ހޮރްމުޒް ކަނޑުއޮޅި ސަރަހައްދަށް މުދާ އުފުލާ ބޯޓެއް ބަނޑުންޖަހާލައި އަޑިއަށް ދިއުމާއި ގުޅިގެން، އެތައް ހާސް އައިފޯނެއް ކަނޑުވެ ގެއްލިފައިވާ ކަމަށް ބުނާ ވާހަކަތަކެއް އިންޓަނެޓުގައި ދައުރުވާން ފަށައިފިއެވެ. އެގޮތުން، ގިނަ އަދަދެއްގެ އައިފޯނު ފޮށިތައް ކަނޑުމަތީގައި އޮޔާދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް އިއްޔެ މީސްމީޑިއާގައި ވަރަށް ހަލުވިކޮށް ފެތުރުނެވެ. ނަމަވެސް، މި ވާހަކަތަކުގެ ސައްޙަކަން އަދި ކަށަވަރުވެފައި ނުވާ އިރު، އެ ބޯޓުގައި ހުރި މުދަލުގެ ތަފްސީލު މިނިވަން އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސިންގަޕޫރުގެ ދިދަ ޖަހާފައިވާ ކޮންޓޭނަރު އުފުލާ ބޯޓު ”ޖީ.އެފް.އެސް ޕްރައިޑް“ އަޑިއަށް ގޮސްފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އެ ބޯޓަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން އަލިފާން ރޯވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބި 21 މީހުން ވެސް ސަލާމަތްކޮށްފައިވާ ކަމަށް ވެއެވެ.
މި ހާދިސާއަށްފަހު، އައިފޯނުތަކާއި، އަގުބޮޑު ސެންޓު އަދި އެހެނިހެން އަގުހުރި މުދާތައް ކަނޑުމަތީގައި އޮޔާދާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. ބައެއް ޕޯސްޓުތަކުގައި ބުނެފައިވަނީ މީހުން ކަނޑުން މި ތަކެތި ނަގަމުންދާ ކަމަށެވެ. އަނެއްބައި ޕޯސްޓުތަކުން ފެންނަ ގޮތުގައި އީރާނުގެ ރައްޔިތުން އެ އައިފޯނުތައް ޑިންގީތަކަށް އަރުވައިގެން ގެންދާ މަންޒަރުވެސް ދައްކުވައިދެއެވެ.
އެހެންނަމަވެސް، ދައުރުވަމުންދާ މި ވީޑިއޯތަކުގެ ސައްޙަކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މި ހާދިސާއާ ގުޅުވައިގެން ދައުރުކުރާ ބައެއް ވީޑިއޯތަކަކީ ފޭކް، ނުވަތަ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯތަކެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ އައިފޯނު ހުރި ކަމަށް، ނުވަތަ މީހުން އެތައް ހާސް ފޯނެއް ކަނޑުން ހޮވި ކަމަށް ބުނާ ވާހަކަތައް އިތުބާރު ހުރި އެއްވެސް މަސްދަރަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހާދިސާއާއެކު، އެ ސަރަޙައްދުގެ ވިޔަފާރި ބޯޓުފަހަރަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް ވަނީ ސަމާލުކަން ހުއްޓިފައެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ ތެލާއި އެހެނިހެން މުދާ އުފުލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުންކުރާ މުހިންމު ކަނޑުގެ މަގެކެވެ.
އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ބައެއް ޙަޤީޤީ މުދާތައް ކަނޑަށް އޮޔާގޮސްފައިވުން އެކަށީގެންވި ނަމަވެސް، އައިފޯނުތަކެއް ފެނިގެން އުޅޭ ކަމަށް ބުނާ ރިޕޯޓުތައް އަދިވެސް ކަށަވަރެއް ނުވެއެވެ. އަދި އެ ބޯޓުގައި ހުރި ކަމަށް ބުނާ އެއްވެސް އައިފޯނަކަށް ވީގޮތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި އައިފޯނު އުފައްދާ އެޕަލް ކުންފުނިން، ނުވަތަ އެއްވެސް އީ-ކޮމާސް ވެބްސައިޓަކުންވެސް ވިޔަފާރިއަކުންވެސް މިކަމާއި ގުޅިގެން އެއްވެސް ބަޔާނެއް އަދި ތަފްސީލެއްވެސް މިއަދާއި ހަމައަށް ނެރެފައެއް ނެތެވެ.
![]()
