އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ފާޠިމަތު ޒަހިއްޔާއެވެ.
މި މައްސަލާގައި ބުނެފައިވަނީ، އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކާމެދު ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަން ހޯދުމަށް އެދިވަޑައިގެންފައެވެ.
މައްސަލަ ހުށަހަޅުއްވަމުން ޒަހިއްޔާ ވިދާޅުވީ، މާލެ ސިޓީގައި އާންމުން އެއްވާ އެކި ތަންތަނުގައި (ޚާއްޞަކޮށް ޕާކުތަކަށް ކުޑަކުދިން ގޮވައިގެން މައިންބަފައިން ހިތްފަސޭހަކޮށްލަން ގޮސް އުޅޭއިރު) ކައިރީގައި ތިބޭ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އުނދަގޫ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.
އަދި މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް، ޞިއްޙީގޮތުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަންވެސް ޒަހިއްޔާ ފާހަގަކުރެއްވިއެވެ.
![]()
