ރޭގަނޑުގެ ވަގުތެއްގައި ހިނގި އަސްކަރީ ކުރިމަތިލުންތަކެއްގައި އުތުރު ގަލްފާއި ގަލްފް އޮފް އޮމާންގައި ދަތުރުކުރަމުންދިޔަ ވިޔަފާރި ބޯޓުތަކެއްގައި އަލިފާން ރޯވެ، ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބުނެފިއެވެ. މި ހާދިސާތައް ހިނގާފައިވަނީ އެ ސަރަހައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ބްރިޓިޝް ނޭވީއާ ގުޅުން އޮންނަ މި އެޖެންސީން ބުނީ، މި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން ނުވަތަ ތިމާވެއްޓަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯ އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ. މި ރިޕޯޓްތައް އައިސްފައިވަނީ ސްޓްރެޓީޖިކަލީ މުހިންމު ހޮރުމުޒް ކަނޑުއޮޅި ކައިރީގައި އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ހަމަލާތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ.
ވަކިން ހިނގި އެހެން ހާދިސާއެއްގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޕޯޓް ރާޝިދާ ގާތްގަނޑަކަށް 24 ނޯޓިކަލް މޭލު ބޭރުގައި އަޅާފައި އޮތް ބޯޓެއް އެއްފަރާތަކަށް އަރިއަޅާލާފައިވާ މަންޒަރު ފެނިފައިވާ ކަމަށް ޔޫކޭއެމްޓީއޯ އިން ރިޕޯޓްކޮށްފައިވެއެވެ. ބޯޓުގެ ހާލަތުން އެނގޭ ގޮތުގައި، ދެނެގަނެވިފައިނުވާ ހަމަލާއެއް އެރުމާއި ގުޅިގެން ބޯޓަށް ވަނީ ފެންވަދެފައެވެ. އެ އެޖެންސީން ވަގުތުން އެ ބޯޓަކީ ކޮން ބޯޓެއްކަން އަދި މި ހަމަލާގެ ޒިންމާ ނަގަނީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
މި ކަންކަން ހިނގާފައިވަނީ، ވިދިވިދިގެން ދެ ދުވަހު އެމެރިކާގެ އަސްކަރީ މަނަވަރަކަށް މިސައިލް ހަމަލާދޭން އުޅުނު ކަމަށް ބުނެ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް ސެންޓްކޮމް ގެ ސިފައިން އަންގާރަ ދުވަހު އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ފަސް ޓޭންކަރަކަށް ހަމަލާދީ ހަލާކުކޮށްލުމާ ގުޅިގެންނެވެ.
އޭގެ ފަހުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ”އައިއާރުޖީސީ“ އިން ވަނީ ގަލްފުގައިވާ އެމެރިކާގެ ދެ އުޅަނދަކަށާއި އަށް ތެޔޮ ޓޭންކަރަކަށް ހަމަލާދިން ކަމަށް ބުނެ އެކަމުގެ ޒިންމާ ނަގާފައެވެ. ރިވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި އެ އުޅަނދުތައް މަސައްކަތްކޮށްފައިވަނީ އީރާނުން މަނާ އަދި ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހޮރުމުޒް ކަނޑުއޮޅީގެ ސަރަހައްދަކުން ދަތުރުކުރުމަށެވެ.
މި ހާދިސާތަކުން އެނގިގެންދާ އެންމެ މުހިންމު އެއް ކަމަކީ ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގުގައި ވިޔަފާރި އުޅަނދުފަހަރަށް ކުރިމަތިވަމުންދާ ނުރައްކާތައް އިތުރުވަމުންދާ މިންވަރެވެ. ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މަގެކެވެ. އެ މަގުން ބޮޑެތި އަދަދުތަކުން ސާފުނުކުރާ ތެލާއި އެހެނިހެން ޕެޓްރޯލިއަމް އުފެއްދުންތައް އުފުލައެވެ.
އެންމެ ފަހުން ހިނގި މި ހާދިސާތަކުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި، ހަކަތައިގެ ބާޒާރުތަކަށް އަތުވެދާނެ ލޮޅުންތަކާއި، ގަލްފު ސަރަހައްދުގައި އަސްކަރީ ކުރިމަތިލުންތައް އިތުރަށް ފުޅާވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްވެސް މީހަކު މަރުވި ނުވަތަ ޒަޚަމްވި ކަމުގެ ކަށަވަރު މައުލޫމާތެއް އަދި ގެއްލުން ލިބުނު އުޅަނދުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
![]()
