ގްރީންލޭންޑްވެސް ގައުމެއްގެ އަޅުވެތިކަމުގެ ދަށަށް؟

Loading

Facebook
Twitter
WhatsApp

ޑެންމާކާއި ގްރީންލޭންޑާ އެކު ވެވޭ އައު އެއްބަސްވުމެއްގެ ދަށުން، އާކްޓިކްގެ އެ ރަށުގެ ސަލާމަތީ އަދި އެހެނިހެން ބޭނުންތަކުގެ މައްޗަށް އެމެރިކާއަށް ދާއިމީ ކޮންޓްރޯލް ލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ޓްރުތް ސޯޝަލްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ގްރީންލޭންޑްގައި މުއްދަތެއް ނެތި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާބިލުކަން އެމެރިކާއަށް ލިބިގެންދާނެ ކަމަށެވެ. އަދި އެމެރިކާގެ ހުއްދައަކާ ނުލައި، ވާދަވެރި ގައުމުތަކުން އެ ރަށުގައި އަސްކަރީ މަރުކަޒުތައް ގާއިމުކުރުމާއި ސިފައިން ބޭތިއްބުން ވޮޝިންޓަނުން ހުއްޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގްރީންލޭންޑްގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމުގެ ޕްލޭންތައް ޓްރަމްޕް ވަނީ އިޢުލާނު ކުރައްވާފައެވެ. މީގެ ތެރޭގައި އެކި ސަރަހައްދުތައް ބޭނުންކުރުމާއި، އެ ރަށުގައި މިހާރުވެސް ހުރި ސްޕޭސް ފޯސް ބޭސް ބޭނުންކުރުން ހިމެނެއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ވޮޝިންޓަންގެ ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލު ލިބި، އުތުރު އެމެރިކާގެ ސްޓްރެޓީޖިކް ދިފާއީ ސަރަހައްދުގެ ތެރޭގައި ގްރީންލޭންޑް ދެމިއޮންނާނެ ކަމަށެވެ.

ޑެންމާކާއި ގްރީންލޭންޑުން ބުނެފައިވަނީ، އަންނަ ހަފުތާގައި އޮންނަ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގެ ތެރޭގައި އެމެރިކާގެ ދިފާއީ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، މި އެއްބަސްވުމަށް ގްރީންލޭންޑާއި ޑެންމާކުގެ ބަރުލަމާނުގެ ރުހުން އަދިވެސް ބޭނުންވެއެވެ.

ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސެން ވިދާޅުވީ، މި އެއްބަސްވުމުން ޑެންމާކާއި ގްރީންލޭންޑުގެ މިނިވަންކަމާއި ސަރަހައްދީ ފުރިހަމަކަން ބަލައިގަންނަ ކަމަށެވެ. އަދި ގްރީންލޭންޑުގެ ބޮޑުވަޒީރު ޖެންސް-ފްރެޑެރިކް ނީލްސެން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ވެގެންދާނެ ކަމަށެވެ.

ހުށަހެޅިފައިވާ މި އެއްބަސްވުމަކީ ގްރީންލޭންޑާ ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވި ޑިމާންޑްތަކާ ގުޅިގެން އުފެދުނު އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ނުތަނަވަސްކަމަށްފަހު އެކުލަވާލެވޭ އެއްބަސްވުމެއްކަން ފާހަގަކޮށްލެވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް