ޗައިނާއިން އެމެރިކާގެ މަގާމު އަތުލާފާނެތޯ ބެލުމަށްޓަކައި ބައިނަލް އަގްވާމީ މީޑިއާއިގުޅިގެން ޕޫ ރިސާރޗް ސެންޓަރ އިން މިއަހަރު ބަހާރު މޫސުމުގައިކުރި ސަރވޭގައި ބައިވެރިކުރުވި 36 ގައުމުގެ ތެރެއިން ގިނަ ގައުމުތަކުން ވަނީ ދުނިޔޭގެ ކުރިމަގުގައި ޗައިނާގެ ކޮޅަށް ބުރަވެފައެވެ. އެކަމަކު މީގެ 3 އަހަރުކުރިން ކުރެވުނު ސާރވޭގައި ގިނަ ގައުމުތަކަކުން ވަނީ އެމެރިކާގެ ކޮޅަށް މާބޮޑަށް ލެނބިފައެވެ. މީގެ އެއް އަހަރުދުވަސްކުރިން ކުރެވުނު ސާރވޭގެ ނަތީޖާގައި އެމެރިކާއަށް %49 ލިބިފައިވާއިރު ޗައިނާއަށް ލިބުނީ %37 އެވެ. ޚާއްސަކޮށް އެމެރިކާގެ ޒުވާން ރައްޔިތުންގެ މެދުގައިވެސް ޗައިނާގެ މަގްބޫލުކަން އަންނަނީ އިތުރުވަމުންނެވެ.
މި ބަދަލު އައުމުގެ ސަބަބެއްކަމުގައި ބެލެވެނީ ރައީސް ޓްރަމްޕގެ ރިޔާސަތުގައި ގެންގުޅުއްވަމުން އަންނަ އަމިއްލަވަންތަ ގޮތްގަނޑާއި ކޮންމެ ކަމެއްގައިވެސް ވިޔަފާރި ނުވަތަ ލޭންދޭން ހިމެނުމުގެ ސިޔާސަތުގެ ސަބަބުންކަމުގައިވަނީ ބެލެވިފައެވެ. ފެންނަ ފެނުމުގައި ޗައިނާއިން އިގްތިސާދާއި ވިޔަފާރީގެ އާދަކާދަތައްދެމެހެއްޓުމާއެކު އެމެރިކާ ފަހަތަށް ކޮށްޕާލެވޭވަރަށް ޓެކްނޯލޮޖީގެ ކުރިއެރުން ހޯދަމުން ގެންދާކަމަށް ޔުރޭޝިއާ ގުރޫޕްގެ ފައުންޑަރ އަދި ޗެއާރމަން އިއާން ބްރެމަރ އިންޒާރު ދޭތާ ދިހަވަރަކަށް އަހަރު ވެދާނެއެވެ. މިއަދު ޗައިނާއަކީ ވިޔަފާރި ނުވަތަ އިނޓަރނޭޝަނަލް ޑިވެލޮޕްމެންޓް ނުވަތަ އާރޓިފިޝަލް އިންޓެލިޖެންސް ކަމަށްވިޔަސް އެމެރިކާއަށްވުރެން މާބޮޑަށް އިތުބާރުކުރެވޭ ބައިވެރިކަށް ވެއްޖެއެވެ. ޗައިނާގެ ވިސްނުމަކީ ސަރަހައްދީ ގައުމުތައް ގުޅިގެން ވިޔަފާރި ކުރުމެވެ. 2022 ގައި ޗައިނާއިން ތަޢާރުފްކުރި ރީޖަނަލް ކޮމްޕްރެހެންސިވް އިކޮނޮމިކް ޕާރޓްނަރޝިޕްގައި އާސިއާންގެ 10 ގައުމަކާއި އަދި ޖަޕާނާއި އޮސްޓްރޭލިއާއާއި ނިއުޒީލޭންޑާއިދެކުނު ކޮރެއާއާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ވިޔަފާރީގެ ގުޅުން މިހާރު ވަނީ ގާއިމް ކުރެވިފައެވެ. އެއީ ގްލޯބަލް ޖީ ޑީ ޕީ ގެ 30% އެވެ. ޗައިނާއާއެކު އުފެދިވާ މިވާ ވިޔަފާރީގެ ގުޅުން ހަމަހަމަ ޕާރޓްނަރޝިޕެއްގެ މައްޗަށް ބިނާވެފައި އޮތް ކަމުގައި ވިޔަސް ޗައިނާގެ ބިޔަ އިގްތިސާދުގެ ސަބަބުން އެ ގައުމަށް ލިބޭ ފައިދާ ވެސް ބޮޑުވާނެއެވެ. ހަމައެއާއެކު ޗައިނާ ހިތްހަމަ ނުޖެހޭ ސިޔާސަތު ގެންގުޅޭ ގައުމުތަކާދެތެރޭ ޗައިނާއިން އަމަލުކުރާ ގޮތްވެސް އެމެރިކާއާއި ތަފާތުކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް 2021 ވަނަ އަހަރު ލިތުއޭނިއާއިން ވިލިނިއަސްގައި ތައިވާންގެ އެމްބަސީއެއް ހުޅުވަން ނިންމުމާއެކު އެ ގައުމުގެ އުފެއްދުންތަކަށް ޗައިނާގެ މާރކެޓްތައް ބަންދުކޮށްލިއެވެ. އެމެރިކާގެ ވިޔަފާރީއަކީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ޓެރިފް އެކަށައެޅުމާއި އެމެރިކާއިން ބޭނުންވާ ގޮތަށް ހުރިހާކަމެއް ހަމަޖެހިގެންދިއުމުގެ މައްޗަށް ބިނާކުރެވިފައިވާ ސިޔާސަތެކެވެ. ނަތީޖާއެއްގެގޮތުން މިހާރު ފެންނަމުންދަނީ ވިޔަފާރީގެ ބައިވެރިންތައްވެސް ގެއްލިގެންދާތަނެވެ. އެންމެ ފަހުގެ ޚަބަރުތަކުގައި ދުނިޔޭގަ ބާޒާރަށް އެމެރިކާ ޑޮލަރާއި ޗައިނާގެ ޔުއާންގެ ނުފޫޒު ފެތުރެމުންދާ މިންވަރުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. އެތައް ޒަމާނަކަށް ދުނިޔޭގެ ބާޒާރު ކޮންޓްރޯލް ކުރަމުންގެންދާ އެމެރިކާ ޑޮލަރުން ޗައިނާގެ ޔުއާނަށް ޖާގަދިނުން މިހާރުވަނީ މަޖުބޫރު ވެފައެވެ. އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން ޗައިނާގެ ޔުއާނަށް ލެބެމުނަދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެފްރިކާ ލީޑަރުންގެ ވިސްނުންފުޅު ބަދަލުވަމުންދާ ސަބަބުގެ މައްޗަށް ބަލާލާއިރު ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި އަގާއި މުއާމަލާތުތަކުގެ އަވަސް ލަސްމިނާއި އަދި އަމަލު ކުރެވެމުންދާ ގޮތް ހިމެނެއެވެ. މިސާލެއްގެ ގޮތުން ކެންޔާއަށް ބަލާލައިފިނަމަ އެ ގައުމުން ވަނީ އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާކޮށް ދަރަންޏަށް ފައިސާ ނަގާފައެވެ. ދާދިފަހުން އޭގެ ތެރެއިން ބައެއް ދަރަނި ކެންޔާއިން ވަނީ ޔުއާނަށްބަދަލު ކޮށްފައެވެ. ނަގާފައިވާ ދަރަނީގެ މިންވަރަކަށް ބަދަލެއް ނާދެއެވެ. ބަދަލުއައީ ދަރަނި ދައްކަން ޖެހޭ ފައިސާ އަށެވެ. މިބަދަލު ގެނައުމުގެ ސަބަބުން ދަރަނީގެ އިންޓެރެސްޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ކެންޔާއަށް އަހަރަކު 215 މިލިއަން ޑޮލަރ ސަލާމަތްކުރެވެއެވެ. އެއީ ޗައިނާއަށް އެ ގައުމުން ދައްކަންޖެހޭ ދަރަނީގެ ގާތްގަނޑަކަށް %5 އެވެ. ޗައިނާއިން ކެންޔާ ނަގާފައިވާ ދަރަނީގެ ތިންބައި ކުޅަ ދެބައި އަކީ ޔުއާނެވެ. އިތިއޯޕިޔާއާއި މޮޒަމްބިކޫ އިންވެސް މިގޮތަށް ދަރަނި ބަދަލުކުރުމުގެ މަޝްވަރާ ކުރެވެމުންދާކަން ވަނީ ހާމަވެފައެވެ. މިސްރާއި ނައިޖީރިއާ އަދިދެކުނު އެފްރިކާއިންވެސް ޗައިނާއާއެކު އެފަދަ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ޗައިނާގެ ރައީސްގެ އެދުން ފުޅަކީ އެގަމުގެ ފައިސާއަކީ ބައިނަލް އަގްވާމީ ރިޒާވް ފައިސާއެއްގެ ގޮތުގައި މަގްބޫލުކަން ހޯދުމެވެ. އެމަނިކުފާނުގެ މަގްސަދު އެވަނީ އެފްރިކާއިން ފަށައިގަނެވިފައެވެ.
![]()
