ހަނގުރާމައަށް ތައްޔާރަށް ތިބުމަށް ރައީސް ޓްރަމްޕް އެންގެވުމާއެކު އެމެރިކާގެ މިލިޓްރީން ގަލްފު ސަރަހައްދަށް އަނެއްކާވެސް ފުނިޖައްސަނީ
ވައިޓް ހައުސްގެ ރިޔާސަތު މިހާތަނަށް ލިބިފައިވާ އިސްރާއީލުގެ ބޮޑުވަޒީރުގެ އެންމެގާތް ރަޙްމަތްތެރިޔާ އަދި އިސްރާއީލުގެ އެމްބަސީ އެންމެފުރަތަމަ ގުދުސްއަށް ބަދަލުކުރަން އަމުރުކުރި ރައީސް ޓްރަމްޕް އާއި ނަތަންޔާހޫގެ ދޭތެރޭ ސިޔާސީ ކުނިޖެހުނު ޚަބަރު މީޑިއާތަކުގައި ފަލަ ސުރުޚީއަކަށް ވެއްޖެއެވެ.
އޮކްޓޯބަރ 27 ގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ އިސްރާއީލުގެ އާންމު އިންތިޚާބާއި ނޮވެމްބަރ 3 ވަނަ ދުވަހަށް ތާވަލްކުރެވިފައިވާ އެމެރިކާގެ މިޑްޓާރމް އިންތިޚާބު ބޯމަތިވެފައިވަނިކޮށް އުފެދިފައިވާ މި ދެބަސްވުމުގެ އަސްލު ސަބަބު އެނގޭގޮތެއް ނުވިއެވެ. މިހާތަނަށް އެނގިފައިވަނީ ހަމައެކަނި ނަތަންޔާހޫއަށް ރައީސް ޓްރަމްޕްގެ ތާއީދު ނުލިބޭނެކަމެވެ. ލޮސް އެންޖަލްސް ޓައިމްސްއާއި އަދި ޓައިމްސް މެގަޒިނުން ހާމަކޮށްފައިވާގޮތުގައި ރައީސްޓްރަމްޕް ނަތަންޔާހޫއާ ދެކޮޅަށް ވިދާޅުވެފައިވަނީ އެތައް ދުވަހެއް ވާންދެން އުފެދެމުންދިޔަ ދެބަސްވުމެއް ހާމަކޮށްދިނުމަށްވުރެން ސިޔާސީ ގޮތުން މާ ނުރައްކާތެރި ވާހަކަފުޅެކެވެ. ޓައިމްސް މެގަޒިންއަށް ރައީސް ޓްރަމްޕް ދެއްވި 75 މިނިޓްގެ ބަސްދީގަތުމުގައި އިސްރާއީލުގެ އިންތިޚާބުގައި ބޮޑުވަޒީރު ނަތަންޔާހޫއަށް އެ ގައުމުން އިތުރު ފުރުސަތެއް ދޭންޖެހޭތޯ ސުވާލު ދެންނެވުމުން ވަރަށް ސާފު ބަހުން ވިދާޅުވެފައިވަނީ “ އަހަރެންނަކީ މިހާރު އިސްރާއީލުގެ ސިޔާސީ ކަންތައްތަކަށް ޝައުގުވެރިވާ މީހެއް ނޫން “ މިހެންނެވެ. އަޑުއަހާމީހަކަށް މިއީ ވަރަށް އާދައިގެ ބަސްފުޅެކެވެ. އެކަމަކު ސިޔާސީ ބަސްފޮތުގައި މިއީ އާދައިގެ ޖުމުލައެއް ނޫނެވެ. އިންތިޚާބު އެންމެ ފަނަރަ ދުވަހަށް ކައިރިވެފައިވަނިކޮށް މަށާ ބެހޭ ކަމެއް ނޫނޭ ބުނުމެވެ. މި ވަގުތު ތެލްއަވީވުގައި ތިބި ހުރިހާ އެނަލިސްޓުންގެ ތަރުޖަމާއަކީވެސް އެއީއެވެ. މީގެކުރިން ބީބީއަކީ ވަރަށް ކުޅަދާނަ ލީޑަރެކޭ އެތައްފަހަރަކު ވިދާޅުވަމުން ގެންދެވި ރައީސް ޓްރަމްޕްގެ ސިޔާސީ ވިސްނުންފުޅު ނަތަންޔާހޢާ ދެކޮޅަށް ބަދަލުވުން ވަރަށް ދުރެވެ.
އިސްރާއީލުގެ ހާރެޒް އާއި ޖެރޫސަލަމް ޕޯސްޓުން އޮކްޓޯބަރ 11 ގައި ބޭއްވި ޚިޔާލުހޯދުމުގައި ނަތަންޔާހޫ އަށް ވަފާތެރި ބްލޮކަށް ލިބޭނެކަމަށް ބެލެވިފައިވަނީ ޕާރލަމެންޓުގެ 53 ގޮޑިއެވެ. އޭނާގެ އެންމެ ބޮޑު ޗެލެންޖަރ ކުރީގެ އާރމީ ޗީފް އަށް ވަފާތެރި ބްލޮކަށް 50 ގޮޑި ލިބޭނެކަމަށް ބެލެވުނެވެ. ސަރުކާރެއް އެކުލަވާލުމަށްޓަކައި ކެނެސެޓްގެ 61 ގޮޑި ކާމިޔާބު ކުރަން ޖެހޭނެއެވެ. އެއްވެސް ބްލޮކަކަށް ކާމިޔާބު ކުރެވޭ ވަރުގެ އަޣްލަބިއްޔަތެއް ލިބިދާނެކަމަށް ނުބެލެވެއެވެ. އިސްރާއީލުގެ އާންމު ރައްޔިތުންގެ ރުހުން ބޮޑުކަމަށް ބެލެވެނީ އާރމީ ޗީފްގެ ބްލޮކަށެވެ. ނަތަންޔާހޫ އޭނާގެ ސިޔާސީ ހަނގުރާމައިގާ ވާނެ ގޮތެއް ނޭގި ގޮތް ހުސްވެގެން އުޅޭއިރު އޭނާގެ އެންމެ ގާތް އަދި ބާރުގަދަ ރަޙްމަތްތެރިޔާ ވައިޓް ހައުސްގައި އެ އިންނެވީ މަށަކާ ބެހޭ ކަމެއް ނޫނޭ ބުނެފައެވެ. ރައީސް ޓްރަމްޕްގެ ހަމަހިމޭނުން އިނުމުގެ ފަހަތުގައި ފޮރުވިފައިއޮތް ސިއްރަކީ ކޮބައިކަން އޮޅުންފިލުވުމަށްޓަކައި 2 މަސްދުވަސް ފަހަތަށް ބަލާލަން ޖެހެއެވެ. ރޮއިޓާރސްއިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އޯގަސްޓްމަހުގެ ތެރޭގައި 15 ނުކުތާގެ މައްޗަށް ރައީސް ޓްރަމްޕް އެކުލަވާލައްވާފައިވާ ގައްޒާގެ ސުލްހައިގެ ޕްލޭން ނަތަންޔާހޫވަނީ ގަބޫލުނުކޮށް އެއްލާލާފައެވެ. އޭގެ ސަބަބުން ގައްޒާ އަލުން އިމާރާތްކޮށް އާބާދުކުރުން އެއް އަހަރު ފަހަތަށް ދިޔައީ ކަމަށް މިދިޔަ އޮކްޓޯބަރ 8 ގައި ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވެއެވެ. ރައީސް ޓްރަމްޕްގެ ހުށައެޅުމަށް ނަތަންޔާހޫ ނޫނެކޭ ބުނުމުގެ ނަތީޖާ މިއަދު މިފެންނަނީއެވެ. އޭގެފަހުން ރައީސް ޓްރަމްޕް ހުށައެޅުން ތަކުރާރުކުރުމުންވެސް ނަތަންޔާހޫ ވަނީ އިންކާރުކޮށްފައެވެ.
ރައީސް ޓްރަމްޕް އާއި ނަތަންޔާހޫގެ ސިޔާސީ އެއްބަސް ނުވުމުގައި އިތުރު ގޮފިތަކެއްވެސް މިހާރު އަންނަނީ ފަޅަމުންނެވެ.
ޓައިމްސް އޮފް އިސްރާއީލުގެ ޚަބަރަކާ ގުޅިގެން އެކްސިއޯން އިން ތަފްސީލު ދީފައިވާގޮތުގައި މިދިޔަ ހަފުތާގައި އިސްރާއީލުގެ ބޮޑުވަޒީރު އެތައްފަހަރަކު ފޯނުކޮށްފައި އިންތިޚާބުގެ ކުރިން ގުޅިގެން އީރާނަށް ހަމަލާދީ އެގައުމު އަޅިއަށް ހަދާލަން ރައީސް ޓްރަމްޕް އަށް ޕްރެޝަރ ކޮށްފައިވެއެވެ. އަދި އެ ހަމަލާތަކުގެ މަޝްވަރާތައް ދެ ގައުމުގެ އެންމެ އިސްވެރިންގެ މެދުގައި ކުރެވެމުންދިޔަކަން އެމެރިކާގެ އޮފިޝަލުން އެކްސިއޯސްއަށް ކިޔާދީފައި ވެއެވެ. ނަތަންޔާހޫގެ ޕްރެޝަރަށް ރައީސް ޓްރަމްޕް ދެއްވި ޖަވާބަކީ އާއެކޭ ނުވަތަ ނޫނެކޭ ވެސް ނޫނެވެ. ޓްރަމްޕް ދެއްވި ޖަވާބަކީ ތައްޔާރަށް ހުންނާށެވެ. ފަހަރެއްގައި މިހާރުވެސް ނުވަތަ ތަންކޮޅެއްފަހުންވެސް ހަމަލާތައް ފަށައިގަނެވިދާނެއެވެ. އަދި ދުވަހަކުވެސް އެ ހަމަލާތައް ނުފެށިވެސް ހިނގައިދާނެއެވެ. މިހިސާބުން މި އޮކްޓޯބަރ މަހުގެ 2 ވަނަދުވަހު ކޭމްޕް ޑޭވިޑްގައި ބޭއްވުނު ކެބިނެޓް ބައްދަލު ކުރުމުގައި ދިފާއީ ވަޒީރު ހެގްސެތު އާއި ސެންޓްރަލް ކޮމާންޑުން އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ބާރު އަޅަމުން ގެންދިޔައިރު އެހެން ވަޒީރުން ބުރަވަމުންގެންދިޔައީ އިގްތިސާދީ ގޮތުން އިތުރު ފިއްތުން ކުރިމަތި ކުރުމަށެވެ. އެއްބަޔަކު ބޮންއަޅައިގެން އީރާނު ހަމަބިމަށް ތިރިކުރުމުގެ ވިސްނުން ގެންގުޅުނު އިރު އަނެއް ބަޔަކުގެ ވިސްނުމަކީ އީރާން ބަނޑަށް ޖައްސާލުމެވެ.
ކެބިނެޓްގެ މި ބައްދަލުކުރުމަށް މީގެ ކުރިން އަޑުއިވިފައިނުވާ މައުލޫމާތުތަކެއް އިސްރާއީލުން ހާމަކޮށްދީފައި ވެއެވެ. އެއީ އީރާނުން އެ ގައުމުގެ ޕިކްއެކްސް ފަރުބަދައިގެ ތެރޭގައި ނިއުކްލިއަރ މަޝްރޫއު ކުރިއަށް ގެންދާ ކަމުގެ ޚަބަރެވެ. އެނަލިސްޓުންގެ ނަޒަރުގައި ނަތަންޔާހޫއަށް އޭނާގެ ވެރިކަން ނިމުން ކައިރިވަމުންދާކަމުގެ ބިރުބޮޑުވަމުންދާއިރު ކޮންމެވެސް އިތުރު ރަތް ރޮނގެއް އަނެއްކާވެސް ގެނެވޭތޯ ބަލަނީއެވެ. އެކްސިއޯސް އިން ބުނެފައިވާގޮތުގައި މިވަގުތު އީރާނާ ދެކޮޅަށް ހަމަލާތަކެއް ފަށައިފިނަމަ އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކުރާނެކަން އެނގިފައިވާކަމަށް އިސްރާއީލުގެ ޗީފް އޮފް ސްޓާފް ލެފަޓިނެންޓް ޖެނެރަލް އެޔަލް ޒަމީރް ވަނީ އެމެރިކާގެ މިލިޓްރީ ޖޮއިންޓް އޮފް ސްޓާފް ޖެނެރަލް ޑެނިއަލް ކައިން އަށް މައުލޫމާތު ދީފައެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އީރާނަށް ހަމަލާ ދޭން ފަށައިފިނަމަ އިސްރާއީލުގެ އިންތިޚާބަށް ހުރަސް އެޅޭނެ ކަމަށް ޒަމީރް ވަނީ އިންޒާރު ދީފައެވެ. އޭގެމާނައަކީ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ޑިމޮކްރެސީ ނެތިގެން ދިއުމުގެ ބިރުވެރިކަމެވެ. އަދި އެމެރިކާއާއި އިސްރާއީލުގައި ދިރިއުޅުމުގެއަގުތައް އަތްނުފޯރާ ހިސާބަށް ދިއުމެވެ.
އާންމުންގެ ކުރިމަތީގައި ރައީސް ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅަކީ ނޮވެމްބަރ 3 ގެ އިންތިޚާބުގެ ކުރިން އީރާނާ ދެކޮޅަށް ހަނގުރާމަ އަލުން ނުފެށުމެވެ. އެކަމަކު އައި ޑީ އެފް އާއި ސެންޓްކޮމް އޮތީ ތައްޔާރީ ހާލަތުގައެވެ.
ޓައިމްސް އޮފް އިސްރާއީލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އީރާނުންގެންދަނީ ގިނަ މިލިޓްރީ މަރްކަޒުތަކެއްގައި ބެލިސްޓިކް މިސައިލް ޓެސްޓް ކުރަމުންނެވެ. އަދި ގަތަރުން އިންތިޒާރު ކުރަމުން ގެންދަނީ އެމެރިކާގެ އެންމެ ފަހު ހުށައެޅުމަށް އީރާނުން ދޭނެ ޖަވާބަކަށެވެ. މަޝްވަރާތަކުގައި މެދުވެރިއެއްގެ ބައި އަދާކުރައްވާ ގަތަރުގެ އޮފިޝަލަކު އެކްސިއޯސްއަށް ވިދާޅުވެފައިވަނީ މަޝްވަރާތައް މަރުނުވާކަމަށާއި ދިރިހުރިކަމަށްވެސް ނުބުނެވޭނެކަމަށެވެ.
ނަތަންޔާހޫ ބޭނުމީވަގުތުން އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށެވެ. ރައީސް ޓްރަމްޕް ބޭނުންވަނީ އަދި އިހަށް މަޑުކޮށްލާށެވެ. އީރާނުން ފުރުސަތު ބޭނުންކޮށްގެން މިލިޓްރީ ބިނާކުރުމުގެ މަސައްކަތުގައެވެ. ފާއިތުވެގެން މިދާ ދެ ހަފުތާގެ ތެރޭގައި އެމެރިކާ ނޭވީންގެ ރައްކާތެރިކަމުގައި އީރާނުގެ އަމުރާ ޚިލާފަށް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރަމުންގެންދިޔަ 24 އުޅަނދަށް އީރާނުންވަނީ ހަމަލާދީފައެވެ.
![]()
