ހިފާފައިވާ ހުޅަނގު އައްސޭރީގައި މޫނު ނިވާކޮށްގެން ތިބި އިސްރާއީލުގެ ވަޒަންވެރިންތަކެއް ޔޫރަޕުގެ ޑިޕްލޮމެޓުންގެ ވަފުދަކަށް ހަމަލާދީ، އުޅަނދުތަކަށް ގެއްލުންދީ، ފްރާންސްގެ މޭޔަރަކަށް އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ފަލަސްތީނުގެ ނަސާރާއިން ދިރިއުޅޭ އަވަށެއް ކަމަށްވާ ތައިބާ ކައިރީގައެވެ. މި ވަފުދުގައި ފްރާންސް، ބެލްޖިއަމް އަދި ޕޮލެންޑުގެ ޑިޕްލޮމެޓުންނާއި އޮފިޝަލުންގެ އިތުރުން ކެތޮލިކް ފައްޅީގެ މަންދޫބުން ހިމެނެއެވެ.
މަންޒަރު ދުށް ފަރާތްތަކާއި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި މަދުވެގެން ހަތް ވަޒަންވެރިން އެ އުޅަނދުތައް ވަށާލައި، އައިޑެންޓިފިކޭޝަން ލިޔެކިޔުންތައް ދެއްކުމަށް އެދުނެވެ. އަދި ބެލްޖިއަމްގެ ކޮންސިއުލޭޓަށް ނިސްބަތްވާ އުޅަނދެއްގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، ފްރާންސްގެ ރަށެއް ކަމަށްވާ އޮލްނޯއީ-އައިމެރީސްގެ މޭޔަރު ބާނާޑް ބޯޑޮކްސްއަށް ވަނީ ހަމަލާދީފައެވެ.
ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމް ޕްރެވޯ ކަށަވަރުކޮށްދެއްވި ގޮތުގައި، މި ހަމަލާ އަމާޒުވި ފަރާތްތަކުގެ ތެރޭގައި ފަލަސްތީނުގައި ހުންނަވާ ބެލްޖިއަމްގެ ކޮންސުލް ޖެނެރަލާއި، ފްރާންސް އަދި ޕޮލެންޑުގެ ޑިޕްލޮމެޓުން ހިމެނެއެވެ.
ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބަރޯޓް ވަނީ މިކަމުގައި ޒިންމާވާ ފަރާތްތައް ހައްޔަރުކުރުމަށާއި، ހިފާފައިވާ ސަރަހައްދުގައި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ ވަނީ މި އަނިޔާވެރި އަމަލު ކުށްވެރިކުރައްވާފައެވެ. ނަމަވެސް އެ ވަފުދުގެ ދަތުރަކީ އިސްރާއީލުގެ އަސްކަރިއްޔާއާ ވިލަރެސްކޮށްގެން ކުރިއަށްގެންދިޔަ ދަތުރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލުގެ ފުލުހުން މި ހާދިސާ ތަހުގީގުކުރަން ފަށާފައިވާ ކަމަށްވެސް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ވަކިން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ އަސްކަރިއްޔާއިންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށް، ތަހުގީގެއް ފަށާފައިވާކަން އިއުލާނުކޮށްފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން ނުދާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.
މި ހަމަލާއާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކަށް އިތުރު ސަމާލުކަމެއް ވަނީ ލިބިފައެވެ. އަދި މިފަދަ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލައި، އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހޮނިހިރު ދުވަހު އިސްރާއީލުގެ މުޒާހަރާގެ ބައިވެރިން ވަނީ ތެލް އަވީވަށް އެއްވެފައެވެ.
![]()
