ސައޫދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ޑްރޯން ފޮނުވާ ޕްލެޓްފޯމެއް އިރާގުގެ ސަލާމަތީ ބާރުތަކުން އަތުލައިގެންފި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އިރާގުގެ ސެކިއުރިޓީ މީޑިއާ ސެލްގެ ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ސަޢަދު މަޢާން ވިދާޅުވީ، އިންޓެލިޖެންސް އަދި ސަލާމަތީ އޮޕަރޭޝަނެއްގެ ދަށުން މި އާލާތްތައް ހޯދާފައިވަނީ އިރާގުގެ ދެކުނު އިރުމަތީގައިވާ މައިސާން ޕްރޮވިންސުން ކަމަށެވެ. އަދި މި ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފޮރެންސިކް އަދި ޓެކްނިކަލް ޓީމުތަކުން އެ ސަރަހައްދާއި އާލާތްތައް ތަހުގީގުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިރާގު ސަރުކާރުން ދަނީ ޖާސޫސީ މައުލޫމާތު ބަދަލުކުރުމަށް ސައޫދީގެ ކަމާބެހޭ ފަރާތްތަކާއި އެކު މުއާމަލާތް ކުރަމުންނެވެ. އަދި މި ތަހުގީގުގައި ބައިވެރިވެ، އޭގެ ހޯދުންތައް ބެލުމަށް އީރާނުން އެދުނު އެދުމަށް އިރާގުގެ ކޮމާންޑަރ-އިން-ޗީފް ވަނީ ހުއްދަ ދެއްވާފައެވެ.
ބުރާސްފަތި ދުވަހު ދިން މި ޑްރޯން ހަމަލާތައް އަމާޒުވެފައިވަނީ ރިޔާޟާއި މަދީނާގެ ވަށައިގެންވާ ސަރަހައްދުތަކަށް ކަމަށާއި، މި ހަމަލާތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އީސްޓް-ވެސްޓް ތެޔޮ ހޮޅިން ތެޔޮ ފޮނުވުން އޭރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މި ހޮޅިއަކީ ހޮރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް ރަތްކަނޑަށް ސާފުނުކުރާ ތެޔޮ އުފުލުމަށް މަގުފަހިކޮށްދޭ، ސައޫދީގެ ތެލުގެ އުމްރާނީ ވަސީލަތްތަކުގެ މުހިންމު ބައެކެވެ.
ބަޣުދާދުން އެދިފައިވާ އެދުމަކާ ގުޅިގެން، ސައޫދީ އަރަބިއްޔާއިން މިހާތަނަށް ރައްދު ހަމަލާއެއް ދިނުމުން ވަނީ ދުރުހެލިވެފައެވެ.
ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ކުރިން ލަފާކޮށްފައިވާ ގޮތުގައި މި ހަމަލާ ފޮނުވާލާފައިވަނީ އިރާގާއި އީރާނުގެ ބޯޑަރު ކައިރީގައި އޮންނަ މައިސާން ސަރަހައްދުންނެވެ. އެއަށްފަހު އިރާގުގެ ސިފައިން ވަނީ އެ ޕްރޮވިންސްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މިކަމުގައި ޝާމިލުވާ ކަމަށް ޝައްކުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މި ހަމަލާއާ ގުޅިގެން ސަލާމަތީ ކަންކަން ބަލައި ފާސްކުރުމަށްޓަކައި އީރާނާއި ގުޅޭ ބައެއް ބޯޑަރު ހުރަސްތައް ވެސް ވަގުތީގޮތުން ބަންދުކުރިއެވެ. އަދި އިރާގުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުތަކުގެ އަސްކަރީ އަދި ސަލާމަތީ ބައެއް ކޮމާންޑަރުންގެ މަގާމުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.
ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރުން ހުއްޓުވުމަށް ބަޣުދާދަށް އޮތް ޕްރެޝަރު މި ހާދިސާއާ ގުޅިގެން ވަނީ އިތުރަށް ބޮޑުވެފައެވެ.
![]()
