާދިފަހުން ދޫކޮށްލެވިފައިވާތީ އެވާހަކަ ދެއްކެވުމުގެ ތެރޭންނެވެ.
ޓްރަމްޕް ބައެއް ފޮތްތައް ޕަބްލިޝް ކުރައްވާފައިވީނަމަވެސް ގިނަ ފޮތްތައް ލިއްވާފައިވަނީ ޕްރޮފެޝަނަލް ލިއުންތެރިންނާއި އެކު އެވެ.
2018ވަނަ އަހަރުގެ ”ޕުލިޓްޒަރ ޕްރައިޒް އިން ނެޝަނަލް ރިޕޯޓިންގ“ ދީފައިވަނީ 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ރަޝިޔާއިން ކުރި މަސައްކަތް ހާމަކޮށް ނިއުޔޯކް ޓައިމްސް އަދި ވޮޝިންގޓަން ޕޯސްޓުން ހަރަކާތްތެރިވި ޖަރނަލިސްޓުންނަށެވެ.
![]()
