ހަނގުރާމަ ހުއްޓާލަން އީރާނުން ހުށަހެޅުމުން ޓްރަމްޕް އިންކާރުކޮށްފި

Loading

Facebook
Twitter
WhatsApp

އެންޑީޓީވީން ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި ސްޓްރެޓީޖިކަލީ މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި ހަތް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ.

އީރާނުން ހުށަހަޅާފައިވަނީ ވޮޝިންޓަނުން ވަކި ޝަރުތުތަކަކަށް އެއްބަސްވެއްޖެނަމަ، ހަތް ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލައި، އާންމު ކަނޑުދަތުރުފަތުރުގެ ނިޒާމު އިއާދަކުރުމަށެވެ. މި ހުށަހެޅުމުގައި އެމެރިކާގެ ކަނޑުގެ އަސްކަރީ ބަންދު އުވާލުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން ލުބުނާން ވެސް ހިމެނޭ ގޮތަށް ހަނގުރާމަ ހުއްޓާލުން ހިމެނެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވީ، ތެހެރާނުން މި ޕްލޭން އެމެރިކާއަށް ހުށަހެޅީ ޤަޠަރު މެދުވެރިކޮށް ކަމަށާއި، އެއްބަސްވުމަކަށް އައުމަށް ވޮޝިންޓަނުން ސީރިއަސްކަން ދައްކައިފިނަމަ އެ ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

ނަމަވެސް، އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ ޓްރަމްޕް އެ ހުށަހެޅުން ބަލައިގެންފައި ނުވާ ކަމަށެވެ. ޓްރަމްޕް އަދިވެސް ޝައްކުކުރައްވަނީ ތެހެރާނުން އޭނާގެ ޝަރުތުތައް ފުރިހަމަކުރާނެ ކަމާމެދުގައެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މި ކަމުގެ ސަބަބުން، ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅު އެޅުން އަލުން ފަށައިފާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ނަން ”ޓްރަމްޕް ސްޓްރެއިޓް“ ގެ ގޮތުގައި ޖަހާފައިވާ ޗާޓެއްގެ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައެވެ.

މި އެންމެ ފަހުގެ ހުށަހެޅުމަކީ ޖޫން 17 ގައި ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ދެމެދު އެކުލަވާލެވުނު 14 ނުކުތާގެ އެއްބަސްވުމަށްފަހު ހުށަހެޅުނު ހުށަހެޅުމެކެވެ. އެ އެއްބަސްވުމުގައި އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށާއި އިތުރު މަޝްވަރާތައް ކުރުމަށް ގޮވާލާފައިވީ ނަމަވެސް، ފަހުން ޓްރަމްޕް ވަނީ އެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާނު ކުރައްވާފައެވެ.

ވައިޓް ހައުސްއިން ހުކުރު ދުވަހު ބުނީ މެދުވެރިންނާއެކު އެމެރިކާގެ އޮފިޝަލުން ކުރިއަށް ގެންދަވާ ހެޔޮ އަދި ބިނާކުރަނިވި މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް