ޗެންނާއީގެ މެޓްރޯ ރޭލު ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުވައި ދެއްވައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވި ރޭލުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މޯދީގެ އަރިހުގައި ޓެމިލްނާޑޫގެ ޗީފް މިނިސްޓަރ ސީ.ޖޯސެފް ވިޖޭ ބައިވެރިވެ ވަޑައިގެންނެވިއެވެ.މިރަސްމިއްޔާތަށް ފަހު ދެބޭފުޅުންނާއި އެހެން އިއްޒަތް ތެރިން ވަނީ ރޭލުގައި ޗެންނާއީ އިން ޓެމިލްނާޑޫ އަށް ދަތުރެއް ކުރައްވާފައެވެ.
މިއީ އައު ޗީފް މިނިސްޓަރ ޖޯސެފް ވިޖޭ މޭމަހު މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މޯދީ ޓެމިލްނާޑޫ އަށް ކުރެއްވި ފުރަތަމަ ދަތުރު ކަމަށް ވެއެވެ.
މިދަތުރު ފުޅުގައި މަގުތަކާއި ހައިވޭތަކުގެ ފެންވަރު ރަގަޅު ކުރުމަށް 3،700ކްރޯޑް ރުޕީސް ހޭދަކޮށްގެން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓްތައް މޯދީ ހުޅުވާ ދެއްވާ އަދި ބައެއް ޕްރޮޖެކްޓް ތަކުގެ ބިންގާ އަލުއްވާދެއްވިއެވެ.މީގެ ތެރޭގައި 4 ލޭނަށް ހަދާފައިވާ މަދުރާއީ ރިންގ ރޯޑް ގެ ބަކާއެކު ބައެއް ބޮޑެތި މަގުތައް ހިމެނެއެވެ.
މިދަތުރުފުޅުގައި ޗީފް މިނިސްޓަރ ވިޖޭ ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއު ތަކަށް މައި ސަރުކާރުން ދޭ ފަންޑިންގ ފަސޭހައިން ލިބޭނެގޮތް ހަމަޖައްސަވާ ދެއްވުމަށް އެދި ވަޑައިގެންފައެވެ. ވިޖޭ ވިދާޅުވީ ޓެމިލްނާޑޫގެ މުޅި ޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލުކޮށް މިހާރު އައު ޗެޕްޓަރެއް ފަށާފައިވާ ކަމުގައެވެ.އަދި ކާމިޔާބު ކަމާއެކު ވެރިކަމުގެ 100 ދުވަސް ކަނޑައްތު ކޮށްފައިވާއިރު އަމާޒަކީ ކޮރަޕްޝަން ނެތް، އިޖްތިމާއީ އިންސާފުގެ މައްޗަށް ބިނާވެފައިވާ ދެފުށް ފެންނަ ވެރިކަމެއް ގާއިމް ކުރުން ކަމަށް ވިދާޅުވެފައި ވެއެވެ.އަދި ތައުލީމާއި ސިއްހަތު ،ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރާގޮތަށް މުޅި އިގްތިސާދު ފުޅާކުރުން އެއީ މައިގަނޑު އަމާޒު ކަމަށް ވިދާޅުވެފައި ވެއެވެ.
އިތުރަށް ވިޖޭވިދާޅުވީ ވަކިވަކި ސްޓޭޓް ތައް ވަރުގަދަ ވެއްޖެނަމަ މުޅި ގައުމު ވަރުގަދަ ވުމަށް ބާރަކަށް ވާނެ ކަމުގައެވެ. ޓެމިލްނާޑޫ އަކީ އަބަދުވެސް އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ތަރައްގީގެ ފައުންޑޭޝަންގެ ގޮތުގައި ބެލޭ ސްޓޭޓެއް ކަމަށާއި އެހެން ކަމުން ޔޫނިއަން ސަރުކާރާއި ސްޓޭޓް ސަރުކާރު ގުޅިގެން މަސައްކަތް ކުރުމުން އެކަމުގެ ފައިދާ އާންމު ރައްޔިތުންނަށް ކުރާނެ ކަމަށް ވިޖޭ ވިދާޅުވިއެވެ.
![]()
