ކާރިސާތަކާއި ކުއްލި އެމަރޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތަކަށް ހުޅުމާލެ ފޭސް 2 އިން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ފޭސް 2 އިން އެންޑީއެމްއޭއަށް ހަމަޖައްސައިދީފައިވަނީ 13,574 އަކަފޫޓުގެ ބިމެކެވެ.
މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް އަދި އެންޑީއެމްއޭ ފަރާތުން މިހާރު ވަނީ ސޮއިކޮށްފައެވެ. ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު (2015/28) ގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން، 30 ޑިސެންބަރު 2018 ގައި އެންޑީއެމްއޭ އުފެދުނު ފަހުން މިއަދާ ހަމައަށްވެސް މި އިދާރާގެ މަސައްކަތްތައް ހިންގަމުން އައީ އެކަށީގެންވާ ދާއިމީ ބިމެއް ނެތިއެވެ.
އެ އޮތޯރިޓީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާޞިލް ކުރުމަށް ހަމަޖައްސައިދެއްވި މި ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަރޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
26 ޑިސެންބަރު 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ސެންޓަރެއްގެ ގޮތުގައި އެ އިދާރާގެ މަސައްކަތް ފުރަތަމަ ފެށީ އިސްކަންދަރު ސްކޫލުގައެވެ. އޭގެ ފަހުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްގެން ޚިދުމަތް ދިނުމަށްފަހު، ގިނަ އަހަރުތަކެއް ވަންދެން މި އިދާރާގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ ދަރުބާރުގޭގައެވެ. އަދި މިހާރު ސިވިލް ސަރވިސް ކޮމިޝަން ހިންގާ މަޖީދީމަގުގައި ހުންނަ އިމާރާތަށް ބަދަލުވެ ޚިދުމަތް ދިނުމަށްފަހު، މިހާރު އޮފީސް ހިންގަމުން އަންނަނީ ގ. ރިހިޖެހިކޮށީގަ ހުންނަ ކުޑަ ޖާގައެއްގައެވެ.
ސުނާމީ ކާރިސާއަށް ފަހު މާލޭގައި ހިނގާ ދިޔަ ބޮޑެތި އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ އޮޕަރޭޝަންއާއި ކޮވިޑް19 ގައި ކުރިއަށް ގެންދިއަ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ދަރުބާރުގެއާއި އެހެނިހެން ތަންތަނުގައި ވަގުތީގޮތުން ކުރިއަށް ގެންދެވިފައިވެއެވެ. އަދި ފެންބޮޑުވެގެންނާއި އަލިފާން ރޯވެގެން ކުރިމަތިވެފައިވާ ހާލަތްތަކުގައި އަމިއްލަ ގެއިން އިވޭކުއޭޓްކޮށް، ވަގުތީބޯހިޔާވަހިކަން މިހާރުވެސް ފޯރުކޮށްދެނީ ސްކޫލްތަކާއި މިނޫންވެސް މިފަދަ ތަންތަނުގައި ކަން އެ އޮތޯރިޓީން ފާހަގަ ކުރެއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި މިއީ އެ އޮތޯރިޓީ އުފެދުނު ފަހުން މިހާތަނަށް ހާސިލުކުރެވުނު އެންމެ ބޮޑު އަދި އެންމެ ތާރީޚީ އެއް ކާމިޔާބީ ކަމަށާއި މި މުހިންމު ނިންމެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްސަ އަހައްމިއްޔަތުކަމަށާއި، މިކަމުގައި ޑިފެންސް މިނިސްޓަރ އަލްފާޟިލް އަލްފާޟިލް ޙަސަން ރަޝީދު ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލުމާއި އިރުޝާދަށް އެ އޮތޯރިޓީގެ ފަރާތުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
މި އާ ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި މިހާރަށްވުރެ އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އޮތޯރިޓީއިން ފާހަގަކުރެއެވެ.
![]()
