ގައުމުން ބޭރުގައި ހުރެފައި ގެއަށް އައިއިރު ފެނުނީ އަންހެނުންގެ ހުސްކަށިގަނޑެވެ.  (2ވަނަބައި)

Loading

September 2, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ފެޑްރާ އަހަރެން އަތްމައްޗަށް ނެގީ އޭނާއަށް ކޮޅަށް ނުހުރެވުމުންނެވެ. ދެފައި ތުރުތުރުއަޅާ ވަރުންނެވެ.އެވަރުންވެސް އަހަރެން ހިނގައިގަންނަ އިރަށް މަންމަ ސެލީނާ އައިސް ކުރިބެއްދިއެވެ.އަދި ހަލޭއްލަވަން ފެށިއެވެ.“ހަތަރު އަހަރުފަހުން އައިސް އަހަރުން ބޮޑެތި މުޖްރިމުން ނަކަށް ނުހެދޭނެއެވެ. އެބަލީގެ ފަރުވާ އެހާ އަގުބޮޑެވެ. އަނެއްކާ ރަގަޅުވާނެ ކަމެއްވެސް ނޭގެއެވެ…“ 

”ފަރުވާ އަގުބޮޑުނަމަވެސް އަހަރެން ދެލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޮނުވައިފީމެއްނޫން ހެއްޔެވެ.ކޮންމެ ޑިސެމްބަރު މަހަކު ބޯނަސް ފައިސާވެސް ފޮނުވީމެވެ.ކުޑަމިނުން ހޮސްޕިޓަލަކަށް ގެންގޮސް ބޭސިކް ސްކޭންތައް ހައްދާދިންނަމަވެސް ފަރުވާގެ ކަންތައް އޮންނާނީ ފެށިފައެވެ. އޭނަބަލިވިކަން އަހަރެންނަށް ސިއްރުކޮށްފައި ބޭއްވުންވެސް އެއީ ކަލޭމެން ވަރަށް ގޯސްކޮށް ކުރިކަމެކެވެ.“ އަހަރެން ބުނީމެވެ.

އަހަރެން ފޮނުވާ ފައިސާއަށް ހަދަނީ ކިހިނެއްތޯވެސް އަހަރެން ސުވާލެއް ނުކުރަމެވެ.އަހަރެން މަންމަ އަށް އިތުބާރު ކުރާތީއެވެ.އާއިލާ ރަގަޅަށް ބަލާ އަހަރެން ނެތިދާ ދުވަސް ތަކުގައި އަހަރެންގެ އަންހެނުންނަށްވެސް ބޭނުންވާ ރައްކާތެރިކަން ލިބެމުންދާކަމަށް އަހަރެން ހުރީ ޔަގީން ކޮށްގެންނެވެ. އެކަމަކު ކަންތައް ވެފައިމިވަނީ އެހެންނެއްނޫނެވެ.އެފަކީރު އެހާބޮޑު ބައްޔެއްވުމުން އިނީ އަޅާނުލާ މަރުވަންޏާ މަރުވާން ދޫކޮށްލާފައެވެ.ނުވަތަ އުޅުނީ ގަދަކަމުންވެސް މަރާލާށެވެ.އަނިޔާކޮށް ހިތްދަތިކޮށްގެންނެވެ.  

މަންމަ އަށާއި ފެޑްރާއަށް ކަމެއް ދަތިވިޔަ ނުދިނުމަށް އަހަރެން އައީ ދުވާލަކު 12 ގަޑިއިރުގެ ޝިފްޓް ތައް ނަގަމުންނެވެ.އުޅުނީ އެހެން ތިންމީހުންނާއެކު ކޮޓަރި ޝެއާ ކޮށްގެންނެވެ. ދަގަނޑުގެ ވަރކް ޝޮޕްތަކުގައި މަސައްކަތް ކުރަން އުޅުމުން އަހަރެންގެ ދެއަތުގައިވަނީ އެތަން މިތަން ފިހި ފޮޅުލީ ލަކުނު ތަކެވެ.

އަހަރެން ގޭތެރެއަށް ވަށާ ބަލާލި އިރު އަހަރެންގެ ލާރި ފިސާރި ރަހަޅަށް ބޭނުން ކޮށްފައި ހުރިތަން ފެނުނެވެ. އެންމެ ބޮޑު ސައިޒްގެ ޓީވީ އެއް ވަނީ އަޅުވާފައެވެ. ފަރުނީޗަރާ ހިފާގެންގުޅޭ ތަކެތިވެސް ވަނީ އައު ކޮށް އެންމެ މަތީ ފެންވަރުގެ ތަކެއްޗަށް ބަދަލުކޮށްފަ އެވެ. ބަދިގެވެސް ވަނީ މާބްލް ސްލެބް އަޅައިގެން އަލުން ހަދާފައެވެ.

އަހަރެން ފެޑްރާ ގޮވައިގެން ހޮސްޕިޓަލަށް ދިއުން ހުއްޓުވޭނެ މީހަކު މިދުނިޔެއަކު ނުހުންނާނެއެވެ.އެހެން ކަމުން ބޭރަށް ނިކުންނަން މިސްރާބުޖެހީމެވެ. ބާރަށް ހިނގާފައިދަމުން ބޭރު ރޯނުގައި ހިއްކަން އަޅުވާފައިހުރި ތަނުން ބާތުރޯބެއް އެއްއަތުން ދަމައިގަތީމެވެ. ފެޑްރާ ނިވާކުރުމަށެވެ. އަދި ބާރަށް ބޭރަށް ނިކުމެ ޓެކްސީ އެއް މަޑުކޮށް އަހަރެންދާންވީ ހޮސްޕިޓަލުގެ ނަންބުނީމެވެ. އެއީ އެސިޓީގައި ހުރި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލެވެ.އަަހަރެން ބޭނުންވީ ފުރަތަމަ ފެޑްރާ ތުރުތުރުއަޅާގޮތް ކެނޑި ހަމައަކަށް އެޅެންދެން ހޮސްޕިޓަލްގެ އަގުބޮޑު ކޮޓަރިއެއްގައި ބާއްވައިގެން ސިއްހަތު ކޮންމެވެސް ވަރަކަށް ރަގަޅުވޭތޯ ބަލާށެވެ. ކެންސަރު ހޮސްޕިޓަލަށް ގޮސް އެކަމުގެ ފަރުވާ އޭގެ ފަހުން މެދުނުކެނޑި ކުރިޔަށް ގެންދާނީއެވެ. ނަމަވެސް ހަމަ އެދުވަހު އެހޮސްޕިޓަލުންވެސް އެޕޮއިންޓްމަންޓް ހޯދީމެވެ.

އަހަރެން ހޮސްޕިޓަލަށް ދަމުން އަހަރެންގެ ލޯޔަރަށް ގުޅީމެވެ. އަދި އޭގެ ދެގަޑިއިރުފަހުން ހޮސްޕިޓަލުން އަހަރެންނާއި ބައްދަލް ކުރުމަށް އެދުނީމެވެ. 

ހޮސްޕިޓަލަށް ދެވުމަށްފަހު މޮޅު ޖެނެރަލް ޑޮކްޓަރަކަށް ދައްކާ، މަތީ ފްލޯއެއްގެ، ކުޑަދޮރުން ކަނޑު ފެންނަ ކޮޓަރިއެއްގައި އެޑްމިޓް ވުމަށްފަހު ފުރަތަމަ އަހަރެން ފެޑްރާ ފާޚާނާޔަށް ވައްދާ ރީތިކޮން ފެންވަރުވާލީމެވެ. ބޭނުންކުރީ ހޫނު ފެންނަމަވެސް ހީކަރުވާ ވަރުން އެފަކީރު ރޫރޫ އަޅައެވެ. އަހަރެން އަވަސް އަވަހަށް ފެންހިއްކާ ރޯބް ލައްވައިގެން ގެނެސް އެންދުގައި ބާއްވާ ގައިމަތިން ބޯ ކުއިލްޓް އަޅާލީމެވެ.އަދި ކެންޓީނުން ހޫނު ސުޕް އަކަށް އޯޑަރު ކޮށްގެން ގެނެސް ސުޕް ދިނުމަށްފަހު ޑޮކްޓަރު ފޮނުވާފަހުރި ތަނުން ބޭސް ދިނީމެވެ.އަދި ނިދޭތޯ ފިރުމާލަ ފިރުމާލާ ކައިރީގައި އިނީމެވެ. 

އަހަރެން އައުން އެއީ ފެޑްރާއަށް ފެންނަ ހުވަފެނެއްހެން އޭނާއަށް ހީވާކަހަލައެވެ. ލޯމަރާލައިފިނަމަ އަހަރެން ގެއްލިދާނެތީ އުޅޭ ކަހަލައެވެ.ލޯމެރިލާފަވެސް ކުޑައިރުކޮޅެއްވާއިރަށް އަނެއްކާ ތެޅިގަނެފައި ދެލޯހުޅުވައެވެ.އަދި އަހަރެން ކޮބާތޯ ބަލައެވެ. އޭނާ ކުޑަކޮށް ހަމައަކަށް އެޅި ނިދޭގޮތްވީ ގަޑިއެއްހާއިރު ފަހުންނެވެ.

އަހަރެންލޯޔަރާ ބައްދަލް ކޮށް ހުރިހާ ވާހަކައެއްކިޔާދިނީމެވެ. ފެޑްރާ އަށް އަވަސް ފަރުވާ ހޯދާ ނުދިންކަން އެއީ ޑޮމެސްޓިކް ވަޔަލަންސްގެ އިތުރުން މެޑިކަލް ނެގްލިޖަންސް ކަމުގައި އޭނާ ބުންޏެވެ.އަދި އެކަމަކީ ބޮޑު އަދަބު އަންނަ ކަމެއްކަމަށް ވެސް ބުންޏެވެ. އިތުރަށް ވާހަކަ ދެއްކުމުން އޭނާ ލަފާ ދިނީ މަންމަމެން އަހަރެންގެ ލާރި ބޭނުންކޮށްގެން ކޮށްފައިހުރި ޚަރަދު ތަކުގެ ހެކި ނުވަތަ ލިއުންތައް ފުރަތަމަ ހޯދުމަށެވެ.އޭރުން އެމީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ފަސޭހަވާނެ ކަމަށް ބުންޏެވެ.

އަހަރެން ގެޔަށްގޮސް ފެންސް ކައިރީ ފިލާހުރި ވަގުތު އަހަރެން ސިއްރުން ނެގި ވީޑިއޯ ތަކެއްވެސް އަހަރެން ލޯޔަރަށް ހިއްސާ ކުރީމެވެ.އެބެލި ކޮންމެމީހެއްގެ ހިތަށް ވެސް އަސަރު ކުރާނެއެވެ.ފެޑްރާ އެވަގުތު އުޅުނު ގޮތުންނެވެ.ކޮޅަށް ތެދުވާނެ ވަރުވެސް ގައިގައި ނެތިގެންނެވެ.

އޭގެ ދެދުވަސްފަހުން އަހަރުމެން ތިބިތަނެއް ހޯދައިގެން މަންމައާއި ދެކޮއްކޮ ހޮސްޕިޓަލަށް އައެވެ.އޭރު އަހަރެން ވަނީ ފެޑްރާކައިރީ 24 ގަޑިއިރު ހުންނާނެ ނަރުހުން ވެސް ހޯދާފައެވެ. 

މަންމަ ސެލީނާ އާއި ފިރިހެން ކޮއްކޮ ޖިއޮފްރީ އަދި އަންހެން ކޮއްކޮ އައިސް މާކަންބޮޑުވެގެން ކަމަށް ހެދިގަނެގެން އުޅެގަތެވެ. އަދި ހޮސްޕިޓަލުގައި ތިބެދޭންވެސް ތައްޔާރުކަމަށް ބުނަމުން ގެންދިޔައެވެ.

ހޮސްޕިޓަލަށް އައިސް މާގިނައިރެއް ނުވެއެވެ. މަންމަ އެއްކަލަ އެއްމިލިއަން ޑޮލަރުގެ ވާހަކަ ދައްކަން ފެށިއެވެ.ޖިއޮފްރީ ވަނީ އެކި ތަންތަނަށް ދަރާފައި ކަމަށާ ފައިސާ އަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ބުންޏެވެ. އަދި ފެޑްރާއަށް މަތީފެންވަރުގެ ފަރުވާ ދިނުމަށްވެސް އެފައިސާ ހުންނާނެނޫންހޭ ބުންޏެވެ.

އަހަރެން ބުނީމެވެ. އިންޓަރނޭޝަނަލް ބޭންކިންގަވާއިދުތަކާހުރެ އެފައިސާ ހުރީ އަދިވެސް ހިފަހައްޓާފައެވެ. ފައިސާ ރިލީސް ކުރުމަށްޓަކާ އަހަރެން ފާއިތުވި ހަތަރު އަހަރުތެރޭ ފޮނުވި ފައިސާއަށް ކުރި މައިގަނޑު ކަންތަކުގެ ބިލުތަކާއި ލިއުންތައް ބޭނުންވާނެ ކަމަށް އޭޖެންޓް ބުނެފައިވާކަމަށް އަހަރެން ބުނީމެވެ.

އެއީ ހަމަ ތެދެއް ކަމަށް މަންމައާއި ޖިއޮފްރީ ގަބޫލުކުރިއެވެ.އަދި ދެން އަންނަ ފަހަރަކުން ހުރިހާ ލިއުންތަކާއި ބިލުތައް ގެންނާނެ ކަމަށް ބުންޏެވެ. އަދި ސޮއި ކުރަންޖެހޭ ކޮންމެ އެއްޗެއްގައި ސޮއި ކުރާނެ ކަމަށް ވެސް ބުންޏެވެ.

ސިޓިންގ އޭރިޔާގައިތިބެ ފައިސާބަހާނެ ގޮތަކާމެދު އެދެމީހުން އޭރުވެސް ޒުވާބުކޮށްކޮށް ތިއްބާ އަހަރެން ގޮސް ފެެޑްރާ އޮތް ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ލައްޕާލީމެވެ.

މަންމަމެންގެނައި ލިއުންތަކުންހާމަވި ގޮތުގައި ޖިއޮފްރީވަނީ އަހަރެންގެ ލާރި ބޭނުން ކޮށްގެން ސިޓީތެރޭގައި އަގުބޮޑު އޮޓޯގަރާޖެއްވެސް ހުޅުވާފައެވެ. އެދުވަހު އެމީހުން އައުމުން އަހަރެންގެ ވަކީލު ދިން ލިއުންތަކެއްގައި އެމީހުން ލައްވާ ސޮއި ކުރުވީމެވެ.

ތިން ދުވަހު ޕްރައިޓް ހޮސްޕިޓަލުގައި ތިބެ ފެޑްރާ ގައިގައި ކުޑަކޮށްް ވަރުޖެހިލުމުން އެންމެ މަތީ ކެންސަރު ހޮސްޕިޓަލަށް އަހަރުން ބަދަލުވީމެވެ.އެތަނުގެ މެޑިކަލް ޓީމްތަކުން އަވަސް އަވަހަށް ހަރަކާތްތެރިވާން ފެށިއެވެ.ވަގުތުން އައިވީ ގުޅާ، ވަރުޖެހޭނެ ކާއެއްޗެތިދީ އަދި ހަދަން ޖެހޭ ސްކޭންތައް ހެދުމުގެ މަސައްކަތް އަވަހަށް ފެއްޓިއެވެ.

މެޑިކަލް ޓީމް ތަކުން ފެޑްރާއަށް ފަރުވާ ދެމުންގެންދިޔައިރު އަހަރެން ގެންދިޔައީ އަހަރެންގެ އެޓާނީ އާއި ބައްދަލް ކުރަމުންނެވެ.އޭނަކިޔާދިން ގޮތުގައި މަންމަމެން ކުރި ކުށުގެ ބޮޑުކަމުން ގެއާއި ކާރާއި އޮޓޯ ގަރާޖާއި އެހެންވެސް އެފަދަ މުދަލުގެ މިލްކްވެރިކަން އަހަރެންނަށް ކޯޓުން ދޭނެކަން ޔަގީނެވެ.   

ފައިސާ ރިލީސް ވާނެ ކަމަށް ބުނި ދުވަހު މަންމަމެން ވަރަށް ނަލަ ހެދިގެން ހޮސްޕިޓަލަށް އައެވެ.އެމީހުން އައީ ކޮންމެހެން ފެޑްރާ ދެކިލާކަށް ނޫނެވެ. އެމީހުންނަށް ލިބެންޖެހޭކަމަށް އެމީހުން ގަބޫލުކުރި ލާރިގަނޑު ބަލައެވެ.ނަމަވެސް އަހަރެންގެ އެންގުމަށް އެމީހުން ފުރަތަމަ ގެންދެވުނީ ހޮސްޕިޓަލުގެ މީޓިންގ ރޫމް އަކަށެވެ. އެތަނުން އެމީހުންނާ ބައްދަލް ކުރީ ދެފުލުސް އޮފިސަރުންނާއި އަހަރެންގެ ވަކީލެވެ. މަންމަ ހައިޜާން ވެގެން ބުންޏެވެ.“ޑޭމިއަން މިއީ ކޮން ކަމެއް ހެއްޔެވެ.؟“ އެވަގުތު އަހަރެންގެ ވަކީލު ހުރިހާ ކަމެއް ސާފުކޮން ކިޔާދިނުމަށްފަހު މަންމަ ސެލީނާ ބުންޏެވެ. ”އަންހެނަކާ ހެދި އަމިއްލަ މަންމަ ނެރެ މަގުމައްޗަށް އެއްލާލަނީ ހެއްޔެވެ.؟“

އަހަރެން ބުނީމެވެ. ”އަހަރެން ފޮނުވާ ފައިސާއިން އެފަދަ ބޮޑު ފައިދާ ނަގަމުން ދަމުންވެސް އަހަރެންގެ އަންހެނުންނަށް ބޭނުންވާ ފަރުވާދީ އޭނާޔަށް އޯގާތެރިވީނަމަ މިދުވަސް ދެކޭކަށް ނުޖެހޭނެއެވެ.އޭނަޔަށް މަންމަމެން ހިތީ ”ޓްރޭސް“ ނުވަތަ ކުނިގަޑަކަށް ހިތާހިތުމެވެ. މުހިންމު ފަރުވާއަކަށް ބޭނުންވި ހިނދު އޭނައަތުގައި އެންމެ ފައިސާފޮއްޗެއްވެސް ނެތީ މަންމަމެން ކަންތައް ކުރި ގޮތުންނެވެ. ހާލުގައި ޖެހޭ ދުވަހު އަތުގައި އެއްވެސް އެއްޗެއް ނެތުމުން ކުރެވޭ އިހުސާސް މަންމަމެންވެސް ކޮށްލުމަށް މިއަދު އަހަރެން ހަގީގަތުގައިވެސް ބޭނުމެވެ.“

މިވަރުންވެސް މަންމަ ދުލެއް ނުކުރިއެވެ. އަހަރެންނަށް ލިބުނު މިލިއަން ޑޮލަރުން ބައެއް އެމީހުންނަށް ދޭން ޖެހޭނެ ކަމަށް ބުންޏެވެ. އެއީ އެމީހުންގެވެސް ހައްގެއް ކަމަށް ބުންޏެވެ. އަހަރެން ބުނީމެވެ. ”އެ ފައިސާ މިހާރު ހުންނާނީ އަންހެނުން ފެޑްރާގެ ނަމުގައި އަހަރެން ހުޅުވި މެޑިކަލް ޓްރަސްޓް ފަންޑެއްގައެވެ.އެޔަކަށް އެކަކަުގެވެސް ބާރެއް މިއަދަކު ނުފޯރާނެއެވެ.އިރާދަ ކުރެއްވިއްޔާ އެފައިސާއިން އަހަރެންގެ ފެޑްރާ ގެ ބައްޔަށް ފުރިހަމަ ފަރުވާދެވި އޭނާ އެކަމުން ސަލާމަތް ކުރެވޭނެއެވެ.“

މިއާއެކު ދެފުލުހުން މަންމައާއި ޖިއޮފްރީގެ އަތުގައި ބިޑިއަޅުވައިގެން ގޮވައިގެން ހިނގައްޖެ އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް