ދުނިޔޭގެ ހާލަތު ވަރަށް ގޯސްވެއްޖެކަމަށް ޔޫއެންއިން ބުނެފި

Loading

Facebook
Twitter
WhatsApp

ހަނގުރާމަތައް އިތުރުވެ، އަދި ޖިއޯޕޮލިޓިކަލް ގޮތުން އުފެދިފައިވާ ބައިބައިވުންތަކުގެ ސަބަބުން ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ބާރު ކެނޑި ފިޔަވަޅު ނޭޅޭ ހާލަތަކަށް ގޮސްފައިވާތީ، ދުނިޔޭގެ ހާލަތު ދަނީ ”ގޯސްވަމުން“ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އިންޒާރު ދެއްވައިފިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ޔޫއެންގެ އާންމު މަޖިލީހުގައި ދެއްވާ އެންމެ ފަހު ތަގުރީރުގެ ކުރިން، ހޯމަ ދުވަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ގުޓެރެސް ވިދާޅުވީ، ހަމަނުޖެހުންތަކުގެ ތެރެއަށް ބޮޑެތި ބާރުތަކުން ވަންނަ މިންވަރު އިތުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވުމަށް މަގުފަހިވާ އަދި ”އަދަބެއް ނުލިބި ސަލާމަތްވެވޭ ފަދަ ވެއްޓެއް“ އުފެދޭ ކަމެއް ކަމަށެވެ.

އޭނާ ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަދި އެމެރިކާ-އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އަސަރުތަކަށް އަލިއަޅުއްވާލައްވައި، ކާބޯތަކެއްޗާއި، ގަސްކާނާ އަދި ހަކަތަ ފޯރުކޮށްދިނުމަށް އެޅެމުންދާ ހުރަސްތަކުގެ ސަބަބުން މުޅި ދުނިޔޭގައި މުދަލާއި ތަކެތި އަދި އަސާސީ ޚިދުމަތްތަކުގެވެސް އަގުތައް އުފުލި، އިންފްލޭޝަން އިތުރަށް ގޯސްވަމުންދާ ކަމުގެ އިންޒާރު ދެއްވާފައެވެ. ކަޅު ކަނޑު، ހޮރުމުޒް ކަނޑުއޮޅި އަދި ބާބުލް މަންދަބު ހިމެނޭހެން މުހިންމު ކަނޑުދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، ތެޔޮ ރައްކާކުރާ ވަސީލަތްތަކަށް ދެވޭ ހަމަލާތަކުގެ ސަބަބުން އިގުތިސާދުތަކަށް ދަނީ އިތުރު ޕްރެޝަރެއް ކުރިމަތިވަމުންނެވެ.

ގުޓެރެސް ވިދާޅުވީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމާއި ގަސްކާނާ ލިބުން ދަތިވުމުގެ ސަބަބުން، ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އިންތިހާއަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ޔޫއެންއަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ވެސް އޭނާ ގޮވާލެއްވިއެވެ. އެގޮތުން ސެކިއުރިޓީ ކައުންސިލުން އަދިވެސް މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ނިޒާމު އޮތް ގޮތް ކަމަށް ވިދާޅުވިއެވެ.

ގުޓެރެސްގެ ދެވަނަ ދައުރު ހަމަވާނީ 31 ޑިސެމްބަރު 2026 ގައެވެ. އޭނާގެ ފަހުން އެ މަގާމަށް އަންނާނެ ބޭފުޅަކު އަދި ކަނޑައަޅާފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް