އީރާނުން އެމެރިކާގެ ޕްރެޝަރަށް ދެކޮޅުހަދައިފި!

Loading

Facebook
Twitter
WhatsApp

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން، އެމަނިކުފާނުގެ ޤައުމަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ދެކޮޅުހައްދަވައި، ޚާރިޖީ ގުޅުންތަކާއި މަޝްވަރާތަކަށް ތެހެރާނުން އަދިވެސް މަރުޙަބާ ކިޔާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ނިއުޔޯކުގައި ބޭއްވުނު އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ޕެޒެޝްކިއާން ވަނީ އީރާނަށް ބިރުދައްކަން ކުރާ މަސައްކަތްތަކަށް ފާޑުވިދާޅުވެފައެވެ. އަދި ބާރުގެ ބޭނުންކޮށްގެން ދައްކާ ވާހަކަތައް ޤަބޫލުނުކޮށް، މަޝްވަރާ ކުރުމަށް އީރާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އީރާނުގެ އެއާލައިންތަކަށް އަމާޒުކޮށް އެމެރިކާއިން އެޅި އައު ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ތެހެރާނާއި ވޮޝިންޓަނާ ދެމެދު ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ތުރުކީވިލާތް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޗައިނާ ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުން ވަނީ އީރާނުގެ ގިނަ ފްލައިޓްތައް ކެންސަލްކޮށްފައެވެ. އަދި އޮމާން، އަޒަރުބައިޖާން އަދި ޖޯޖިއާއިން ވަނީ އީރާނުގެ މަތިންދާބޯޓުތައް އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބޭނުންކުރުން ހަނިކޮށްފައެވެ.

އީރާނުގެ އޮފިޝަލުން އަދިވެސް ދަނީ ޚާރިޖީ ގޮތުން ޙައްލު ހޯދުމުގެ ފުރުޞަތު އެބައޮތް ކަމުގެ އިޝާރާތްތައް ދެއްވަމުންނެވެ. އެގޮތުން، ކަނޑުގެ މަގުތައް ބަންދުކުރުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ މުދަލާއި ފައިސާ އަދި ސަރަޙައްދީ ހަމަނުޖެހުންތަކާ ގުޅޭ ޝަރުޠުތައް ހިމެނޭހެން، ތެހެރާނުގެ ޝަރުޠުތަކާ ބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ، ޤަޠަރާއި ޕާކިސްތާނުގެ މެދުވެރިންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރިޟާއީ އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ތެހެރާނުން ޑިޕްލޮމެސީ އިސްކުރަމުން ދާއިރު، އެ ބޭފުޅުން ސިފަކުރެއްވި ގޮތުގައި ނަތީޖާ ނެރެދޭނެ ފަދަ ވަރުގަދަ ކުރިމަތިލުމަކަށްވެސް ތައްޔާރުވަމުންދާ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ގިނަ ދުވަހުގެ މަސައްކަތްތަކެއް ބޭނުންވާނެ ކަމަށެވެ. އަދި ހަމައެއާއެކު އަސްކަރީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އަދިވެސް އޮތް ކަމަށް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އިސްޙާޤު ދާރު ވަނީ އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި އަރަޤްޗީއާ ބައްދަލުކުރައްވާފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި ދެ ބޭފުޅުން ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ވާހަކަދެއްކުމާއި ޚާރިޖީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އީރާނުން އަދިވެސް މަޝްވަރާތަކަށް ތައްޔާރަށް އޮތްކަން ހާމަކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ ކުޑަކޮށް ދަށަށް ގޮސްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް