އީރާނާއި މެދުއިރުމަތީގެ ބައެއް ގައުމުތަކާއެކު ޑިޕްލޮމެޓިކް އެއްބަސްވުމަކަށް ދިއުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާތީ، އީރާނަށް ދޭން ރޭވި އަސްކަރީ ހަމަލާ ކެންސަލް ކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ. މި ނިންމުމާއެކު، އަސްކަރީ ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، ސަރަހައްދީ ބޮޑު ހަނގުރާމައެއް ހުއްޓުވިދާނެ ކަމުގެ އުންމީދެއް ވަނީ އުފެދިފައެވެ.
ޓްރޫތް ސޯޝަލްގައި އާންމުކުރެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، ”ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުފެންނަ ފަދަ“ ވަރުގަދަ އަސްކަރީ ބާރެއް ބޭނުންކޮށްގެން އީރާނަށް ހަމަލާދޭން އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. ނަމަވެސް، އެއްބަސްވުމެއްގެ ”އިންތައް“ ކަނޑައެޅިފައިވާތީ، އަސްކަރީ ފިޔަވަޅު އެޅުން ފަސްކުރުމަށް އީރާނާއި ސަރަހައްދީ އެހެން ސަރުކާރުތަކުން ވޮޝިންޓަނުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ހުށަހެޅިފައިވާ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ތެޔޮ އުފުލާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ވަގުތުން އަލުން ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއަރު ނުރައްކާ ނައްތާލުމަށް އަޅާ ފިޔަވަޅުތައް ހިމެނެއެވެ. އަދި އަސްކަރީ ފިޔަވަޅު ފަސްކުރުމުގެ ނިންމުމަށް އިސްރާއީލުން ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ހަމަލާ ކެންސަލް ކުރުން ބިނާވެފައިވަނީ ޑިޕްލޮމެޓިކް ގޮތުން އަވަސް ކުރިއެރުންތަކެއް ލިބުމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ފަހުން ވިދާޅުވީ، ވޮޝިންޓަނުން ދާދި ފަހުން ހިންގި އަސްކަރީ ކެމްޕޭނުގެ ސަބަބުން އެމެރިކާގެ މަޝްވަރާ ކުރުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރޫބިއޯ ވިދާޅުވީ، އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންނާއި، މިސައިލް ދިފާއީ ނިޒާމުތަކާއި، މިސައިލް ފޮނުވާ ނިޒާމުތަކުގެ އިތުރުން ހަތިޔާރު އުފައްދާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އީރާނުގެ އަތުގައި އަދިވެސް ގެއްލުން ދެވޭ ފަދަ މިސައިލާއި ޑްރޯން ހުރިކަން ގަބޫލުކުރައްވަމުން އޭނާ ވިދާޅުވީ، އެ ގައުމުގެ އާދައިގެ އަސްކަރީ ދިފާއީ ބާރުގެ ބޮޑު ބައެއް ގެއްލިފައިވާ ކަމަށާއި، މީގެ ސަބަބުން ނިއުކްލިއަރު ޕްރޮގްރާމާއި ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރަން އެ ގައުމުން ބޭނުންވެފައިވާ ކަމަށެވެ.
ޑިޕްލޮމެޓިކް ކުރިއެރުންތަކެއް ހުރި ނަމަވެސް، މުޅި ސަރަހައްދުގައި ނުތަނަވަސްކަން އަދިވެސް އޮތީ ވަރަށް ބޮޑަށެވެ. އިރާގުގެ އުތުރުގައި، ސުލައިމާނިއްޔާގައި ހުންނަ ކުރުދީ ޕެޝްމާގާގެ 70 ވަނަ ބްރިގޭޑްގެ މައި މަރުކަޒު ކައިރިއަށް ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން ބޮޑު އަލިފާންގަނޑެއް ވަނީ ރޯވެފައެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް، ސަރަހައްދީ މީޑިއާތަކުން މި ހާދިސާ ގުޅުވަނީ އީރާނުގެ މަދަދުލިބޭ ހަތިޔާރު އެޅި ގްރޫޕްތަކާއެވެ.
މިދަނޑިވަޅުގައި، އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ދަނީ އިތުރު 10 ވަރަކަށް އޭރިއަލް ރިފިއުލިންގް ނުވަތަ ވައިގެ ތެރޭގައި ތެޔޮ އަޅާ މަތިންދާބޯޓު އިސްރާއީލަށް ފޮނުވަން ތައްޔާރުވަމުންނެވެ. މިއީ މިހާރުވެސް އެ ގައުމުގައި ތިބި 30 އަށްވުރެ ގިނަ ބޯޓުގެ އިތުރަށް ފޮނުވާ ބޯޓުތަކެކެވެ.
އީރާނުގެ އޮފިޝަލުން ވެސް ގެންދަވަނީ އެމެރިކާގެ އެއްވެސް އަސްކަރީ ފިޔަވަޅަކާ ދެކޮޅަށް އިންޒާރު ދެއްވަމުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިބްރާހިމް ރެޒާއީ ވިދާޅުވީ، ތެހެރާނުގެ ރައްދު ހަމައެކަނި ގަލްފް ސަރަހައްދަށް ހަނިނުވާނެ ކަމަށާއި، އީރާނަށް ހަމަލާދީފިނަމަ މުޅި މެދުއިރުމަތީގައި ހުރި ދުޝްމަނުންގެ މަރުކަޒުތަކާއި ހަކަތައިގެ ވަސީލަތްތަކަށް ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި ފަހުގެ ކުރިއެރުންތަކުން ފެންނަނީ ޑިޕްލޮމަސީއާއި އަސްކަރީ ކުރިމަތިލުމެއްގެ ނުރައްކަލާ ދެމެދު އޮތް ނާޒުކު ބެލެންސެކެވެ. މިހާރު ކުރިއަށްދާ މަޝްވަރާތަކުން ކަނޑައެޅިގެންދާނީ މި ސަރަހައްދު މިސްރާބު ޖަހާނީ ނުތަނަވަސްކަން ކުޑަވުމާ ދިމާލަށްތޯ ނުވަތަ އާ ހަނގުރާމައަކާ ދިމާލަށްތޯއެވެ.
![]()
