14 ތުއްތު ކުދިން މަރުވި ނިއޯނޭޓަލް ޔުނިޓް ގައި ފަޔާ އެލާމް ނެތްކަން ހާމަ ވެއްޖެ

Loading

September 17, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އަލިފާނުގެ ހާދިސާއެއްގައި މިދިޔަމަހު 14 ތުއްތުކުދިން މަރުވި ޕާކިސްތާންގެ ނިއޯނޭޓަލް ޔުނިޓްގައި ފަޔާ އަލާމް ނުވަތަ އަލިފާން ނިވުމަށް ފެންޖަހާ ސްޕްރިންކްލާސް ނެތްކަން ހޯދުންތަކަށް ހާމަވެއްޖެ އެވެ.


އެހާދިސާއާއި ގުޅިގެން ހިންގި ރަސްމީ އިންކުއަރީ އަށް ހާމަ ވެފައިވާ ގޮތުގައި އެފަދަ ހާދިސާއެއް ހިނގައިފިނަމަ އަވަހަށް ސަލާމަތްވެވޭ ފަދަ ގޮތަށް ހުރި ދޮރުތައް ހުރީ ތަޅުލާފައި ނުވަތަ ފަސޭހައިން ނުހުޅުވޭގޮތް ހަދާފައި ކަމަށް ބުނެފައި ވެއެވެ. ފަޔާފައިޓަރުން ބުނެފައިވާ ގޮތުގައި މިހާދިސާ ހިނގި އިސްލާމް އާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ހޮސްޕިޓަލަށް ވަނުން ވެގެން ދިޔައީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. ދޮރުތައް ތަޅުލާފައި ހުރުމުން ކުޑަދޮރެއް ތަލާލައިގެން އެތެރެޔަށް ވަދެވުނު ނަމަވެސް ވޯޑް ތަކާއި ދިމާލަށް ދެވެން ހުރި ދޮރުތައް ހުރީ ތަޅުލާފައެވެ.
މިކަމާބެހޭގޮތުން ޕީއެމްއެސްއިން އަދި ވަކިއެއްޗެއް ނުބުނާ ކަމަށް ވެއެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެއްފަޔާފައިޓަރު ކިޔާދިން ގޮތުގައި އެމީހުންނަށް އެތެރެޔަށް ވަދެވުނީ އަލިފާން ނިއްވާލެވުނު ފަހުންނެވެ.އޭރު އެތަނުން ފެނުނީ ވަރަށް ހިތާމަވެރި މަންޒަރުތަކެއް ކަމަށް އޭނާ ކިޔާދީފައި ވެއެވެ. މިގޮތުން ތުއްތުކުދިން ތިބި ކްރިބް ނުވަތަ އެނދުތަކުގެ މަތީގައި ހަރުކޮށްފައި ހުރި މެޑިކަލް އިކުއިޕްމަންޓްތައް ހުރީ އަނދައިގެންގޮސް ކުދިންގެ ގައިމައްޗަށް ވެއްޓިފައިވާތަން ފެނުނު ކަމަށް އޭނާ ކިޔާދީފައިވެއެވެ.
ޚާއްސަ އިންވެސްޓިގޭޓިވް ކޮމިޓީ އަކުން ހޯދި ހޯދުންތަކަށްފަހު ހެދި ރިޕޯޓްގައިވާ ގޮތުން މުޅި އިންސްޓިޓިއުޝަންވެސް ފެއިލްވެ،މިފަދަ ހާދިސާތައް ސިސްޓަމެޓިކް ގޮތެއްގައި ހިނގާކަން ފާހަގަކުރެވިފައިވެއެވެ.އަދި އެފަހަރުވެސް އޭސީ އަށް ކުރިމަތިވި ކަރަންޓް މައްސަލައަކާއި ގުޅިގެން އަލިފާން ކަނިބުރާ ހިނގި ހާދިސާއެއް ބޮޑުވެގެންގޮސް މިފަދަ ބޮޑުކަމަކަށް ބަދަލުވެގެން ދިޔައީ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ހާދިސާ ހިނގި ދުވަސްކަމަށްވާ އޮގަސްޓް 26 ވަނަ ދުވަހު ހޮސްޕިޓަލް އެތެރޭގައި ތިބި މީހުންނަށް ކަމެއް ހިނގައިގެން އުޅޭކަން އިނގުނީ މީހުން ހަޅޭއްލަވާއަޑު އިވުމުން ކަމަށް ވެއެވެ.ތިރީވޯޑެއްގައި ބަލިމީހަކު ކައިރީ އިންމީހަކު ކިޔާދިން ގޮތުގައި އެހީތެރިކަމެއް ދެވޭތޯބަލަން އޭނާވެސް ވަރަށް އަވަހަށް މައްޗަށް އެރިއިރުވެސް މުޅި ވޯޑް ވަނީ ދުމުން ފުރިފައެވެ.އެތާތިބި ނަރުހުން ވަރަށް އަވަހަށް ހަރަކާތްތެރިވެ ވިއްސަކަށް ސިކުންތު ތެރޭ ސެކިއުރިޓީ ގާޑެއް ގެނުވި ނަމަވެސް އޭރު ވަނީ ވަރަށް ބޮޑަށް ރޯވެފައި ކަމަށްވެއެވެ. މިހާދިސާގައި އެތަނުގައި ތިބީ 14 ތުއްތު ކުދިން މަރުވެފައިވާއިރު ސަލާމަތް ކުރެވުނީ އެންމެ ކުއްޖެކެވެ. ގިނަ ކުދިން މަރުވި ކަމަށް ބެލެވެނީ އޮލަ ދުމުގެ ސަބަބަން ނޭވާ ނުލެވިގެންނެވެ. އޭރު ގިނަ ކުދިން ތިބީވެސް އޮކްސީޖަން ސަޕޯޓްގައި ކަމަށް ވެއެވެ.
އަދި އަލިފާން އެހާބޮޑަށް ރޯވީވެސް އެތަނުގައި ހުރި އޮކްސީޖަން ސިލިންޑަރު ތަކުގެ ސަބަބަން ކަމަށް ބެލެވޭ ކަމަށްވެސް ބައެއް މީޑިޔާ ރިޕޯޓްތަކުގައި އޭރު ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް