ގދ. ތިނަދޫގައި ހައުސިން މަޝްރޫއު ކުރިއަށްގެންދާ ކުންފުނި ސްވިފްޓް އިންޖިނިއަރިނގް އިން ތިނަދޫ ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅުމުން އެ ކުންފުނި ޖޫރިމަނާކޮށްދޭން ކައުންސިލުން އެދިއްޖެއެވެ.
ތިނަދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ސްވިފްޓް އިންޖީނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ތިނަދޫގެ މޭޔަރު ސައުދު އަލީ ސޮއިކުރައްވައި އެންވަރަން މިނިސްޓްރީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސްވިފްޓް އިންޖީނިއަރިން ކުންފުނިން، ތިނަދޫގެ 6،923 އަކަފޫޓުގެ ކުޅިއަށް ޑީ ވޯޓަރިން ކޮށްފައިވާ ކަމަށެވެ. އަދި ބަޔަކު ވަނީ އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި ކަމަށް ސައުދުގެ ސިޓީގައި ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އެފަދަ ކަންކަމަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި
ރަށުގެ ދެކުނު ފަރާތުގައި އޮންނަ ކުޅިއަށް ސްވިފްޓް އިންޖީނިއަރިން ކުންފުނިން ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅިކަން ކަށަވަރުވެފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.
މިގޮތުން، ސްވިފްޓް އިންޖީނިއަރިން ކުންފުނި ޖޫރިމަނާކޮށް، ފިޔަވަޅު އަޅައިދިނުމަށް ސައުދުގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
![]()
