ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދަން ރާވާފައިވާ މުޒާހަރާތަކާ ގުޅިގެން، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ގާތްގަނޑަކަށް 30،000 ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވާން ފަށައިފިއެވެ. އަދި މުޒާހަރާގެ ބައިވެރިން އެ ސިޓީއަށް އެއްވިޔަނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
ފުލުހުން ވަނީ ސެންޓްރަލް ނިއުދިއްލީ ވަށައިގެން ބެރިކޭޑު ޖަހައި، ކޮނޯޓް ޕްލޭސް ކައިރިއަށް އެއްވުމަށް އަންނަމުންދިޔަ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ފަށާފައެވެ. މީގެއިތުރުން ސަރުކާރުން ވަނީ ވެރިރަށަށް ދަތުރުކުރާ ހުރިހާ ރޭލުތަކެއް ކެންސަލްކޮށް، 50 އަށް ވުރެ ގިނަ މެޓްރޯ ސްޓޭޝަން ބަންދުކޮށް، އިންޓަނެޓްގެ ޚިދުމަތްވެސް ކަނޑާލާފައެވެ. އަދި މި މުޒާހަރާތަކުގައި ބައިވެރިނުވުމަށް ދަރިވަރުންނަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ހަމައެކަނި ވެރިރަށަކު ނޫނެވެ. އިންޑިއާގެ އެހެން ސްޓޭޓްތަކުން ދަތުރުކުރި ދަރިވަރުން ރޭލުތަކާއި ބަސްތަކުން ބާލައި ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ނިއުދިއްލީއާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައިވާ ސިޓީތަކުގައި އުޅޭ ބައެއް އެކްޓިވިސްޓުން ވެސް ވަނީ ގޭބަންދުކޮށްފައެވެ.
ރޭވިފައިވާ މުޒާހަރާގެ ކުރިން، ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ބާނީ އަބީޖީތު ދީޕްކޭ އާއި، އެ ޕާޓީގެ ލީޑަރުން ކަމަށްވާ ސޯރަވް ދާސް އަދި އަޝުތޯޝް ރަންކާ ކަމާބެހޭ ފަރާތްތަކުން ވަނީ ހައްޔަރުކޮށްފައެވެ. އެ ހަރަކާތުން ބުނި ގޮތުގައި މުޅި އިންޑިއާއިން އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މުޒާހަރާތައް އިންތިޒާމުކޮށްފައިވަނީ ސީ.ޖޭ.ޕީ އާއި ޒުވާން އެކްޓިވިސްޓުން ގުޅިގެންނެވެ. އެމީހުން ދަނީ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އަދި އިންތިޚާބީ އިސްލާޙުތައް ގެނައުމަށާއި، ފާޑުކިޔުންތެރިން ބުނާ ގޮތުގައި ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަން މީހުންގެ ނަން އުނިކޮށްފައިވާ، ޚިޔާލުތަފާތުވުން ބޮޑު ވޯޓާސް ލިސްޓު މުރާޖައާކުރުމުގެ މަސައްކަތް ބާތިލުކުރުމަށް ވެސް އެމީހުން ދަނީ ގޮވާލަމުންނެވެ.
އަޅާފައިވާ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން، މަދަނީ މިނިވަންކަން ހިފަހައްޓައި ސިޔާސީ ވާދަވެރިން ޖަލަށްލި، އިންޑިއާގެ 1975 ވަނަ އަހަރުގެ ކުއްލި ނުރައްކަލުގެ ހާލަތާ މިކަން ދަނީ އަޅާކިޔަމުންނެވެ. މުޒާހަރާގެ ލީޑަރުން ވަނީ މި ފިޔަވަޅުތައް ކުށްވެރިކޮށް، ސަޕޯޓަރުން އެއްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.
ލޮކްޑައުނެއް ފަދަ ހާލަތެއް އޮތް ނަމަވެސް، ހޮނިހިރު ދުވަހު ނިއުދިއްލީގައި ޒުވާން، މުޒާހަރާގެ ބައިވެރިން ދިޔައީ ފުލުހުންގެ ބެރިކޭޑުތަކާ ދިމާއަށް ކުރިއަރަމުންނެވެ. ވޯޓާސް ލިސްޓު މުރާޖައާކުރުމާ ގުޅިގެން އާންމުންގެ ރުޅިވެރިކަން އިތުރުވަމުންދާއިރު، ސުލްހަވެރި އިހުތިޖާޖުތައް ހުއްޓުވަން މަސައްކަތްކުރާ ކަމަށް ބުނެ ފާޑުކިޔުންތެރިން ދަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ތުހުމަތު ކުރަމުންނެވެ.
![]()
