ސައުދީގެ މައްޗަށް ހޫތީންގެ ބޮޑެތި ތުޙުމަތުތަކެއް ފެންމަތިވެއްޖެ

Loading

Facebook
Twitter
WhatsApp

ޔަމަނުގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ ވަރުގަދަވަމުންދާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސައޫދީ އަރަބިއްޔާއިން 26 ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ތުހުމަތުކޮށްފިއެވެ.

ހުކުރު ދުވަހު ހޫތީން ބުނި ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ސައޫދީން ދިން ހަމަލާތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް 300 އަށް އަރާފައެވެ. މި މައުލޫމާތު އޭއެފްޕީން ރިޕޯޓުކޮށްފައިވާއިރު، ސައޫދީގެ ކަމާބެހޭ ފަރާތްތަކުން މި ހަމަލާތަކުގެ ޖުމްލަ އަދަދު ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިދަނޑިވަޅުގައި، ސައޫދީ އަރަބިއްޔާގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރުން ބުނެފައިވަނީ، ތާއިޒް ޕްރޮވިންސްގައި ހިނގި ކުރިމަތިލުންތަކެއްގައި އެ ގައުމުގެ ސިފައިން ހޫޘީންގެ 30 ހަނގުރާމަވެރިން މަރާލައި، 60 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

މިގޮތަށް ހަމަލާތައް ވަރުގަދަވުމާ ގުޅިގެން އާންމުންގެ ރައްކާތެރިކަމާމެދު އޮތް ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ. މި ހަފުތާގެ ކުރީކޮޅު ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި، ތިން ކުޑަކުދިން ހިމެނޭހެން މަދުވެގެން ފަސް މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ސައޫދީ އަރަބިއްޔާގެ ނުފޫޒާ ދެކޮޅަށް އަޑުއުފުލުމަށާއި ހޫތީންގެ ޖަމާއަތަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެތައް ހާސް ހޫތީންގެ ސަޕޯޓަރުންނެއް ހުކުރު ދުވަހު ސަންއާ އަށް އެއްވިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ސައޫދީ އަރަބިއްޔާއަށް ހޫތީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ އިންސާނީ ކާރިސާއާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މަޖިލީހުން ބުނި ގޮތުގައި، ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މުޅި ޔަމަނުން މަދުވެގެން 125،000 މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

މީގެއިތުރުން، މި ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ސްޓްރެޓީޖިކް ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ މެދުވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް