ކްލައިމެޓް އިމްޕެކްޓް ލެބް ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ބާރުގަދަ ”ސުޕަރ އެލް ނީނިއޯ“ އެއްގެ ސަބަބުން، ޖޫން 2026 އިން ފެށިގެން ފެބްރުއަރީ 2027 ގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޫނުގަދަވުމުގެ ސަބަބުން އިތުރަށް 451،000 އެއްހާ މީހުން މަރުވުމުގެ ފުރުސަތު އެބައޮތެވެ.
ބުދަ ދުވަހު އާންމުކުރި މި ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، އާދައިގެ އަހަރުތަކާ އަޅާބަލާއިރު އިންތިހާއަށް ހޫނުގަދަވާ ދުވަސްތަކުގެ އަދަދު 44 އިންސައްތަ އިތުރުވެދާނެއެވެ. ދިރާސާވެރިން މި ނިންމުމަށް އައިސްފައިވަނީ 24،378 ސަރަހައްދެއްގެ މޫސުމީ ހާލަތަށާއި ނާޒުކުކަމަށް ރިއާޔަތްކޮށް، ފިނިހޫނުމިނާއި އިތުރުވާ މަރުގެ ނިސްބަތާ ދެމެދު އޮތް ގުޅުން ދިރާސާކުރުމަށްފަހުގައެވެ.
އަލްޖަޒީރާއިން ހަވާލާދީފައިވާ ލަފާކުރުންތަކަށް ބަލާއިރު، މިހާރު ހިނގަމުންދާ އެލް ނީނިއޯގެ ސަބަބުން ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން ވަނީ އެވްރެޖަށްވުރެ 2.7 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައެވެ. އަދި ނޮވެމްބަރާއި ޑިސެމްބަރާ ދެމެދު މިއެލް ނީނިއޯ އެންމެ ބާރުގަދަވާ މަރުހަލާގައި މިއަދަދު 4 ޑިގްރީ ސެލްސިއަސްއަށް އުފުލިދާނެއެވެ. ސައިންސްވެރިން އެލް ނީނިއޯއެއް ”ސުޕަރ“ އެލް ނީނިއޯއެއްގެ ގޮތުގައި ކަނޑައަޅަނީ، ވިދިވިދިގެން އެތައް މަހެއް ވަންދެން ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން އެވްރެޖަށްވުރެ މަދުވެގެން 2 ޑިގްރީ ސެލްސިއަސް މަތީގައި ހުންނަ ހާލަތްތަކުގައެވެ.
މި މޫސުމީ ހާދިސާގެ ސަބަބުން މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މޫސުމީ ވައްޓަފާޅިއަށް އަސަރުކުރަމުން އެބަދެއެވެ. މެދުތެރޭ އަދި އުތުރު ދެކުނު އެމެރިކާގެ ސަރަހައްދުތަކަށާއި، ހުޅަނގު ޕެސިފިކް އަދި އިންޑިއާގެ ހޫނުމޫސުމުގެ ވިއްސާރައިގެ އަސަރުކުރާ ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރު މަދުވެދާނެއެވެ. އަދި ދެކުނު އެފްރިކާގެ ބައެއް ސަރަހައްދުތަކަށް ހަނަފަސްކަމުގެ ނުރައްކާ ބޮޑުވެއެވެ. ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް ބުރޫއަރައި، ކާބޯތަކެތި ލިބުމަށްވެސް ދަތިތައް ކުރިމަތިވެދާނެއެވެ.
މި ރިޕޯޓުގައި އިންޒާރު ދީފައިވާ ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އެންމެ މަތިވާނެ ކަމަށް ބެލެވެނީ ދުނިޔޭގެ ދެކުނުގައިވާ ގައުމުތަކުގައެވެ. އެގޮތުން ނައިޖީރިއާއިން އިތުރަށް ގާތްގަނޑަކަށް 31،400 މީހުން މަރުވާނެ ކަމަށް ލަފާކުރެވޭއިރު، ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާނެ ކަމަށް ބެލެވެނީ އިންޑޮނޭޝިއާއިންނެވެ. އެއީ 19300 މީހުންނެވެ. އަދި ސޫދާނުން 17،600 މީހުން މަރުވާނެ ކަމަށް ލަފާކުރެވެއެވެ. ނައިޖަރ، ޗާޑް، ނައިޖީރިއާ އަދި ސޫދާން ހިމެނޭހެން ސާހެލް ސަރަހައްދުން ޖުމްލަ 66،800 މީހުން އިތުރަށް މަރުވާނެ ކަމަށް ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.
ފިލިޕީންސް، ވިއެޓްނާމް، ތައިލެންޑް އަދި ކެމްބޯޑިއާ އެއްކޮށް 19،400 މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އަންނަ އަހަރާ ހަމައަށް އެލް ނީނިއޯ ދެމިގެން ގޮސްފިނަމަ، އިންޑިއާ އަދި ޕާކިސްތާނަށްވެސް މި ނުރައްކާ އިތުރަށް ބޮޑުވެދާނެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެލް ނީނިއޯގެ އަސަރުތައް ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. އެއީ ދުނިޔޭގެ އާންމު ފިނިހޫނުމިން މަތިވަމުން ދިއުމަކީ އިންތިހާއަށް ހޫނުގަދަވުން އިތުރަށް ގޯސްކޮށްދޭ ކަމަކަށް ވާތީއެވެ. މޫސުމާ ބެހޭ ސައިންސްވެރިޔާ ފްރެޑެރީކޭ އޮޓޯ ވިދާޅުވީ، ކޮނެގެން ނަގާ ތެލާއި ގޭހުގެ ބާވަތްތައް އެންދުމުގެ ސަބަބުން ޖައްވަށް ދޫވާ ވިހަ ގޭސްތަކުން ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދާތީ، އެލް ނީނިއޯގެ އަސަރުތައް އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.
ނަމަވެސް، މި ލަފާކޮށްފައިވާ މަރުގެ އަދަދުތަކުގެ ސައްހަކަމާމެދު ބައެއް މާހިރުން ވަނީ ސުވާލު އުފައްދާފައެވެ. ޔުނިވަރސިޓީ އޮފް ރީޑިންގ ގެ ސައިންސްވެރިޔާ އަކްޝޭ ދެއޯރަސް މި އަދަދުތައް ސިފަކުރެއްވީ ޒާތީ ލަފާކުރުންތަކެއްގެ ގޮތުގައެވެ. އަދި ބައެއް ސަރަހައްދުތަކުގެ އަންދާޒާތަކާމެދު އޭނާ ޝައްކު ފާޅުކުރެއްވިއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި، އުމްރާނީ ވަސީލަތްތަކަށާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށްޓަކައި، ހޫނުމިން މައްޗަށްދާކަމުގެ އިންޒާރު ދިނުމާއި، އިންތިހާއަށް ހޫނުގަދަވާ ދުވަސްވަރު ސިއްހީ ޚިދުމަތްތެރިން އިތުރުކުރުމާއި، ހިޔާވަހިކަމާއި ފިނިކަން ލިބޭނެ މަރުކަޒުތައް ގާއިމުކުރުމުގެ އިތުރުން އަވީގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކްލައިމެޓް އިމްޕެކްޓް ލެބުން ވަނީ ލަފާދީފައެވެ.
![]()
