ތައިލަންޑްގެ ވެރިރަށް ބެންގކޮކް އަށް މެދުނުކެނޑި 48 ގަޑިއިރުވަންދެން ބޯކޮށް ވާރޭވެހި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ދަތުރު ފަތުރުކުރުން ދަތިވުމާއި ގުޅިގެން ”ފްލަޑް އިމަޖެންސީ ޑިޒާސްޓަރ“ އިއުލާން ކޮށްފިއެވެ. މިގޮތުން ބެންކޮކްގެ 50 ޑިސްޓްރިކްޓްގައި ވަނީ އިމަޖެންސީ އިއުލާން ކޮށްފައެވެ.
ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާ އެސިޓީގެ ކެނޭލްތައް ނުވަތަ ފެނުގެ މަގުތަކާ ކައިރީގައި އުޅޭމީހުން ހިފާގެންގުޅޭ ހުރިހާތަކެއްޗާއި އަގުބޮޑު މުދާ މަތީ ފަންގިފިލާތަކަށް އަރުވާ ސަލާމަތް ކުރުމަށް ދަނީ އާންމުންނަށް އަންގަމުންނެވެ.
އަހަރުގެ މިހިސާބުގައި ތައިލަންޑަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުމަކީ އާންމު ކަމެއް ކަމަށް ވެއެވެ. ނަމަވެސް މިއަހަރު ވާރޭވެހޭ މިންވަރު އިތުރު ވެފައިވާތީ ފެންހިންދާ ނިޒާމަށް އޮބިނޯންނަ ވަރުވެ، މާބޮޑަށް ފެންބޮޑުވީ ކަމަށް ޚަބަރުތައް ބުނެއެވެ. ބެންކޮކްގެ މަގުތަކަކީ އާންމުކޮށް ވެސް ޓްރެފިކްގެ ބައިބޯކަމަށް މަޝްހޫރު މަގުތަކެއްކަމުން މަގުތަކުގައި ފެންބޮޑުވުމުން އާންމު ދަތުރު ފަތުރަށާ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް އުނދަގޫ ވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
މިހާރު ފެންބޮޑުވެފައިވާ މިންވަރު، ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ފެންބޮޑުވި އަހަރު ކަމަށްވާ 2011 ވަނަ އަހަރަށް ވުރެ ހާލަތު ގޯސް ކަމަށް ޚަބަރު ތައް ބުނެއެވެ.
އާދީއްތަ ދުވަހުވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ފޯކާސްޓް ކޮށްފައިވާތީ ބެންކޮކްގެ ފެނުގެ މަގުތަކުގެ ފެންގަނޑު އުފުލި އިތުރު ދަތިތައް ކުރިމަތިވާނެ ކަމަށް ދަނީ ބެލެމުންނެވެ. 2011ވަނަ އަހަރު ފެންބޮޑުވި ހާދިސާގައި ކުރިމަތިވި އެކި ހާދިސާ ތަކުގައި މުޅި ބެންކޮކުން އެތައްސަތޭކަ މީހުން މަރުވެސް ވެފައި ވެއެވެ.
ތައިލަންޑްގެ މީޓިއޮރޮލޮޖިކަލް ސަރވިސް އިން އަންދާޒާ ކުރާ ގޮތުގައި ފެށޭ ހަފްތާ ތެރޭގައިވެސް ބެންކޮކްއަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ވާރޭ ވެހުމަށް މެދުވެރިވާ ލޯ-ޕްރެޝަރ އޭރިޔާ، ސެންޓްރަލް ތައިލަންޑާއި ދިމާލަށް ބަދަލުވަމުން ދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
![]()
