ޖޫންމަހުގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށާއި ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާއި އަދި ސުލްހައިގެ ވާހަކަތަކަށް މަގުފަހި ކުރުމަށް އީރާނުން ރޯޑްމެޕެއް އެމެރިކާއަށް ހުށައަޅައިފިއެވެ. މި ބަދަލު ސުލްހައިގެ ވާހަކަތަކަށް އަނެއްކާވެސް ފުރުސަތެއް ހުޅުވިދާނެކަމަށް އުންމީދެއް އައިސްފައި މިވަނީ މިސްރާއި ގަތަރ އަދި ޕާކިސްތާނުން މާބޮޑަށް ބާރުއަޅަމުންގެންދިއުމުގެ ސަބަބުންކަމުގައި ރައީސް ޓްރަމްޕް ވިދާޅުވިކަމަށް ދަ ނޭޝަނަލް އިން ރިޕޯރޓް ކޮށްފައި ވެއެވެ. ހައެއާއެކު މިދުވަސްވަރު ބައެއް އެހެން ފަރާތްތަކުން މަސްރަހް ކިލަނބު ކުރަން މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އެނޫހުން ބުނެފައިވެއެވެ. ޗައިނާއިންވެސް ޑްރޯން އާއި މިސައިލް ގައިޑެންސް ސިސްޓަމްއަށް ބޭނުންކުރެވޭ 1300 ޝިޕްމެންޓް އީރާނަށް ފޮނުވާފައިވާކަމަށް ވޯލް ސްޓްރީޓް ޖާރނަލުން ރިޕޯރޓް ކޮށްފައި ވެއެވެ. އެމެރިކާއިން އެންމެފަހުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކުން ބާރުލިބިގެންތިބެ ގަލްފުގެ ގައުމުތަކުންވެސް ގެންދަނީ އީރާނާއެކު މަޝްވަރާކުރަމުންނެވެ. އީރާނާއެކު އިގްތިސާދީ ގޮތުން އެއްބަސްވެވުމަކަށް އާދެވިއްޖެނަމަ ގަލްފު ސަރަހައްދަށް އަމާން ވެއްޓެއް ލިބިގެންދާނެ ކަމަށް ގަލްފުގެ ގައުމުތަކުން އުންމީދުކުރެވޭ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ނިއުޔޯރކު ކޮންކޯރޑިއާގެ އެންމެ އިސްވެރިންގެ އަހަރީ ބައްދަލުކުރުމުގައި ވަނީ ވިދާޅުވެފައެވެ. ހޮރްމުޒް ކަނޑުއޮޅި ހުޅުވުމާއި ހަނގުރާމައިގާ އީރާނަށް ލިބުނު ގެއްލުން ގަލްފުގެ ގައުމުތަކުންވެސް ހިއްސާކޮށް މިހާރު އީރާނުން ހުޅުވާ ދީފައިވާ ކެތްތެރިކަމުން ފިލާވަޅު ލިބި ގަލްފުގެ މައްސަލަތަކަށް ދާއިމީ ގޮތެއްގައި ހައްލެއް ހޯދިދާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމުގައި ގަތަރުގެކުރީގެ ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް ވަނީ ވިދާޅުވެފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައަށް 7 މަސްދުވަސް ވަމުންދާއިރު އަވަސްމުއްދަތެއްގައި ހަނގުރާމަ ހުއްޓުވޭނެ މަގެއް ނުފެނިއްޖެނަމަ އީރާން ދުނިޔޭގެ ވުޖޫދުން ނެތިކޮށްލައި އެގައުމުގެ ރައްޔިތުން ނަރަކައަށް ފޮނުވާލާނެކަމަށް ޔުނައިޓެޑް ނޭޝަންސް ގެ ޖެނެރަލް އެސެމްބްލީ ގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް އަނެއްކާވެސް އިންޒާރު ދެއްވައިފިއެވެ. ރައީސް ޓްރަމްޕްގެ އިންޒާރާ ގުޅޭގޮތުން “ ރައީސް ޓްރަމްޕް ބޭނުންކޮންމެ ވާހަކައެއް ދެއްކިއަސް އެކަމާދޭތެރޭ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައި ނެތީތޯ “ ވަރަށް ގިނަ މީޑިއާތަކުގައި ސިޔާސީ ތަޖްރިބާކާރުން ގެންދަނީސުވާލުއުފައްދަމުންނެވެ. ރައީސް ޓްރަމްޕްގެ އިންޒާރަކީ ގޮތް ހުސްވަމުންދާ މީހަކު ދައްކާ ބޭކާރު ވާހަކަތަކެއް ކަމުގައި ސިފަކުރައްވައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ މީޑިއާއަށް ވާހަކަދައްކަވާފައެވެ.
ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީ ރައީސް ޓްރަމްޕް ވާހަކަދައްކަވާ ނިމުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭގައި އީރާނާ އެކު ވަރަށް ކާމިޔާބު ބައްދަލުކުރުމެއް ބޭއްވިއްޖެ ކަމުގައި ވިދާޅުވެފައިވާ ކަމަށްވެސް މީޑިއާތަކުގައި ބުނެފައި ވެއެވެ. އެ ބައްދަލު ކުރުމުގައި އެމެރިކާއިން ބައިވެރިވީ ރައީސް ޓްރަމްޕްގެ ދަނބިދަރި ކުޝްނަރ އާއި ސްޓީވް ވިކްޓޯފް އެވެ. އަދި ކައިރި މުސްތަގްބަލެއްގައި އެހެން ބައްދަލުވުމެއް ބޭއްވޭނެކަމަށްވެސް ވަނީ އިޝާރާތް ކުރައްވާފައެވެ. ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ރައީސް ޓްރަމްޕް ވަނީ މިސްރާއި ޖޯރޑްން ސައޫދީ އެރޭބިއާއާއި ގަތަރާއި އަދި ތުރުކީގެ ސަފީރުންނާއެކުގައިވެސް ބައްދަލު ކުރައްވައި މެދުއިރުމަތީގެ މަސްއަލަ ހައްލުކުރެވިދާނެގޮތަކާ ދޭތެރޭ މަޝްވަރާކޮށްފައެވެ. އަދި ކައިރި މުސްތަގްބަލެއްގައި އީރާނާއެކު އެއްބަސްވުމަކާހަމަޔަށް އާދެވިދާނެކަމަށް އުންމީދުކުރައްވާކަމުގައިވެސް އެބޭފުޅުންނަށް ދެންނެވިކަމަށްވެއެވެ.
ދުނިޔޭގެ ޗާޓުން އީރާން ނެތިކޮށްލާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވި އިންޒާރަށް ރައްދު ދެއްވައި ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ދުނިޔޭގެ ލީޑަރުންނަށް ހަނދާންކޮށް ދެއްވީ އީރާނަކީ ދުވަހަކުވެސް އެއްވެސް ގައުމެއްގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރި ވެފައިވާ ގައުމެއް ނޫންކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެކަން ނުކުރުވޭނެކަމަށެވެ. އީރާނަށް ތަފާތު ފިއްތުން ކުރިމަތިކޮށްގެން ގައުމުގެ ނިއުކްލިއަރ މަޝްރޫއާއި މިސައިލް ދިފާއީ ނިޒާމް ހުއްޓުވަން ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި ހޮރްމުޒް ކަނޑުއޮޅި އަތުން ދޫވެގެން ދިޔަ ނުދެއްވާނެކަމަށެވެ. އަދި އީރާނަށް ދަތި އުދަނގޫތައް ކުރިމަތި ކުރަމުން ގެންދާއިރު ހިލޭ ސާބަހަށް ހޮރްމުޒް ކަނޑުއޮޅި ބޭނުންކުރަންވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މެދުއިރުމަތީގައި އީރާނާ ދެކޮޅަށް އެމެރިކާގެ އުދުވާނަށް ނިމުމެއް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް އިތުބާރު ކުރެވޭ ގޮތެއްގައި ލިބެމުން ނުދާއިރު އެމެރިކާއިން ހަމަލާތައް މާބޮޑަށް ވަރުގަދަ ކޮށްފާނެކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. މިފަހަރު އަލުން ހަނގުރާމަ ފެށިއްޖެނަމަ ހަނގުރާމައިގެ އަލިފާންގަނޑު މެދުއިރުމަތިން ނިކުމެ ރެޑްސީއާއި އިންޑިއަން އޯޝަނަށް ފެތުރިގެންދާނަކަން އީރާނުގެ ސުޕްރީމް ލީޑަރގެ މިލިޓްރީ އެޑަވައިޒަރ މޭޖަރ ޖެނެރަލްޔަހްޔާ ސަފާވީ އިންޒާރު ދެއްވައިފިއެވެ. ރެޑްސީގެ ބާބުލް މަންދޫބް އެމެރިކާގެ ލޮލުގެ ކުރިމަތީގައި ބަންދުކޮށްލާނަމެވެ.
![]()
