އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން އަންގާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދުން ކުލި ދައްކަން އެ ދެ ޔުނިޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ފަހަރު މަތިން ފުރުސަތު ވަނީ ދީފައެވެ. ނަމަވެސް ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފްލެޓްތަކަށް ފައިސާ ނުދެއްކުމުން އެއްބަސްވުން ބާތިލްކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ދެ ފްލެޓް ހުސްކޮށް، އެފްޑީސީއާ ހަވާލުކުރަން މިހާރު އަންގާފައިވާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. ފްލެޓްތަކުގެ އެއްބަސްވުން ބާތިލް ކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް ވަނީ މިހާރު ކަނޑާލާފައި ކަމަށް އެފްޑީސީން ހާމަކުރެއެވެ.
އެފްޑީސީން ބުނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ 135 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދިން ކަމަށާއި، ކުލި ދައްކަން އެ މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވައި، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭން ޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް އެ ކުންފުނިން ވަނީ ދީފައި ކަމަށެވެ. މިގޮތުން އެ ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވަނީ ހަވާލުކުރެވިފައި ކަމަށް އެފްޑީސީން ބުނެއެވެ.
![]()
