ވިލިމާލޭގައި އެފްއެސްއެމުން ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަދޭން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ވިލިމާލޭގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތަރައްގީކުރާ ފިއުލް ޝެޑުން، ބޯޓުފަހަރަށް ފެން ވިއްކުމަށް ބޭނުންވާ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ވިލިމާލެ ފަދަ ޑިމާންޑް ކުޑަ ސަރަހައްދެއްގައި ވިޔަފާރި ދެކޮޅުޖެއްސޭނީ، ތެލުގެ އިތުރުން ފެން ފަދަ ޚިދުމަތްތައް ވެސް ދީގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި، ކައުންސިލްގެ އެހީތެރިކަން ދިނުމަކީ އެ ކުންފުނިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، އެއް ތަނަކުން ތެލާއި ފެން ލިބެން ހުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. ”ރައްޔިތުންނަށް ތެލާއި ފެން، އެއްތާކުން ލިބެންޏާ ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ. އަދި މާލޭގެ ދެކުނުފަރާތުގައި ހުންނަ ލޯންޗުފަހަރަށް، ވިލިމާލެއިން ފެނާއި ތެޔޮ ލިބޭނަމަ އެ ސަރަހައްދަށް ޑައިވާޓް ކުރެވޭނެ،“ ޢާޒިމް ވިދާޅުވިއެވެ. މީގެ ސަބަބުން މާލޭގެ ބަނދަރަށް ބާރުބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރ ޢާޒިމްގެ ވާހަކަފުޅަށް ތާއީދުކުރައްވައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިޟްވާން ޢަލީ ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތެއް ދެވެން އޮތް ކޮންމެ ކަމެއްގައި ކައުންސިލުން އެއްބާރުލުން ދޭންޖެހޭނެކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި ހުއްދަ ދިނުމަށް ކައުންސިލުން ނިންމުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި ވިލިމާލެ ފިއުލް ޝެޑުން ތެލުގެ އިތުރުން އޮނޑިދޯނިފަހަރަށް ބޭނުންވާ ފެން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މިއީ ވިލިމާލެ ސަރަހައްދުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް