ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވަމުންދާތީ، ބަދަލު މަގެއްގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާނެ އާ މަގެއް އިއުލާނުކުރުމަށް އީރާނުން ދަނީ ތައްޔާރުވަމުންނެވެ.
އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލް މުހްސިން ރިޒާއީ ވިދާޅުވީ، އެ ކަނޑުއޮޅީގެ ކައިރީގައި ވަކި ޒޯނެއް ކަނޑައަޅައި، އޮމާނާއެކު އެއްބަސްވެފައިވާ އާ މަގު ”ކުރިއަށް އޮތް ދުވަސްތަކުގައި“ ތެހެރާނުން އާންމުކުރާނެ ކަމަށެވެ.
އީރާނުގެ އޮފިޝަލުން މީގެ ކުރިން ވިދާޅުވެފައިވަނީ ވަގުތީ ގޮތުން ހަމަޖައްސާ މި ދަތުރުފަތުރުގެ ކޮރިޑޯގެ ފުޅާމިނުގައި ގާތްގަނޑަކަށް 11.3 ކިލޯމީޓަރު ހުންނާނެ ކަމަށެވެ. އަދި މި މަގަށް ވަންނަ ދޮރު އޮންނާނީ އީރާނުގެ ސަރަހައްދީ ކަނޑުގެ ތެރެއިން ކަމަށާއި، ނުކުންނަ މަގުގެ ބައެއް ވެސް އޮންނާނީ އެ ސަރަހައްދީ ކަނޑުގެ ތެރޭގައެވެ. ނަމަވެސް، މި މަގުގެ ސީދާ ކޯޑިނޭޓްތަކާއި، ސަލާމަތީ އިންތިޒާމުތަކާއި، އުޅަނދުފަހަރަށް އެ މަގު ބޭނުންކުރަން ފެށޭނެ ތާރީޚު ހިމެނޭހެން މުހިންމު ތަފުސީލުތައް އަދި އިއުލާނެއް ނުކުރެއެވެ.
މި ކަންތައްތައް މިގޮތަށް ހިނގަން ފަށާފައި މިވަނީ ހޮނިހިރު ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ތެޔޮ އުފުލާ ތިން ބޯޓު ހަލާކުކޮށްލުމާ ގުޅިގެންނެވެ. އެ ހާދިސާއާ ގުޅިގެން އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ޤާލިބާފް ވަނީ ދެން ދޭ ކޮންމެ ހަމަލާއަކަށް ”މާ ވަރުގަދަ އަދި ވޭންދެނިވި ރައްދެއް“ ދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
އީރާނުގެ އޮފިޝަލުން ވެސް ވަނީ މި އެއްބަސްވުމަކީ ހޮރްމުޒް ކަނޑުއޮޅި އެއްކޮށް އަލުން ހުޅުވާލުން ނޫން ކަމަށް ބާރުއަޅުއްވާ ވިދާޅުވެފައެވެ. ވަގުތީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ވެފައިވާ ވައުދުތަކަށް، އޭގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި ފްރީޒްކޮށްފައިވާ އީރާނުގެ މުދާތައް ދޫކޮށްލުން ހިމެނޭހެން، އިހުތިރާމްކުރުމަށް ތެހެރާނުން ވަނީ އެމެރިކާއަށް ގޮވާލާފައެވެ.
މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މިހާރުވެސް ސަރަހައްދުގެ އިގްތިސާދުތަކަށް ވަނީ އަސަރުކޮށްފައެވެ. ގިނަ އަދަދަކަށް ތެޔޮ އުފައްދާ ގައުމަކަށް ވީނަމަވެސް ތެލުގެ އިމްޕޯޓަށް ބަރޯސާވާ އިރާގަށް، ސަޕްލައި މެދުކެނޑުމުގެ ސަބަބުން ޕެޓްރޯލް ލިބުމުގައި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ވަރަށް މުހިންމު މަގެކެވެ. އެހެންކަމުން، މި މަގުން ދަތުރުފަތުރު ކުރުމަށް ދިގު މުއްދަތަކަށް ބުރޫއެރުމަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށާއި ސަރަހައްދީ ވިޔަފާރިއަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.
![]()
