ރަޝިޔާގައި ނިއުމޯނިކް ޕްލޭގް ނުވަތަ ތޯޢޫން ބަލީގެ ވޭދަނައެއް ފެނިފައިވާ ކަމަށް ބެލެވޭތީ އެކަމުގެ ބިރުވެރިކަން މުޅި ދުނިޔޭގައިވެސް އެބަ އިތުރުވަމުން އެބަދެއެވެ. މި ބިރުވެރިކަން އުފެދުނީ ރަޝިއާގެ ސައިބީރިއާގައި ހުންނަ، ޕްލޭގް ދިރާސާކުރާ އިންސްޓިޓިއުޓެއްގައި މަސައްކަތްކުރާ އުމުރުން 28 އަހަރުގެ އަންހެނަކު، ސަބަބު ދެނެގަނެވިފައިނުވާ ނިއުމޯނިއާ ބައްޔެއް ޖެހިގެން މަރުވުމާއި ގުޅިގެންނެވެ. މިއާއެކު ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާތަކުން ދަނީ މިކަމުގެ ތަފްޞީލު ހޯދުމަށް އެދެމުންނެވެ.
އިރްކުޓްސްކްގެ އެންޓި-ޕްލޭގް އިންސްޓިޓިއުޓްގައި މަސައްކަތްކުރި މި އަންހެންމީހާ މަރުވުމުގެ ކުރިން އޭނާއަށް ޖެހިފައިވަނީ ސަބަބު ނޭނގޭ ނިއުމޯނިއާއެއް ކަމަށް ވަނީ ދެނެގަނެވިފައެވެ. މި ބަލި ޖެހެން މެދުވެރިވި ސަބަބެއް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެންކަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ އޭނާއަށް މި ބަލި ޖެހުނު ގޮތާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން، އެ އަންހެން މީހާއާއި ދިމާވި 200 ވަރަކަށް މީހުން މިހާރު ވަނީ އެހެން މީހުންނާއި އެކަހެރިކޮށް، ކަރަންޓީނުކޮށްފައެވެ.
އެ އިންސްޓިޓިއުޓްގެ ދެވަނަ މުވައްޒަފަކަށް ވެސް ސަބަބު ދެނެގަނެވިފައިނުވާ ނިއުމޯނިއާ ޖެހިފައިވާ ކަމަށް ރަޝިޔާގެ މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ. އެހެނަސް މިކަމުގެ ސީދާ ހަގީގަތެއް އަދި އެނގިފައެއް ނެތެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ، އެ ބަލީގެ ދެވަނަ ވޭދަނައެއް ފެނިފައިވާ ކަމަށް ޝައްކުކުރެވޭ ރިޕޯޓުތައް އެ ޖަމްޢިއްޔާއަށް ލިބިފައިވާ ކަމަށާއި، މިކަމަށް ރަސްމީކޮށް ޖަވާބުދާރީވުމަށް ރަޝިޔާގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ އެޕިޑެމިކް އެންޑް ޕެންޑެމިކް މެނޭޖްމަންޓްގެ ޑިރެކްޓަރ މާރިއާ ވެން ކާކޯވް ވިދާޅުވީ، ފުރަތަމަ މަރުވި އަންހެންމީހާގެ ބަލީގެ އަސްލު ނުވަތަ އޭނާއަށް ބަލި ޖެހުނު ގޮތެއް އަދި އެ ޖަމްޢިއްޔާއަށް ސާފުނުވާ ކަމަށެވެ. އަދި ރަޝިޔާގެ ފަރާތުން އަވަސް އަދި ގަވާއިދުން މަޢުލޫމާތު ލިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޝައްކުކުރެވޭ ދެވަނަ ވޭދަނައެއް ފެނިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރަޝިޔާއިން ވަނީ ދޮގުކޮށްފައެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މީޑިއާތަކުގައި ދައުރުވާ ގިނަ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށާއި، ރަޝިޔާގެ ޞިއްޙީ ރެގިއުލޭޓަރުން ދޭ މަޢުލޫމާތަށް އިތުބާރުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މި ހާދިސާތަކާ ގުޅިގެން ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ޞިއްޙީ އޮފިޝަލުން ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާތަކުގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ދަނީ ސައިބީރިއާ ސަރަޙައްދުން ދަތުރުކުރާ މީހުން މޮނިޓަރ ކުރަމުންނެވެ.
ދިވެހިރާއްޖެއަށް ބަލާއިރު މި ބަލި ބައިނަލްއަޤްވާމީ ފެންވަރުގައި ފެތުރެމުންދާ ކަމުގެ ނުވަތަ ރާއްޖެއަށް އޮތް ވަކި ޚާއްޞަ ނުރައްކަލެއް އޮތް ކަމުގެ އެއްވެސް ނިޝާނެއް އަދި ރިޕޯޓުތަކުން ފެންނާކަށް ނެތެވެ. އަދި އެމެރިކާގެ ސީޑީސީން ވެސް ވަނީ އެމެރިކާއަށް މިކަމުގެ ނުރައްކާ އޮތީ އިންތިހާއަށް ކުޑަ މިންވަރަކަށް ކަމަށް ބުނެފައެވެ. މި ބަލި ރަޝިއާގައިވެސް ނުވަތަ ދުނިޔޭގެ އެހެން ގައުމުތަކަކަށް ފެތުރިފައިވާ ކަމުގެ ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމުގެ އެއްވެސް ނިޝާނެއްވެސް ފެންނާކަށް ނެތެވެ.
އެހެންނަމަވެސް، މަރުވި އަންހެންމީހާގެ މަރުގެ އަސްލު ސަބަބު އަދިވެސް ދެނެގަނެވިފައިނުވާތީއާއި، ދެވަނަ ވޭދަނައެއް ފެނިފައިވާ ކަމަށް ބުނާ ވާހަކަތައް ރަޝިޔާއިން ދޮގުކުރަމުންދާތީ، މި ނޭނގޭ ބައްޔާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާތަކުން އަދިވެސް ދަނީ މިކަމުގެ ސާފު ޖަވާބުތަކެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
![]()
