އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ވޮޝިންޓަނާ އެންމެ ވަރުގަދަ ގުޅުމެއް ބާއްވާ އިޒްރޭލުގެ ލީޑަރުގެ ގޮތުގައި އޮތް މަގާމާ މެދު، ސިޔާސީ އަދި ސަރަހައްދީ ބަދަލުތަކާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާއިރު، އިތުރު ސުވާލުތަކެއް ދަނީ އުފެދެމުންނެވެ.
އަހަރުތަކެއް ވަންދެން ނަތަންޔާހޫ ދައްކަމުން އައީ އެމެރިކާގެ ލީޑަރުންނާ އޮންނަ ގާތް ގުޅުމަކީ އިޒްރޭލުގެ މަސްލަހަތު ހިމާޔަތްކުރުމަށް އޭނާއަށް ލިބިފައިވާ ގާބިލުކަމުގެ ހެއްކެއްގެ ގޮތުގައެވެ. އެމެރިކާގެ ސިޔާސީ މަސްރަހު އޭނާއަށް އެނގުމާއި ރައީސުންނާ އޮންނަ ގުޅުމަކީ އޭނާގެ ސިޔާސީ ސޫރައިގެ މުހިންމު ބައެކެވެ. ނަމަވެސް، ވޮޝިންޓަނާއި ގުދުސްއާ ދެމެދު އުފެދެމުންދާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މި ފުރުސަތު ހަނިވަމުންދާ ކަމަށް މުހައްލިލުން ބުނެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭން ފެށުނު ފަހުން ޓްރަމްޕާ އެކު ބާއްވާ ފުރަތަމަ ބައްދަލުވުން މި އައީ އިޒްރޭލުގެ ލީޑަރަށް ދަތި ދަނޑިވަޅެއްގައެވެ. އޮކްޓޯބަރު މަހުގެ ފަހުކޮޅު އޮންނަ އިންތިހާބާއި، ކުރިއަށްދާ ކޮރަޕްޝަންގެ ޝަރީއަތާއި، އަދި ހައްލުނުވެ ހުރި ސަރަހައްދީ ހަމަނުޖެހުންތަކާ ނަތަންޔާހޫ ކުރިމަތިލާން ޖެހިފައިވެއެވެ. މި ދަތުރަކީ ވައިޓް ހައުސްގެ ވަރުގަދަ ތާއީދު އަދިވެސް އޭނާއަށް އޮތްކަން އިޒްރޭލުގެ ވޯޓުލާ މީހުންނަށް ދެއްކުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބެލެވެއެވެ.
ބޭރުފުށުން އެކުވެރިކަން ދެއްކި ނަމަވެސް، ދެ ލީޑަރުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ޓްރަމްޕަށް ބާރުއެޅީ ނަތަންޔާހޫ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ހާއްސަކޮށް އެ ހަމަނުޖެހުމުން އުންމީދުކުރި ނަތީޖާ ނުލިބުމުންނެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާއާއެކު ނިއުކްލިއާ އެއްބަސްވުމެއް އެކުލަވާލުމަށް އެމެރިކާއިން ގެންގުޅޭ ރޭވުންތަކާއި، ތުރުކީއަށް އެފް-35 ފައިޓާ ޖެޓް ވިއްކުމާ މެދު ވެސް ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ. އިޒްރޭލުން މިކަންކަމާ ދެކޮޅު ހަދައެވެ.
އިޒްރޭލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އެލޮން ޕިންކަސް ވިދާޅުވި ގޮތުގައި، ނަތަންޔާހޫގެ މި ދަތުރަކީ ބޮޑަށް ސިޔާސީ ދަތުރެކެވެ. އޭގެ ބޭނުމަކީ ޓްރަމްޕާ އޮތް ގުޅުން އަދިވެސް ވަރުގަދަކަން އިޒްރޭލުގެ ސަޕޯޓަރުންނަށް ޔަގީންކޮށްދިނުމާއި، ކޮރަޕްޝަންގެ ޝަރީއަތް ކުރިއަށްދާއިރު ތާއީދު ހޯދުމެވެ.
އެމެރިކާގެ ތެރެއިން ވެސް ނަތަންޔާހޫގެ މަގާމަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ކޮންޒަވޭޓިވް ބައެއް ފަރާތްތައް ކަމަށްވާ ކޮމެންޓޭޓަރު ޓަކާ ކާލްސަން އާއި ކުރީގެ ކޮންގްރެސް މެންބަރު މާޖަރީ ޓޭލާ ގްރީން ވަނީ އޭނާގެ ސިޔާސަތުތަކާ މެދު ސުވާލު އުފައްދާފައެވެ. ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ އިޒްރޭލުގެ ބައެއް އޮފިޝަލުންގެ އަމަލުތަކަށް ފާޑުވިދާޅުވެ، އީރާނުގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސްއެޅޭ ކަމަށް ވިދާޅުވެފައެވެ.
އިޒްރޭލަށް ބެލުމެއް ނެތް، އަމިއްލަ ގޮތުން ނިންމުންތައް ނިންމުމަށް ތައްޔާރަށް ހުރި ކަމުގެ ނިޝާންތައް ޓްރަމްޕް ވަނީ ދައްކަވާފައެވެ. ތުރުކީއަށް އެފް-35 ވިއްކުމާ މެދު އުފެދުނު ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، ”އަހަރެމެން ވިއްކަންވީ އެއްޗެއް ބުނެދޭނެ އެކަކުވެސް ނުހުންނާނެ“ ކަމަށެވެ. މިއީ ވޮޝިންޓަނުގެ ވަކި ސްޓްރެޓީޖިކް މަސްލަހަތުތަކެއް ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
މުހައްލިލުން ގަބޫލުކުރާ ގޮތުގައި، އަމިއްލަ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ޓްރަމްޕާއި ނަތަންޔާހޫގެ ބައްދަލުވުމުން ފެންނާނީ އެއްބައިވަންތަކަމުގެ މަންޒަރެކެވެ. އިންތިހާބުގެ ކުރިން ޓްރަމްޕާ އޮތް ގުޅުން ނަތަންޔާހޫ ފާހަގަކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ވޮޝިންޓަނާ ގުޅުން ބޭއްވޭނެ ހަމައެކަނި ލީޑަރަކީ އޭނާ ކަމަށް ދެއްކުމަށް އޮތް ގާބިލުކަން ކުރިއާ ގާތަށް ވެސް މިހާރު ނެތް ކަމަށް މާހިރުން ބުނެއެވެ.
![]()
