އެންމެ ގިނައިން މީހުން ޒިޔާރަތް ކުރާ ތަންތަނުގެ ލިސްޓުގައި މައްކާ އަދި މަދީނާ

Loading

Facebook
Twitter
WhatsApp

2025 ވަނަ އަހަރު 19.5 މިލިއަން ހައްޖު އަދި އުމްރާވެރިން ސައޫދީ އަރަބިއްޔާއަށް ޒިޔާރަތް ކޮށްފައި ވީނަމަވެސް، އެންމެ ގިނައިން މީހުން ޒިޔާރަތް ކުރި ތަންތަނުގެ ލިސްޓުން މައްކާއަށް ލިބިފައިވަނީ 5ވަނަ އެވެ. އަދި މަދީނާއަށް ލިބިފައިވަނީ ހަތްވަނަ އެވެ.

     


2025 ވަނަ އަހަރު 18.03 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައޫދީއަރަބިއްޔާއަށް ޒިޔާރަތް ކޮށްފައިވާއިރު، 1.5 މިލިއަން މީހުން ހައްޖުވުމަށްޓަކާ އެގައުމަށް ގޮސްފައިވެއެވެ. މިއަދަދު ތަކަށް ބަލާއިރު އުމްރާ ގެ އަޅުކަން އަދާކުރުމަށް 2022 ވަނަ އަހަރު ދިޔަމީހުންނަށްވުރެ 114 ޕަސެންޓް އިތުރަށް 2025 އަހަރު މީހުން ގޮސްފައި ވެއެވެ.

”ދޮޔޮފް އަލް ރަހްމާން“ ނުވަތަ ”ﷲގެ މެހްމާނުން“ ގެ ނަމުގައި ނެރޭ އަހަރީ ރިޕޯޓާއި ހަވާލާދީ ސައޫދީ ގެޒެޓްގައި ބުނެފައިވާ ގޮތުން މެހްމާނުންގެ އަދަދު މިހާމައްޗަށް ދިއުން ދައްކާދެނީ ”ސައޫދީ ވިޝަން 2030“ ގެ ދަށުން މުޅި ސިސްޓަމް މެހްމާނުންނަށްޓަކާ ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމެވެ.
ރިޕޯޓްގައިވާ ގޮތުން ޚިދުމަތް ތަކާމެދު ހައްޖުވެރިން ހިތްހަމަ ޖެހުނު މިންވަރު 91 އަށް އަރާފައިވާއިރު އުމްރާވެރިންގެ ހިތްހަމަ ޖެހުން ވަނީ 94 ޕަސެންޓަށް އަރާފައެވެ. މިއީ ”ވިޝަން 2030“ ގައި ކަނޑައަޅާފައިވާ ޓާގެޓް އަށް ވުރެ ބޮޑު ހާސިލް ވުމެއްކަމަށް ރިޕޯޓް ގައި ފާހަގަ ކޮށްފައި ވެއެވެ.
”ގެސްޓްސް އޮފް ގޯޑް“ ސަރވިސް ޕްރޮގްރާމުން ފާހަގަ ކުރާގޮތުގައި މިހާމަތީ ހިތްހަމަ ޖެހުމެއް ހާސިލް ކުރެވިފައިވަނީ ހައްޖު އަދި އުމްރާވެރިން އަމިއްލަ ގައުމުން ދަތުރު ފެށީއްސުރެ އެމީހުންނަށް އެނބުރި ގައުމަށް ދެވެންދެން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް އެމީހުންނަށް ކުރެވޭ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.
2025 ވަނަ އަހަރު ކީރިތި ރަސޫލާގެ މިސްކިތްކޮޅުގެ ރައުދާ އަލް-ޝަރީފް އަށް 16 މިލިއަން މެހްމާނުން ޒިޔާރަތް ކޮށްފައިވާއިރު މެހްމާނުންގެ ހިތްހަމަޖެހުން 88 ޕަސެންޓަށް އަރާފައިވެއެވެ. 2022 ވަނަ އަހަރު މިއަދަދު ހުރީ 57 ޕަސެންޓުގައެވެ.
ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު ހައްޖު އަދި އުމްރާވެރިންގެ ފަސޭހައަށްޓަކައި 60 އަށް ވުރެގިނަ ތަފާތު އެހެން ފަރާތްތަކާ ގުޅިގެންވެސް 87 އިނީޝިއޭޓިވް ފުރިހަމަ ކޮށްފައި ވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ޝަގާފީގޮތުން މުހިންމު ސައިޓް ތައް އާލާކުރުމުގެ ސަބަބުން އެފަދަ ތަންތަނުގެ އަދަދު 87 އަށް އިތުރު ވެ، މިތަންތަން ބެލުމަށް 55 މިލިއަން މެހްމާނުން ޒިޔާރަތްކޮށްފައި ވެއެވެ.އަދި މިކަމުގެ ސަބަބުން ސައޫދީ އަރަބިއްޔާގެ މުއްސަނދި އިސްލާމީ ތާރީޚާއި ޝަގާފަތް ދެކިލުމުގެ ފުރުސަތު ދެވިފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.
2025 ވަނަ އަހަރު ހައްޖު ވެރިންނަށާ އުމްރާވެރިންނަށް ޚިދުމަތް ކުރުމަށް 184،000އަންހެނުންނާއި ފިރިހެނުން ވޮލަންޓިއަރ ކޮށްފައިވާކަމާއި މިކަމުން ވޮލަންޓިއަރ ކުރުމުގެ ރޫހު އާލާވަމުންދާކަން ފާހަގަކޮށްފައި ވެއެވެ.
އެންމެ ގިނައިން މީހުން ޒިޔާރަތް ކުރާ ތަންތަނުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ތައިލަންޑް ގެ ބެންގކޮކް އެވެ. ބެންގކޮކަށް 30.3 މިލިއަން މީހުން ޒިޔާރަތް ކޮށްފައިވާއިރު ދެވަނައިގައި އޮތް ހޮންގކޮންގ އަށް 23.2 މިލިއަން މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް