ބަންގްލާދޭޝްގައި ބާރަށް ފެތުރެމުންދާ ހިމަބިހި ބަލި ޖެހިގެން މިހާތަނަށް އެއްހާހަށް ވުރެގިނަ ކުޑަކުދިން މަރުވެފައިވާކަން ހާމަ ވެއްޖެއެވެ.ބަލިފެތުރުން ހުއްޓުވުމަށް އެގައުމުގައި މިހާރުވަނީ އިމަޖެންސީ ވެކްސިނޭޝަން ޕްރޮގްރާމެއްވެސް ފަށާފައި ކަމަށް ވެއެވެ. އަދި މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 19.8މިލިއަނަށް ވުރެ ގިނަ ކުޑަކުދިންނަށް ވެކްސިން ދީފައިވާކަމަށް އޮފިޝަލުން ހާމަ ކޮށްފައި ވެއެވެ. މިއާއެކުވެސް ކޮންމެ ދުވަހަކުވެސް ބައްޔަށް ޝައްކު ކުރެވޭ އެއްހާހެއްހާ ކޭސް ފެންނަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.
ޔުނިސެފުން ބީބީސީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް ވެކްސިން ނުދެވި ތިބި ކުދިންނަށް ވެކްސިން ދިނުމަށްޓަކާ ސެޕްޓެމްބަރ 26 ވަނަ ދުވަހު ޔުނިސެފް ގެ އެހީގައި ވެކްސިނޭޝަން ކެމްޕެއިން ގެ ޚާއްސަ މަރުހަލާއެއް ފެށުމަށް ވަނީ ހަމަ ޖެހިފައެވެ.
ޑަބަލިއުއެޗްއޯ ފަދަ އިދާރާތަކުން ފާހަގަކޮށްފައިވާ ގޮތުގައި މިއަހަރުގެ މާޗްމަހާ ހަމަޔަށްވެސް ހިމަބިހި ނައްތާލުމުގައި ބަންގްލާދޭޝް އިން އައީ ފާހަގަކޮށްލެވޭ ކާމިޔާބީ ތަކެއް ހޯދަމުންނެވެ. ހަމައެއާއި އެކުއެކީ ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ހިމަބިހީގެ ކޭސްތައް ފެނިފައިވާ ގައުމަކީ ބަންގްލާދޭޝް އެވެ.
ބަންގްލާދޭޝް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޭވާލާ ނިޒާމްގެ ތެރެއިން ވައިރަސް ވަދެގެން ޖެހޭ ހިމަބިހި މާޗްމަހުން ފެށިގެން މިހާތަނަށް194،000 ކުދިންނާއި މީހުންނަށް ޖެހިފައި ވެއެވެ.
އަންގާރަ ދުވަހު އެކަނިވެސް ހިމަބިހި ޖެހިފައިވާކަމަށް ޝައްކުކުރެވޭ 8 މީހުން މަރުވެފައިވާ ކަމަށް ވެއެވެ.
178މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ބަންގްލާދޭޝްގައި ހިމަބިހި މިހާބާރަށް ފެތުރެން ފެށި ސަބަބު ތަކުގެ ތެރޭގައި ވަގުތީ ލީޑަރ މުހައްމަދު ޔޫނުސްގެ ސަރުކާރުގައި އިތުރު ވެކްސިން އަށް އޯޑަރު ނުދިނުމުގެ ސަބަބުންނާއި ކޮވިޑް 19ގެ ސަބަބުން ހިމަބިހީގެ ވެކްސިން ދިނުން މެދުކެނޑިގެން ދިއުން ހިމެނެއެވެ.
![]()
