އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމީ އެ ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި މި ރޮނގުން މަތީ ތަޢުލީމު ފުރިހަމަކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމަކީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހާ ގުޅިގެން، ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަރިވަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ، މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް، ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމުކަމަށެވެ. އަދި ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އިންޖިނޭރިންގެދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދަރިވަރުން ވަނީ ކިޔެވުމުގައާއި ޢަމަލީ މައިދާނުގައި ދިމާވާ ދަތިތައް، ރައީސްއާ ހިއްސާކޮށްފައެވެ. އެގޮތުން ލެބޯޓަރީއާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ނެތުމުގެ ސަބަބުން ޢަމަލީ ތަޖުރިބާ (ހޭންޑްސް-އޮން އެކްސްޕީރިއެންސް) ހޯދުމަށް ހުރަސްތަކެއް ހުރިކަން ދަރިވަރުން ފާހަގަކުރިއެވެ. އަދި އާކިޓެކްޗަރ ދަރިވަރުންނަށް ޚާއްޞަ ސްޓޫޑިއޯތައް ނެތުމާއި، ރާއްޖޭގައި އެދާއިރާއިން މާސްޓަރސް ލެވެލްއަށް ކިޔެވޭނެ އިންތިޒާމު ނެތުމުގެ މައްސަލަވެސް ދަރިވަރުން ފާހަގަކުރިއެވެ. މީގެއިތުރުން، ޤަވާއިދާ ޚިލާފަށް ބިދޭސީންނަށް ވަޒީފާގެ ފުރުޞަތުތައް ލިބެމުންދާތީ، ސަނަދުލިބިފައިވާ ދިވެހި އިންޖިނޭރުންނަށް ވަޒީފާ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރިއެވެ.
ދަރިވަރުންގެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، ސިޔާސަތެއްގެ ގޮތުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމެވީވެސް މި ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައިކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާން، ދިވެހިން މި ދާއިރާއިން ކިޔަވައިގެން ނިކުތުމުން ވަޒީފާ ނުލިބޭންވީ ސަބަބެއް އޮވެގެންނުވާނެ ކަމަށާއި، ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ފަސޭހައިން ވަޒީފާ ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގދާއިރާއަށް އިސްކަންދެއްވާނެ ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޔުނިވަރސިޓީ ތެރެއިން ރަނގަޅު ތަޢުލީމީ ފުރުޞަތުތަކާއި ވަސީލަތްތައް ހަމަޖައްސަވައިދެއްވައި، ދާއިރާގެ ޤަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ފާއިތުވެ ދިޔަ 2025ވަނަ އަހަރުއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.
![]()
