އެއްފައި ނެތް މީހުންނަށް ޚާއްޞަކޮށްގެން އެއް ބޫޓު ވިއްކުމުގެ ޚިދުމަތް އިޝްތިހާރުކުރުމަށް ހިންގި ކެމްޕޭނެއްގައި، އިސްރާއީލު ސިފައިންގެ ކުރީގެ މީހަކު ބައިވެރިކުރުމާ ގުޅިގެން، ކުޅިވަރު ސާމާނު އުފައްދާ މަޝްހޫރު ކުންފުނި އެޑިޑާސް ބޯއިކޮޓްކުރުމަށް ގޮވާލުންތައް އަމާޒުވެއްޖެއެވެ.
މި ކެމްޕޭނުގައި ފެންނަނީ، 2021 ވަނަ އަހަރު އިސްރާއީލާއި ޣައްޒާއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ޒަޚަމްވެ ފައި ބުރިކޮށްލަން ޖެހުނު، އިސްރާއީލު ސިފައިންގެ ކުރީގެ މީހެއް ކަމަށްވާ ޝަލޭވް ބިޓޯން އެވެ. މި އިޝްތިހާރުގައި ދައްކަނީ އިސްރާއީލުގައި ހުންނަ އެޑިޑާސް ފިހާރައަކުން އޭނާގެ ފަޔަށް ބޫޓެއް ހެޔޮވަރުކޮށްދިނުމަށްފަހު، އޭނާ ބޭރުގައި ދުވާ މަންޒަރެވެ.
މި ކެމްޕޭނަށް ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ޣައްޒާގައި އެތައް ބައެއްގެ ގުނަވަންތައް ބުރިކޮށްލަންޖެހި، ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ދަނޑިވަޅެއްގައި، ގުނަވަން ބުރިވެފައިވާ މީހުންނަށް ޚާއްޞަ އިޝްތިހާރެއްގައި އިސްރާއީލު ސިފައިންގެ މީހަކު ބައިވެރިކުރުމަކީ އެއްވެސް އިޙްސާސްތެރިކަމެއް ނެތް ޢަމަލެކެވެ.
ޕަލެސްޓީނިއަން ކެމްޕެއިން ފޯ ދަ އެކަޑެމިކް އެންޑް ކަލްޗަރަލް ބޯއިކޮޓް އޮފް އިސްރާއީލް ގެ ސްޕޯޓްސް ބޯއިކޮޓް ކެމްޕޭންސް ކޯޑިނޭޓަރު ސްޓެފަނީ ވެސްޓްބްރޫކް މި ކެމްޕޭން ސިފަކުރެއްވީ، އިސްރާއީލުގެ ޙަމަލާތަކުގައި ޢާއިލާގެ މެންބަރުންނާއި ގުނަވަންތައް ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރި ”ފުރައްސާރައެއް“ ގެ ގޮތުގައެވެ. އަދި މިފަދަ ކެމްޕޭންތަކުގެ ސަބަބުން، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢަމަލުތަކަކީ އާދައިގެ ކަންކަމުގެ ގޮތުގައި ދެއްކުމަށް މަގުފަހިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މި ނުރުހުން ފާޅުކުރުންތައް ކުރިމަތިވެފައި މިވަނީ، ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅާ ހަމައަށް ޣައްޒާގެ 5،000 އާއި 6،000 އާ ދެމެދުގެ ޢަދަދެއްގެ މީހުންގެ ގުނަވަންތައް ވަނީ ބުރިކޮށްލަން ޖެހިފައެވެ. އަދި ޔުނިސެފުން ބުނާ ގޮތުގައި އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނު ފަހުން، 11،000 ކުޑަކުދިން ހިމެނޭހެން، ފަލަސްޠީނުގެ ގާތްގަނޑަކަށް 42،000 މީހުންނަށް ވަނީ މުޅި ޢުމުރަށް އޭގެ އަސަރު ދެމިގެންދާ ފަދަ ބޮޑެތި އަނިޔާތައް ލިބިފައެވެ.
ފަލަސްޠީނަށް ތާއީދުކުރާ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންގެ އެކްޓަރު ހަވިއޭ ބާޑެމް އާއި، ލިޔުންތެރިން ކަމަށްވާ ސޫޒަން އަބުލްހަވާ އަދި ފާޠިމާ ބުއްޓޫ ވެސް ވަނީ އެޑިޑާސް ބޯއިކޮޓްކުރުމަށް ގޮވާލި ގޮވާލުމުގައި ބައިވެރިވެފައެވެ.
މީގެއިތުރުން، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، ޒަޚަމްވި މީހުން އަލުން ޢާންމު ޙާލަތަށް ގެނައުމުގެ ފަރުވާތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ޣައްޒާގައި މަސްނޫޢީ ގުނަވަންތަކާއި ބޭސްފަރުވާގެ ސާމާނު އިންތިހާއަށް މަދުވެފައިވާކަން އެކްޓިވިސްޓުން ވަނީ ފާހަގަކޮށްފައެވެ. އަދި ޣައްޒާގައި ގުނަވަންތައް ބުރިކޮށްލަން ޖެހިފައިވާ މީހުންގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
![]()
