ސްޕެނިޝް ސުޕަރކަޕްގެ ފައިނަލްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އެތްލެޓިކް ކްލަބް ބައްދަލުކުރި މެޗް 3-2ގެ ނަތީޖާއިން އެތްލެޓިކް ކްލަބުން ކާމިޔާބުކޮށް އެޓީމުން ތަށި އުފުލާލައިފިއެވެ.
މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ބާސާއިންނެވެ. މެޗްގެ 40 ވަނަ މިނިޓުގައި ގްރީޒްމަން ނަގައިދިން ލީޑް 42 ވަނަ މިނިޓުގައި ބާސާއަށް ގެއްލުނީ، އެތްލެޓިކް ކްލަބުގެ މާކޯސް ކާމިޔާބު ކޮށްދިން ގޯލާއި އެކުގައެވެ.
ދެވަނަ ހާފް ފެށިގެން 77 ވަނަ މިނިޓުގައި ބާސާއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީވެސް ގްރީޒްމަން އެވެ. ނަމަވެސް ބާސާ ތަށި ލިބުމާއި ގާތްވެފައި ވަނިކޮށް މެޗްގެ 90 ވަނަ މިނިޓުގައި އެތްލެޓިކް ސަލާމަތް ކޮށްދިނީ ވިލަލިބްރެއެވެ.
މެޗްގެ ނަތީޖާ ހަމަހަމަވެ އިތުރު ވަގުތުގެ ކުޅުން ފެށިތާ 3 ވަނަ މިނިޓްގައި އެތްލެޓިކް ކްލަބްގެ ވިލިއަމްސް ކާމިޔާބު ކޮށްދިން ގޯލާއި އެކު އެޓީމަށް ލީޑް ލިބުނެވެ. އަދި އޭގެ ފަހުން ގޯލަށް ބޯޅައެއް އެތެރެ ކޮށްލުމުގައި ބާސާ ވަނީ ނާކަމިޔާބު ވެފައެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވީފަހުން ލިއޮނެލް މެސީއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. މި ކާޑު ދެއްކީ އޭނާކުރި ފައުލަކާއި ގުޅިގެންނެވެ. މިއީ މެސީއަށް ބާސިލޯނާގެ ދިގު ކެރިއަރުގައި ލިބުނު ފުރަތަމަ ރަތް ކާޑެވެ. އާޖެންޓީނާ ޓީމުގައި އޭނާގެ ކެރިއަރުގައި ދެ ރަތް ކާޑު ލިބިފައިވެއެވެ.