ހާއްސަ އިންތިޒާމުތަކަކާއެކު ހަމަޖެއްސި ގްރީން ކޮރިޑޯއެއްގެ އެހީގައި، އިންޑިއާގެ ގާޒިޔާބާދުގެ ހިންދޮން އެއާޕޯޓުން ނޮއިޑާގެ ފޯޓިސް ހޮސްޕިޓަލަށް، ގާތްގަނޑަކަށް 20 ކިލޯމީޓަރުގެ ރާސްތާއެއް އެންމެ 16 މިނެޓުގެ ތެރޭގައި ކަޑައްތުކޮށް، ހަދިޔާކުރި ހިތެއް ގެންގޮސްދީ، ވަގުތު އެހާމެ ނާޒުކު، ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް، ޑޮކްޓަރުންނަށް އެހީތެރިވެދީފިއެވެ.
މި އޮޕަރޭޝަން ފެށުނީ ޗަންދީގަޅުގެ އާއިލާއަކުން އެމީހުންގެ ލޯބިވާ މީހާގެ ގުނަވަންތައް ހަދިޔާކުރުމަށް އެއްބަސްވުމާ ގުޅިގެންނެވެ. ހަދިޔާކުރި ހިތް ނަގާފައިވަނީ ހަރިޔާނާގެ ޕަންޗްކުލާގައި ހުންނަ ކޮމާންޑް ހޮސްޕިޓަލުންނެވެ. އަދި އެއްގަމު މަގުން ޗަންދީގަޅު އެއާޕޯޓަށް ގެންދިއުމަށްފަހު ވައިގެ މަގުން ގާޒިޔާބާދުގެ ހިންދޮން އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ.
ފޯޓިސް ހޮސްޕިޓަލުން ކުރިންވެސް އެކަށީގެންވާ ބަލިމީހަކު ކަނޑައަޅައި، އެއްފަހަރާ ތިން ޓީމެއްގެ މަސައްކަތް ފެށިއެވެ. ގުނަވަން ގެނައުމަށް ހަމަޖެހުނު ޓީމު އެއްގަމު މަގުން ހަތަރު ގަޑިއިރާއި ބައިގެ ދަތުރަކަށްފަހު ޕަންޗްކުލާއަށް ދިޔައިރު، ނޮއިޑާ ހޮސްޕިޓަލުގެ ޑޮކްޓަރުން ދިޔައީ ބަލިމީހާ އޮޕަރޭޝަނަށް ތައްޔާރުކުރަމުންނެވެ. އަދި އިދާރީ ޓީމުން ދިޔައީ ހަރިޔާނާ، ޗަންދީގަޅު، ގާޒިޔާބާދު އަދި ނޮއިޑާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ވިލަރެސްކުރަމުންނެވެ.
ހެނދުނު ގާތްގަނޑަކަށް 7 ޖެހިއިރު، ފޯޓިސްގެ އޮފިޝަލުން ގާޒިޔާބާދުގެ ޓްރެފިކް އިދާރާތަކާ ގުޅައި ހިންދޮން އެއާޕޯޓާއި ހޮސްޕިޓަލާ ދެމެދު ގްރީން ކޮރިޑޯއެއް ހަމަޖެއްސުމަށް އެދުނެވެ. އެ މަގުގެ މުހިންމު ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވިއެވެ. ގާޒިޔާބާދު އަދި ނޮއިޑާގެ ސަރަހައްދުތައް ބެލެހެއްޓުމަށް އިންސްޕެކްޓަރުން ހަމަޖެއްސިއިރު، ގާޒިޔާބާދު ކޮންޓްރޯލް ރޫމުން އެމްބިއުލާންސް ދަތުރުކުރާ ގޮތް މޮނިޓާ ކުރަމުން ދިޔައެވެ. މީގެ އިތުރުން ފުލުހުންގެ އިތުރު އެސްކޯޓް ވެހިކަލެއްވެސް ބޭނުންކުރިއެވެ.
އެއާޕޯޓުގެ ވިލަރެސްކުރުންވެސް އެހާމެ މުހިންމު ދައުރެއް އަދާކުރިއެވެ. ހިންދޮން އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކުން ހޮސްޕިޓަލާއި ސެކިއުރިޓީ އޮފިޝަލުންނާ ގުޅިގެން، ރަންވޭއާ ކައިރީގައި ކުއްލި ނުރައްކަލުގެ އެމްބިއުލާންސަށް މަޑުކޮށްލުމުގެ ހުއްދަ ދިނެވެ. މިއީ ބޯޓު ޖެއްސުމަށްފަހު ހިތް އެމްބިއުލާންސަށް ބަދަލުކުރުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ. މިއީ އިންސާނެއްގެ ދިރިހުރި ގުނަވަނެއް ޓްރާންސްޕޯޓް ކުރުމުގެ މަސައްކަތް ހިންދޮން އެއާޕޯޓުން ކުރި ފުރަތަމަ ފަހަރެވެ.
ގްރީން ކޮރިޑޯއަކީ ބަލިމީހުން ނުވަތަ ހަދިޔާކުރާ ގުނަވަންތައް އުފުލާ ކުއްލި ނުރައްކަލުގެ ވެހިކަލްތަކަށް، ޓްރެފިކްގެ އެއްވެސް ހުރަހެއް ނެތި އަވަހަށް ދަތުރުކުރެވޭނެ ގޮތަށް ހާއްސަކޮށް ބަލަހައްޓާ މަގުތަކެކެވެ. މިއީ ހިތް ބަދަލުކުރުމުގެ އޮޕަރޭޝަންތަކުގައި ވަކިން ހާއްސަކޮށް މުހިންމު ކަމެކެވެ. ސަބަބަކީ ހަށިގަނޑުން ބޭރުގައި ގިނަ ވަގުތުތަކެއް ވަންދެން ހިތް ރައްކާތެރިކަމާއެކު ނުބެހެއްޓޭނެތީއެވެ.
ހަދިޔާކުރާ ހިތެއް ފިނިކޮށް ބަހައްޓައިގެން ގެންދިއުމަށް އެންމެ އެކަށީގެންވާ ވަގުތަކީ ގާތްގަނޑަކަށް ދެ ގަޑިއިރެވެ. އާންމުކޮށް ބަލައިގަނެވޭ ރައްކާތެރި ވަގުތަކީ ގާތްގަނޑަކަށް ދެ ގަޑިއިރާއި ބައި ނުވަތަ ތިން ގަޑިއިރެވެ. މިއަށްވުރެ ގިނަ ވަގުތު ހޭދަވެއްޖެނަމަ ހިތަށް ލިބޭ ގެއްލުން އިތުރުވެގެން ދެއެވެ.
![]()
