ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސާ،ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގައި ހައްޔަރު ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. އެކަމަނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ލިބުނު އެހީގެ ފައިސާތަކެއް، އެކަމަނާ ބައިވެރިވާ ޗެރިޓީ އަކުން ވަގަށް ނެގިކަމުގެ ތުހުމަތެވެ.
އެންޓި ކޮރަޕްޝަން އިދާރާއިން، އުމުރުން 73 އަހަރުގެ ޝިރާންތީ ހައްޔަރު ކޮށްފައިވަނީ ކޮލޮމްބޯގައި ހުންނަ އެބޭފުޅުންގެ ގެއިން ބުދަ ދުވަހު އެވެ. އެންޓިކޮރަޕްޝަން އޮފިޝަލުން ޝިރާންތީ އާއި ސުވާލު ކުރަނީ ކޮލޮމްބޯގެ ލޭޑީ ރިޖްވޭ ޗިލްރަންސް ހޮސްޕިޓަލް އަށް ޚާއްސަ ސްކޭނަރެއް ގަތުމަށް ލިބުނު 10 މިލިއަން ރުޕީސްގެ ޑޮނޭޝަން ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައިގައެވެ.އޮފިޝަލުން ބުނާ ގޮތުގައި އެފަދަ ސްކޭނަރެއް ވަނީ ޗައިނާ ސަރުކާރުން ހަދިޔާ ކޮށްފައެވެ.
މިކަމުގައި އެއްވެސް ކަމެއް ގޯސްކޮށް ނުކުރައްވާ ކަމަށާ، ފައިސާއަށް ޚިޔާނާތްތެރި ނުވާކަމަށް ޝިރާންތީ ވިދާޅުވެފައިވެއެވެ.
އެކަމަނާ ބޭސް ފަރުވާ އަށް ސިންގަޕޫރަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވީ ހޯމަ ދުވަހު ކަމަށް ވެއެވެ.އަދި ހައްޔަރު ކުރުން ހުއްޓުވުމަށް ކޯޓަށް ޕެޓިޝަނެއް ވައްދަވާފައި ވެއެވެ. ނަމަވެސް އެކަމާބެހޭ އަޑުއެހުން ތާވަލު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހަށް ކަމަށް ވެއެވެ.
މަހިންދަ ރާޖަޕަކްސަގެ ތަރުޖަމާން މަނޯޖް ގަމަގެ ވަނީ އެފައިސާ ސިރިލިޔާ ފައުންޑޭޝަންގެ އެކައުންޓްގައި އެބަހުރި ކަމަށާ އެއްވެސް ފްރޯޑް އެއް ހިނގާފައި ނުވާކަމަށް ބުނެފަ އެވެ.
2005ން 2015 އަށް ރައީސްކަން ކުރެއްވި މަހިންދަ ރާޖަޕަކްސަ ގެ އާއިލާއަކީވެސް ސްރީލަންކާގެ ސިޔާސީ މައިދާނުގައި ނުފޫޒްގަދަ ފަރާތްތަކެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.އަދި ސްރީލަންކާގައި ދިގުދެމިގެން ދިޔަ ތަމަޅަ ހަގުރާމަ ނިމުމަކަށް ގެނައުމުގައި ރާޖަޕަކްސަ އިސްދައުރެއް އަދާކުރެއްވުމުގެ ސަބަބުން އޭނާއަކީ ހީރޯ އެއްގެ ގޮތުގައިވެސް ބަޔަކު ގަބޫލޮށްފައިވެއެވެ.ނަމަވެސް ފަހުން އިގްތިސާދީ ހާލަތު މާބޮޑަށް ދަށަށް ގޮސް، ބޭސް ނުލިބި،ތެޔޮ ނުލިބި މީހުން ކާއެއްޗިއްސަށް ވެސް ޖެހުމުން އާންމުގެ ނަފްރަތު ސަރުކާރަށް އަމާޒުވެ 2022 ވަނަ އަހަރު އާންމުން ނިކުމެ ވަރުގަދަ މުޒާހަރާތަކެއްކޮށްފައި ވެއެވެ. މަހިންދަ ރާޖަޕަކްސަގެ ފަހުން ވެރިކަމާ ހަވާލުވި ގޮތަބަޔާ ރާޖަޕަކްސަގެ ވެރިކަމުގައިވެސް ކަންތައްތައް ރަގަޅު ނުވުމުން އާންމުންގެ އިހުތިޖާޖްތައް ކުރިޔަށް ގެންގޮސް ގޮތަބަޔާ ރާޖަޕަކްސާގެ ސަރުކާރު އިސްތިއުފާދޭން ވަނީ މަޖްބޫރު ކޮށްފައެވެ.
މިހާރުގެ ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަގެ ސަރުކާރުން ގެންދަނީ ރާޖަޕަކްސާގެ އާއިލާގެ އެކި މެމްބަރުންނާ ދެކޮޅަށް ކޮރަޕްޝަންގެ ތަހުޤީޤް ތައް ކުރަމުންނެވެ. މިގޮތުން ސްރީލަންކަން އެއާލައިންސްއަށް މަތިންދާ ބޯޓްތަކެއް ގަންނަން އޯޑަރު ދިނުމުގެ ތެރޭން ބޮޑެތި ޚިޔާނާތް ތަކެއް ހިންގަވާފައިވާ ކަމުގެ ކުށުގައި މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސަވެސް ވަނީ ހައްޔަރު ކޮށްފައެވެ.
![]()
