ދެކުދިންނާއި ފިރިމީހާގެ ޖަނާޒާ އަށް މަންމަމެން ނައީ ދައްތަގެ އުފަން ދުވަހަށް އިސްކަން ދޭން ވެގެނެވެ.

Loading

Facebook
Twitter
WhatsApp

އެދުވަހު ހޮސްޕިޓަލުގައި ހުރެ ރޮމުން ރޮމުން އަހަރެން ފުރަތަމަ ގުޅީ އަހަރެންގެ ބައްޕައަށެވެ.“ބައްޕާ، ވަރަށް ބޮޑު އެކްސީޑެންޓެއް ހިނގައިގެން މިއުޅެނީ…“ އަހަރެންނަށް ވައި އަޑަކުން ބުނެލެވުނުނެވެ.
އޭރު ބައްޕަގެ ފަހަތުން މިޔުޒިކްގެ އަޑު އިވެމުން ދިޔައެވެ.ބަޔަކު މަޖާކުރާ އަޑާ ތަށިތަކެއް ތަޅުވާ އަޑުވެސް އިވެއެވެ.
”ކޮން އެކްސީޑެއްހެއްޔެވެ؟“އިރުކޮޅަކުން ބައްޕަ ބުނެލިއެވެ. އެވާހަކަޔަށް މާބޮޑު ޝައުގްވެރި ކަމެއް ނެތް ކަހަލަ ގޮތަކަށެވެ.
”އީތަން ދިޔައީއެވެ. ލިލީ އާއި ނޯއާ ވެސް ދިޔައީއެވެ.“ ގިސްލާ ރޯން ފަށަމުން އަހަރެންނަށް ބުނެލެވުނެވެ. އެކޮޅުން އިވުނީ ހިމޭން ކަމެވެ. އިރުކޮޅަކުން މަންމަ ފޯނު އަތުލުމަށްފަހު ބުންޏެވެ. ”އީތަން އާއި ކުދިން ދިޔައީއޭ ތިޔަބުނީ ކީކޭ ހެއްޔެވެ.“
”ތިންމީހުންވެސް މަރުވީއެވެ.މަގުމަތީގެ އެކްސީޑެންޓެއްގައެވެ.މިއަދު ހެނދުނު އެވެ….ވަޅުލުން އޮންނާނީ ހުކުރު ދުވަހުއެވެ.ބައްޕަ މެން ޖަނާޒާގައި ބައިވެރިވާން އަހަރެން ވަރަށް ބޮޑަށް ބޭނުމެވެ.“ އަހަރެން ގިސްލަމުން ބުނީމެވެ.
”ހުކުރު ދުވަހު ކަލޭގެ ދައްތަ މެލިއްސާގެ ބާތުޑޭ ޑިނަރ އޮންނާނެއެވެ.އެހެންވީމަ އަހަރުންނަކަށް ނުދެވޭނެއެވެ.އެތައްހަފްތާއެއް ކުރިން ބުކިންގ ހަދާފައިވާތީއެވެ.“
”ބައްޕާ!! މިބުނަނީ އަހަރެންގެ ފިރިމީހާއާއި ކުދިން މަރުވި ވާހަކަ އެވެ.“ އަހަރެން ބުނީމެވެ.
”އާން އިނގެއެވެ.ދައްތަގެ ބާތުޑޭއަކީ މިއަދެވެ. މިއަދު މިއުޅެނީ ކޭކު ފަޅަން ވެގެންނެވެ. އެހެން ވީމަ މިއަދުވެސް ނުދެވޭނެއެވެ.“
އަހަރެންނަށް އާދޭސް ނުކުރެވިގެން އުޅެނިކޮށް ބައްޕަ ފޯނު ކަނޑާލައިފިއެވެ.
ބައްޕަ ފޯނު ބޭއްވުމުން ދެން ހަދާނެ ގޮތެއް ނެތިގެން އަހަރެން ރޯންވެސް ނޭނގިފައި ގަބު އަރާފައި އެތައް އިރަކު ހުރިތާ ހުރެވުނެވެ. އޭރުވެސް އަހަރެންގެ އަތުގަޔާއި ގައިގަ ކިލަޔާ ކިސަޑު ހުއްޓެވެ. ކުދިންނާއި އީތަންގެ ގައިގައި ހުރި ކިސަޑާއި ކިލައެވެ. ރޮއިރޮއިފައި އެމީހުން ގައިގަ އޮޅުލީމަ އަހަރެންގެ ގައިގަވެސް ހޭކިފައެވެ.
ޖަނާޒާ ގައި ތިން ސަންދޯއް ކައިރީ އަހަރެން ހުރި އިރު އަހަރެންގެ އާއިލާގެ ހުރީ ހަމަ އެންމެ މީހެކެވެ. ބޮޑުދައިތައެކެވެ. ބައްޕަގެ ކޮއްކޮއެވެ.ދުރުހިލޭ މީހެއްގެ ފުށުން އެނގިގެން ދުރު ދަތުރެއް ކޮށްފައި އައީއެވެ.
އެދުވަހު އަހަރެން އީތަންގެ ސަންދޯކުގެ ފަހަތުން ވަޅަށް ނުވެއްޓި ހުރީ އީތަންގެ މަންމައާއި ބައްޕަ އަހަރެން ހިފެހެއްޓިކަމުންނެވެ.އީތަން ބައްޕަ އެހުރިހާ ވަގުތުވެސް ހުރީ އަހަރެންގެ ދެކޮނޑުގައި ހިފަހައްޓައިގެންނެވެ.

ތިންދުވަސް ފަހުން މަންމަ ކުރު ޓެކްސްޓް މެސެޖެއް ފޮނުވިއެވެ.“ކަންކަން މެނޭޖް ކުރަމުންދާކަމަށް ހީކުރަމެވެ.މެލިއްސާގެ އުފަން ދުވަހު ކަލޭ ތަހުނިޔާ ނުކީމަ އޭނަ ހުރީ ވަރަށް ދެރަވެފައެވެ.“ މި މެސެޖަށް ބަލަހައްޓައިގެން އަހަރެން އެތައް އިރަކު ހުރީމެވެ.
އެދުވަހު އަހަރެންނަށް ބަދަލު ތަކެއް އައެވެ. ނިކަމެތިކަން ގަބޫލު ކުރީކީ ނޫނެވެ.ނަމަވެސް އެމީހުންގެ ލޯތްބާއި އަޅާލުން އަހަރެންނަށް ބޭނުން ނުވާކަމަށް ނިންމީމެވެ.
ހަމަސްދުވަސް ވަންދެން އެމީހުން ކުރި އެއްވެސް ކޯލްއެއްވެސް ނުނަގަމެވެ. މާގިނައިން ކޯލެއް ނުވެސް ކުރެއެވެ. މެސެޖެއްވެސް ނުހުޅުވަމެވެ.ފެމިލީ ގްރޫޕަށް އެމީހުން ބައެއްފަހަރު ފޮޓޯ ތައް ލައެވެ. އަދި މެލިއްސާގެ އެންގޭޖްމަންޓަށް ދައުވަތު ކާޑެއްވެސް ފޮނުވިއެވެ.
ލޯބިވާ ފިރިމީހާ އާއި ހަ އަހަރާއި ހަތަރު އަހަރުގެ ކުޑަކުޑަދެކުދިން އެއްފަހަރާ މަރުވުމުން މީހަކު ދިރިއުޅޭނެ ގޮތަށް އަހަރެންވެސް ދުވަސްތައް ކަޑައްތު ކުރަމުން ގެންދިޔައިމެވެ.
ބޭރަށް ބަލާލާއިރު ފެންނަނީ ގަހުގައި އެލުވާފައިވާ ކުޑައުނދޯއްޔެވެ. ކުޑަކުޑަ ލިލީ ލަވަކިޔާލަމުން ކިޔާލަމުން ހެއްލާ އުނދޯއްޔެވެ. ވަޔާ އުނދޯލި ހެލުވިލާކޮންމެ ފަހަރަކު އަހަރެންގެ މެޔަށް ހީވަނީ ވަޅިއެއް ހަރާލާހެންނެވެ. އެހެންވެ އަހަރެންވަނީ އުދޯލި ނަގާ ވާގަޑު ގަހުގައި އައްސާފައެވެ. ނޯއާގެ ކުޅޭ ކާރުތައް އަހަރެންގެ ބޫޓުތަކުގެ ތެރެޔަށް ލާފާއި ހުރެއެވެ.ހީވަނީ ދަމުންދަމުން އަހަރެންނަށް ހަދިޔާ ދީފަ ހުންނަ ހެނެވެ.
އެކްސީޑެންޓަށް ހަމަސް ވީފަހުން ޖަނަވަރީ މަހު އައި އަންގާރަދުވަހެކެވެ. އަހަރެންގެ ނަން، އެދުވަހު ނޫސްތަކުގެ ހެޑްލައިނަށް އެރިއެވެ. ހައިވޭގައި ހިނގި އެކްސީޑެއްގައި ބައްޕައަކާއި ކުޑަދެކުދިން މަރުވެފައިވާތީ މަރުވި މީހާގެ ހުވަފަތް އަނިބި މީހާއަށް ބަދަލެއްގެ ގޮތުގައި 18.7 މިލިއަންޑޮލަރު ދޭން، ޓްރަކް ދުއްވި މީހާއަށް ކޯޓުން އަންގައިފިއެވެ.“ މި ސުރުހީގެ ދަށުން ނޫސްތަކުން ނާއި ޓީވީ ތަކުން ގެނައި ޚަބަރުގައެވެ. މިދައުވާ އުފުލާފައިވަނީ ޗައިލްޑް ސޭފްޓީ ފައުންޑޭޝަން އަކުންނެވެ.
ނޫސްވެރިންގެ މަސައްކަތުން ހުރިހާ ކަމެއްވެސް ބަލާ ހޯދާ ކޮނެ ހަދާކަމުން، އެމީހުން މަރުވި ދުވަހު އަންހެންމީހާގެ އާއިލާގެ މީހުން ޖަނާޒާއަށްނުދާ ކަމާއި ނުދިޔައީ އާއިލާ މީހެއްގެ އުފަން ދުވަސް ފާހަގަ ކުރަން އިސްކަން ދިނީތީ ކަމަށްވެސް ލިޔެފައި އޮތެވެ.
މިޚަބަރު ޖެހުމާއި އެކު، ކުރިން އަހަރެންމީ އުޅޭ މީހެއްތޯ ވެސް ބަލާނުލާ ތިބި ތިމާގެ މީހުން ނަށްވެސް ކުއްލިއަކަށް އަހަރެންގެ މަތިން ހަނދާންވިއެވެ. މެންދުރު ވާންވީއިރު އަހަރެންގެ ފޯނަށް ކޯލްތައް އަންނަވަރުން ހީވަނީ އެހެން ކަމެއް ހެންނެވެ. އަހަރެން އޯކޭތޯ ބަލަން ގުޅީކަމަށް ހެދިގެން ގުޅި ބައެއް މީހުން ފައިސާގެ އެހީއަށްވެސް ސީދާ އެދެމުން ގެންދިޔައެވެ.ބަޔަކަށް ދަރާފައިވާތީއެވެ.ބޭސް ފަރުވާއަށެވެ.އަދި އެކަކު ކާރެއް ގަންނަންވެސް އެހީއަކަށް އެދެދުނެވެ.
މަންމައާއި ބައްޕަ އަދި މެލިއްސާ ވެސް އެދުވަހު އެތައް ފަހަރަކު ގުޅިއެވެ.އަހަރެން ފޯނެއް ނުނަގަމެވެ. ހަވީރުވީއިރު އެމީހުން އައިސްތިބީ ގޭ ދޮރުމަތީގައެވެ. ދޮރުގަ ތަޅާވަރުން ހީވަނީ ދޮރު ވައްޓާލަފާނެ ހެނެވެ. ބައްޕަ ވަރަށް ބާރަށް ގޮވާއަޑު އިވެއެވެ. ”ކްލެޔާ، ހަމަ މިހާރު މިދޮރު ހުޅުވާށެވެ.“ މިހާރުގެ އާދައިގެ މަތިން އީތަން ގެ ޓީޝަރޓް އެއްލައިގެން އަހަރެން ދޮރުގެ އަނެއް ފަރާތުގައި ރޯލަރޯލާ ހުރީމެވެ.
ކުރިން ކުޑަ ދެކުދިންގެ ލޯބި އަޑުތަކުން ފަޅުފިލާފަ އޮތް ގޭތެރެޔަށް މިހާރު އޮންނަނީ އާދަޔާ ޚިލާފް ހިމޭންކަމެއް ވެރިވެފައެވެ.
ސެކިއުރިޓީ ކެމެރާ މެދުވެރިކޮށް ވާހަކަ ދައްކަމުން މަންމަ ބުންޏެވެ.“ކްލެޔާ އަހަރުން ވެސް ޚަބަރުން ތިޔަހުރިހާ ކަމެއް ދުށީމެވެ.އަހަރުން މިއައީ ފެމިލީ އެއްގެ ގޮތުގައި ވާހަކަ ދައްކަން ވެގެންނެވެ.“
އަހަރެންނަށް ކުރިމަތިވި ހިތާމަ، އަހަރެންގެ އާއިލާ އަށް ވެފައޮތީ އެމީހުން ކުރިމަތިލާން ބޭނުންނުވި ތުރާލަކަށެވެ. ނަމަވެސް 18 މިލިއަން ޑޮލަރު ލިބުމާއި އެކު ކުއްލިއަކަށް ފެމިލީ އެތިބީ އައިހެވެ.
އީތަން ކާރު ދުއްވާފައިވަނީ ގަވާއިދުންނެވެ.ޓްރަކް ދުވަން އިންމީހާ ނިދި ޖެހެމުން ހުރަސް ކުރަން ނުޖެހޭ ތަނަކުން ހުރަސް ކުރީއެވެ.އީތަން އަށް ހަމަ އެއްކަމެއްވެސް ނުކުރެވޭ ގޮތަށެވެ.
ޓްރަކް ކުންފުނިން ގަދަޔަށް ވަކާލާތު ކުރިއެވެ.ބަދަލުދޭން ނުޖެހޭތޯ ބެލުމަށެވެ. ނަމަވެސް އަރާމު ކުރަން މަޖްބޫރު ކުރާ ވަގުތު ޑްރައިވަރު އަރާމު ކޮށްފައި ނުވާކަން ސާބިތު ވުމުން ބަދަލު ނުދީ ސަލާމަތް ނުވީއެވެ.
18 މިލިއަން ޑޮލަރު ލިބުމަކުން އަހަރެން އުފަލެއް ނުވެއެވެ.އެފައިސާ ލިބުމަކުން އީތަން އަނބުރާ ނުގެނެވޭނެއެވެ.އޭނަގެ އަޑު އަހާލަން އަހަރެން ކިތަންމެ ހާވެސް ބޭނުމެވެ.ހެނދުނު ސައިމޭޒުގައި އިނދެ އެޖަހާލާ ހިނިގަނޑުގެ އަޑުއަހާލަން އަހަރެން ވަނީ ކެތް މަދުވެފައެވެ.
ނަމަވެސް ފައިސާ ލިބުމުން، އާއިލާގެ ފަރާތުން އަހަރެންނަށް ނުދިން އެކައްޗެއް އަހަރެންނަށް ހަމަ ގައިމުވެސް ލިބިއްޖެ އެވެ.އެއީ އަހަރެންގެ ހިމާޔަތެވެ.
(ނުނިމޭ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް