އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފެށުމަށް އެ ޤައުމުން ވަނީ ގިނަ ޝަރުތުތަކެއް ކަނޑައަޅާފައެވެ. އަދި އެ ޤައުމަށް އިތުރު ބާރާއި ނުފޫޒެއް ލިބިއްޖެ ކަމަށް ޤަބޫލުކުރެވެންދެން އަސްކަރީ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.
އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، މަޝްވަރާތަކަށް ދިއުމުގެ ކުރިން އެ ޤައުމުގެ ދުޝްމަނުން ފަހަތަށް ޖައްސައި، އީރާނުގެ އަސްކަރީ ފުރިހަމަ ޤާބިލުކަން ބޭނުންކުރަން ޖެހޭ ކަމަށެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ކާމިޔާބީތަކެއް ހޯދުމަށްފަހު، އީރާނުގެ މަސްލަޙަތުތައް ހާސިލުކުރުމަށް ޑިޕްލޮމެސީގެ ބޭނުން ހިފިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި، އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް މުޙްސިން ރިޟާއީ ވިދާޅުވީ، ވާހަކަތައް އަލުން ފެށުމަށް އީރާނުން ބޭނުންވާ ޝަރުތުތައް ޤަޠަރުގެ މެދުވެރިން މެދުވެރިކޮށް ވައިޓް ހައުސްއަށް އަންގާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ބޭރު ޤައުމުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމުގެ އިތުރުން އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ކޮށްފައިވާ ބަންދުތައް ނިމުމަކަށް ގެނައުން ހިމެނެއެވެ.
މީގެ އިތުރުން ވޮޝިންގޓަނުން ވެފައިވާ ވަޢުދުތައް ފުއްދަންދެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ. ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުގެ ސަރަޙައްދަކީ ދުނިޔޭގެ ހަކަތަ ކަމުގައިވާ ތެޔޮ އުފުލުމުގައި މުހިންމު މަގެކެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، މުއާމަލާތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ޤަޠަރާއި ޕާކިސްތާނުން ދަނީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ.
މި ކަންކަން ހިނގަމުން މިދަނީ މުޅި ސަރަޙައްދުގައި ވެސް އަސްކަރީ ނުތަނަވަސްކަން ދެމިއޮތް ދަނޑިވަޅެއްގައެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގި ހާދިސާތަކެއް އިސްރާއީލުން ރިޕޯޓްކޮށްފައިވާއިރު، އިސްރާއީލުގެ ވަޒަންވެރިން ވަނީ އަލްއަޤްޞާ މިސްކިތުގެ ސަރަޙައްދަށް ވަދެފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ސަރަޙައްދަށް ދިއުމުން ޙަމާސްއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ދެކުނު ލުބްނާނުގައި، ހަތިޔާރެއް ގޮވައި ކުޑަކުއްޖަކު ޒަޚަމްވެފައިވާއިރު، ފަލަސްޠީނުގެ ޓީޗަރުން ސްކޫލްތަކަށް ދިއުމަށް އިސްރާއީލުގެ ސިފައިން ހުރަސްއަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އީރާނުގައި ޕެޓްރޯލް ތާށިވެފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަތައް އީރާނުގެ އޮފިޝަލް އިބްރާހީމް ޢަޒީޒީ ވަނީ ދޮގުކުރައްވާފައެވެ. އަދި އެއީ ހަޤީޤަތާ ޚިލާފު ދޮގު ރިޕޯޓްތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
![]()
