ކަންކަމާ ހާސްވެ ހަދާނެ ގޮތް ހުސްވާ ހިސާބަށް ދާނަމަ އަމިއްލަ ހަށިގަނޑު ނުވަތަ ޚިޔާލުތައް ކޮންޓްރޯލް ގެ ދަށަށް ގެނެސް ފަސޭހައިން ހާސްކަން ކަނޑުވާލެވިދާނެ ކުދި ކުދި ކަންތައް ތަކެއް ހުންނަ ކަމަށް މިކަމުގެ މާހިރުން ވިދާޅުވެއެވެ.
މިފަދަ އެއްކަމަކީ ލާފްޓަރ ޔޯގާ އެވެ.
ބީބީސީގެ ސީނިއަރ ހެލްތު ކަރެސްޕޮންޑަންޓް އަދި ލިއުން ތެރިޔާ މެލިއްސާ ހޮގެންބޫމް ލިޔެފައިވާ ގޮތުގައި މިފަދަ ސެޝަނެއްގައި އޭނާ ބައިވެރިވެ ނެދަލަންޑްސްގެ ޑެލްފްޓް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ގެ ރިސާޗަރަކާ އެކު ވީޑިއޯ ކޯލް އެއް ކުރިއެެވެ. އޭނާ ބުނި ގޮތުގައި ކޯލް ކުރިތާ މާގިނަ އިރެއް ނުވެ ކޮންޓްރޯލް ވެސް ނުކުރެވޭ ވަރަށް އޭނާއަށް ހެވުނެވެ.މިގޮތުން ބަނޑަށް ތަދުވާވަރަށް ހެވިގެންގޮސް ހުނުން ހުއްޓާލަންވެސް އުނދަގޫވިކަމަށް އޭނާ ލިޔެފައި ވެއެވެ.
ޓްރެޑިޝަނަލް ޔޯގާއެކޭ އެއްގޮތަށް ލާފްޓަރ ޔޯގާ ނުވަތަ ހުނުމުގެ ޔޯގާވެސް ފަށަނީ ނޭވާ ލުމުގެ ކަސްރަތު ތަކަކުންނެވެ.އެއަށްފަހު ފޭކް ކޮށް ހިނިގަނޑެއް ޖަހާލުމަށް ބުނެދެއެވެ.މި ފޭކް ހިނި ގަޑަށް ފަހު ވަރަށް ގިނަ ފަހަރު އަސްލުކޮށް ހެވޭނެ ކަމަށް ރިސަރޗަރ ބުނި ކަމަށް ވެއެވެ.
މޫޑް ރަގަޅު ކުރުމަށް އާންމުކޮށް ކުރުމަށް މާހިރުން ލަފާދޭ ކަންކަމުގެ ތެރޭގައި ދިގު މެޑިޓޭޝަން ސެޝަން ތަކާއި އައިސް ފެނުގައި ފެތުން ނުވަތަ އައިސް ފެނުން ފެންވެރުން ފަދަ ކަންކަމަކީ ވަގުތު ނަގާ އަދި ކުރަން އެހާ ފަސޭހަ ކަންކަމެއް ނޫނެވެ.ނަމަވެސް އެތައް ސްޓަޑީ ތަކަކުން މިހާރު ދައްކާފައިވާ ގޮތުގައި މިހާ ވަގުތު ނަގާ ބުރަ ކަންކަން ނުކޮށްވެސް މޫޑު ރަގަޅު ކޮށްލެވޭނެއެވެ. މިގޮތުން ތިރީހަކަށް ސިކުންތު ތެރޭވެސް މޫޑް ރަގަޅު ކޮށްލެވިދާނެ ކަމަށް ”މައިކްރޯ ޕްރެކްޓިސް“ ގެ ލިއުންތެރިޔާ އެލީ ސުސްމަން ވެސް ލިޔެފައި ވެއެވެ.
ލާފްޓަރ ޔޯގާއަކީ ޖޯކެއް ނުވަތަ ހެއްވާ ކަމެއް ހިނގުމަކާނުލާ ފަށާ ހުނުމެއް ނަމަވެސް މިފަދަ ހިނިގަނޑަކަށްފަހު މީހާއަށް އުފާވެރިކަން ގެނުވާވަރު، އަސްލު ހިނިގަނޑަކުން ކުރާ އަސަރަށް ވުރެ ދެގުނަ އިތުރު ވެފައި ހަމަޖެހުން ގެނުވާ ވަރުވެސް އިތުރު ކަމަށް ރިސަރޗަރުން ބުނެއެވެ.
ލާފްޓަރ ޔޯގާ ހަދާނެ ގޮތް
ތަނެއްގައި އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ފުންކޮން 3ފަހަރު ނޭވާލާށެވެ.އެއަށްފަހު ބަޑުމަތީގައި ދެއަތް އެޅުމަށްފަހު ފޭކް ކޮށް ހޭން ފަށާށެވެ.(ހިހި ހިހި ނުވަތަ ހަހަ ހަހާ މިފަދަ ގޮތަކަށް ފެށުމަށްފަހު އަޑުގެ ވޮލިއުމް މަޑުމަޑުން ބާރު ކުރާށެވެ) މިގޮތަށް ތިރީހަކަށް ސިކުންތު ހުނުމުން އަސްލު ހިނި ގަނޑެއް އަންނާނެ ކަމަށް ވެއެވެ. މިގޮތަށް އިރުކޮޅަކު ހުނުމުން ހަށިގަނޑަށް ހަމަޖެހުން ގެނުވައެވެ.ދެން ތިމާގެ ދިރިއުޅުމުގައި ލިބިފައިވާ ނިއުމަތްތަކާއި ޝުކުރުވެރިވާންޖެހޭ ކަންކަން ހިތް މައްޗަށް ގެނައުމަށް މާހިރުން ލަފާދެއެެވެ.މިގޮތުގައި އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން އަނެއްކާވެސް ފުންކޮށް ދެތިންފަހަރު ނޭވާ ލުމަށްފަހު ސެޝަން ނިންމާލާނީއެވެ.
މައިކްރޯ ޔޯގާ
ފުރަތަމަ ބުނެދިން ގޮތަށް އެކަނި އިނދެ ހުނުމުން ތިބާޔަށް އެހާ މަޖާ ނުވާނަމަ ވަކިގޮތަށް ހަށިގަނޑު ސްޓްރެޗް ކޮށްލުމުންވެސް ވަރަށް އަވަހަށް ހަށިގަނޑު ހަމަޔަކަށް އެޅޭ ކަމަށް މާހިރުން ބުނެއެވެ.މިހަރަކާތަށް ކިޔަނީ ”މައިކްރޯ ޔޯގާ“ އެވެ.
މިއީ އޮފީސްތަކުގައާއި އެނޫންވެސް ތަންތަނުގައި ގިނަވަގުތު ސްކްރީން ތަކުގެ ކުރިމަތީގައި ތިބޭ މީހުންނަށް ޚާއްސަ ޔޯގާ އެކެވެ.
ރިސަރޗަރ ސުސްމަން ބުނެފައިވާ ގޮތުގައި އެއްތަނެއްގައި ތިބެންޖެހޭ މީހުން ކޮންމެ ފަނަރަވަރަކަށް މިނިޓްގެ ތެރޭގައި މިގޮތަށް ހަށިގަނޑު ސްޓްރެޗް ކޮށްލުމުން ގިނައިރު އެއްތަނެއްގައި އިނުމަށް ފަސޭހަ ވެއެވެ. އަދި އެމީހެއްގެ އުފެއްދުން ތެރިކަން 15 އިންސައްތަ އިތުރު ވެއެވެ.
ކޮމްޕިއުޓަރު ކައިރީ ތިބޭ އިރު ގިނަމީހުންނަށް ތިބެވެނީ ދެކޮނޑު އެތެރެޔަށް ލަނބާލައިގެން ކަނދުރާ ގުދުކޮށްގެންނެވެ. ގަވާއިދުން މިގުދު ސީދާ ކޮށްލާ، ނޭވާލުން ކޮންޓްރޯލް ކޮށްލުމުން ވަރުބަލިވުން ދުރުކޮށްދީ އަދި މިގޮތަށް ގިނައިރު އިނުމުން ކުރިމަތިވާ ސިއްހީ މައްސަލަ ތަކުންވެސް ދުރުކޮށްދެއެވެ.
މައިކްރޯ ޔޯގާ ހަދާނެ ގޮތް
މައިކްރޯ ޔޯގާ އަކީ ހަޤީޤީ ޔޯގާ ކަސްރަތެއް ނޫންނަމަވެސް ނޭވާ ކޮންޓްރޯލް ކުރަމުން މިގޮތަށް ކުރާ ކަސްރަތު ތަކުން ޔޯގާއިން ލިބޭފަދަ ފައިދާތަކެއް ހަށިގަނޑަށް ކުރެއެވެ.
މައިކްރޯ ޔޯގާ ސްޓްރެޗް ހެދުމަށް ކޮންމެ ފަނަރަ ވަރަކަށް މިނެޓުން އެއްފަހަރު ކޮޅަށް ތެދުވެ ހަމަޖެހުމުގެ ދެތިން ފުންނޭވާލާށެވެ. އެއަށްފަހު ދެއަތް ފުރަގަހަށް ގެންގޮސް އެއްއަތުން އަނެއްއަތުގައި ހިފަހައްޓާލާށެވެ. ދެން ނޭވާ އެތެރެޔަށް ދަމާލަމުން ގުޅުވާފައިވާ ދެއަތް ތިލަ ތިރިޔަށް ދަމާލާ މޭ ބޭރަށް ނެރެ ދެކޮނޑުވެސް ފަހަތަށް ދަމާލާށެވެ. ދެން ނޭވާ ބޭރަށް ލަމުން މަޑުމަޑުން ހަށިގަނޑު އޮރިގިނަލް ޕޮޒިޝަނަށް ގެންނާށެވެ. މިގޮތަށް ހައެއްކަ ފަހަރު ސްޓްރެޗް ކޮށްލާނީއެވެ.
ނޭވާ ކޮންޓްރޯލް ކުރުން ނުވަތަ ”މައިންޑްފުލް ބްރީދިންގ“
ކަމަކާ ސްޓްރެސްވެ އެންގްޒަޔަޓީ މައްޗަށްދާނަމަ ”މައިންޑްފުލް ބްރީދިންގ“ ނުވަތަ ގަސްތުގައި ނޭވާލުން ކޮންޓްރޯލް ކުރުމުން އެންގްޒަޔަޓީ، ސްޓްރެސްވުން، އަދި ޑިޕްރެޝަން ދުރުކޮށްދޭނެ ކަމަށް ވަރަށް ގިނަ ސްޓަޑީ ތަކުން ވަނީ ދައްކާފައެވެ.
ފަހުގެ ސްޓަޑީ އަކުން ހާމަވެފައިވާ ގޮތުގައި ތިންފަހަރު ލަސްލަހުން ފުންކޮށް ނޭވާމުން ސިކުނޑީގެ ފޯކަސް ކުރުމާއި ރިލެކްސްކުރުމާއި ބެހޭ ބައިތަކަށް އެކަމުގެ ހެޔޮ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.
އިޓަލީގެ ޔުނިވަސިތީ އޮފް ނޭޕްލްސް ގެ ރިސަރޗަރ އަމިތު ކުމާރު ބުނާގޮތުން މިޓެކްނިކަކީ އެމީހަކު ބޭނުން ވަރަކަށް ބޭނުން ކުރެވިދާނެ ޓެކްނިކެކެވެ.މިގޮތުން އޮފީހުގައި ބޮޑު މީޓިންގ އަކަށް ވަނުމުގެ ކުރިން ނުވަތަ ސިކުޑީގައި ޚިޔާލްތައް ފުނިޖެހި ހާސްވާގޮތް ވުމުން މިގޮތަށް ނޭވާލުން ކޮންޓްރޯލް ކޮށްލުމުން ހަށިގަނޑަށް ވަރަށް އަވަހަށް ހަމަޖެހުން ގެނުވައެވެ. ދުވާލުގެ އެކިވަގުތު ތަކުގައި މިގޮތަށް ނޭވާލުން ކޮންޓްރޯލް ކޮށްލުމުން ސްޓްރެސްވުމާއި ދުރުކޮށްދޭނެ ކަމަށް އަމިތު ކުމާރު ބުނެފައި ވެއެވެ.
ކޮންޓްރޯލް ކޮށްގެން ނޭވާ ލާނެ ގޮތް
އެކަނި ހިމޭން ތަނެއްގައި އިށީނުމަށްފަހު ހަމަޖެހިލާށެވެ. އެއަށްފަހު ދިހަޔަކާ ހަމަޔަށް ގުނެންްދެން ލަސްލަހުން އެތެރެޔަށް ނޭވާލާށެވެ.އަދި ބޭރަށް ނޭވާލާއިރު އެތެރެޔަށް ނޭވާލުމަށް ނެގި ދިހަ ސިކުންތަށްވުރެ ވަގުތު އިތުރު ކޮށްލާށެވެ. މިގޮތަށް ނޭވާލާއިރު ފުއްޕާމެޔަށް ވައިވަދެ، އަދި ފުއްޕާމެއިން ވައިބޭރުވާ ގޮތާމެދު ފޯކަސް ބަހައްޓާށެވެ.މިކަސްރަތަކީ ދުވާލުގެ އެކިވަގުތު ތަކުގައި ކުރެވިދާނެ އެކަމުން ރަގަޅު ނަތީޖާ ފެންނާނެ ކަސްރަތެއްކަމަށް ސްޓަޑީތަކުން ދައްކާފައި ވެއެވެ.
މައުލޫމާތު : ބީބީސީ ހެލްތު
![]()
